Support Us

މޯލްޑިވިއަނުން ޓްރިވެންޑްރަމާއި ކޮޗިންއަށް ހަފުތާއަކު ފަސް ދަތުރަށް އިތުރުކޮށްފި

މާލެއިން ޓްރިވެންޑްރަމް އަދި ކޮޗިން އަށް ކުރާ ދަތުރުތައް ހަފުތާއަކު ފަސް ދަތުރަށް މޯލްޑިވިއަނުން އިތުރުކޮށްފިއެވެ.

ގައުމީ އެއަރލައިން އިން މިއަދު ބުނީ މިއީ ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކުރުމަށާއި ސަރަހައްދީ ގުޅުންތައް ފުޅާކުރުމަށްޓަކައި އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިތުރުކުރި ދަތުރުތަކެއް ކަމަށެވެ. މި ބަދަލާއެކު، ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް މޯލްޑިވިއަނުން ދެކެއެވެ.

އެއް ގަޑިއިރަށް ވުރެ ކުރު މި ދަތުރުތައް ހަމަޖައްސައިފައިވަނީ މޯލްޑިވިއަންގެ އެއަރބަސް A320 ބޯޓުގައެވެ. އިކޮނޮމީ ކުލާހުން ދަތުރުކުރާ މީހުންނަށް 20 ކިލޯގެ ލަގެޖު އެލަވަންސާއި ކެޔުން ހަމަޖެހޭނެއެވެ. ޕްރީމިއަމް އިކޮނޮމީ ކުލާހުން ދަތުރުކުރާ މީހުންނަށް ޗެކިންކުރުމުގައި އިސްކަންދީ، 30 ކިލޯގެ ލަގެޖު އެލަވަންސާއި ކެޔުން އަދި ލެނގިލައި ފައިދަމާލާނޭ ތަނަވަސް ޖާގައިގެ ގޮނޑީގެ އިތުރުން އެއްވެސް ޗާޖަކާ ނުލައި ޓިކެޓުގެ ތާރީހު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

"މޯލްޑިވިއަން އިން އަބަދުވެސް އިސްކަންދޭނީ މި ސަރަހައްދުގައި ފަސޭހަ، ޒަމާނީ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ކޮޗިންއަށާއި ޓްރިވެންޑްރަމަށް ކުރާ ދަތުރު އިތުރުކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރާ އެންމެ މަގުބޫލު އެއަރލައިންގެ މަގާމު މޯލްޑިވިއަން އިން ހިފެހެއްޓުމެވެ." މޯލްޑިވިއަންގެ ބަޔާނުގައި ބުނެއެވެ.