Support Us

ވާހަކަ: ކިޔަމަންތެރިޔާ

"ނައްޓައިލީ އިނގޭ،" ޝާދިން އޭނާގެ އޮފީސް މޭޒުކައިރިން ތެދުވަމުން އޭނާގެ ރަހްމަތްތެރި އުނާއާ މުހާތަބުކުރިއެވެ.

"އޯކޭ. މަޖާ ކޮށްލާތި. ފޮޓޯ ގްރޫޕަށް ލާތި،" އުނާ ނުތެދުވެ ޝާދިންއަށް ޖަވާބުދިނެވެ.

"މަޖާކުރަން ބުނާނެ ކަމެއް ނެތް. މަޖާކުރަން އަންނާށޭ ބުނީމަވެސް ބިޒީއޯ،" ޝާދިން ތުންދަމައިފައި ބުންޏެވެ.

"އޭ. އުނާ މިފަހަރުވެސް ނާދޭތަ އަހަރުމެންނާ އެކުގައި؟" އެ ދެމީހުން ކައިރިއަށް ފައިސަލް ހުއްޓިފައި އަހައިލިއެވެ.

"އާނ. މިހާރު މެޑަމްއަކަށް އަހަރުމެންނާ އެއްކޮށް އެއްވެސް ތާކަށް ދެވޭ ކަމަކަށް ނުވެއެއްނު،" ޝާދިން ބުންޏެވެ.

"އަޅޭ. ނުދާކަށް ނޫނޭ. މި ހަފުތާ ބަންދުގައި ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައް އެބަހުއްޓޭ،" އުނާ އެމީހުންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ބަލަ އަހަރުމެންވެސް ބައިވަރުކަންތައް ދޫކޮށްލައިފައޭ މި ދަތުރު ދާން މިއުޅެނީ. މިއީ އަހަރަކު އެއްފަހަރު ދާން ރާވާ ކަމެއްދޯ؟" ފައިސަލުވެސް އުނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ދެން ތިހެން ނުކިޔަބަލަ. އަހަރެން ވަރަށް ދެރަވޭ،" އުނާ އާދޭސްކުރިއެވެ.

"އޯކޭ. އަޅައިނުލާ ފައިސަލް. އޭނާ ބައިންދާ. އޭނާ ނުދާން ހުރެއްޖެޔާ ގަދަކަމަކުންނެއް ނުގެންދެވޭނޭ ދޯ،" ޝާދިން އެހެން ބުނެފައި އޮފީހުން ބޭރަށް ހިނގައިގަތެވެ. ފައިސަލްވެސް ޗުސް ކަނޑައިލައިފައި ޝާދިންގެ ފަހަތުން ބޭރަށް ނުކުތެވެ.

"ވަރަށް ކަޑަދޯ؟" ބޭރަށް ނުކުމެފައި ދޮރުމަތީގައި ހުރި ޝާދިންކައިރީގައި ފައިސަލް އެހިއެވެ. ޝާދިން "ކުރާނީ ކީތްހޭ" ބުނާކަހަލަ ގޮތަކަށް ކޮނޑު އަރުވައިލިއެވެ.

"ކުރީގައި މިކަހަލަ ކަންކަމުގައި އުނާ ފޫގަޅާނެދޯ އަހަރުމެންނަށް ވުރެ ބޮޑަށް؟" ފައިސަލް ވާހަކަ ކުރިޔަށް ގެންދިޔައެވެ. އެތަނަށް އޮފީހުގައި އުޅޭ މާނާއާއި ހުމައިރާވެސް އައިސް ހުއްޓިއްޖެއެވެ.

"ޝާދިން، ތެދެއް އުނާ ނުދޭ؟" މާނާ އެއްސެވެ. ޝާދިން ބޯޖަހައިލުމުން އޭނާ ހުމައިރާގެ މޫނަށް ބަލައިލައިފައި ނިތް އަރުވައިލިއެވެ.

"އޭ ކީތްވެތަ؟ ކީއްވެތަ އުނާ މިހާރަކަށް އައިސް އަހަރުމެންނާ އެހާ ދުރީ؟ ހުމައިރާ އެއްސެވެ.

"އެ ޓޯނީއަކާ ރައްޓެހިވި ފަހުންދޯ މި ބަދަލުތައް އައީ؟" މާނާ ބުންޏެވެ.

"ކޮންމެވެސް މީހެއް ބުނި އޭނާ ވަރަށް އޮބިއަޅައިގެންނޯ ގެންގުޅެނީ އުނާ،" ހުމައިރާ ބުންޏެވެ.

"ދެން ހިނގާ އުނާގެ ވާހަކަ ނުދައްކަމާ،" ޝާދިން ފުންނޭވާއެއް ލައިފައި ބުންޏެވެ.

"އޭނާގެ ވާހަކަ ދައްކަނީއެއް ނޫންދޯ މި؟ އަހަރުމެންނާ އެކުގައި މަޖާކޮށް އުޅުނު މީހެއް އެގޮތަށް އަހަރުމެންނާ ދުރުވީމައި ކަންބޮޑުވުން ފާޅުކުރުންވާނެތަ އެމީހާގެ ވާހަކަ ދެއްކުމަށް؟" މާނާ ލޯބޮޑުކޮށްލައިފައި އަހައިލިއެވެ.

"އޭނާއަކީ ކުޑަކުއްޖެއް ނޫންދޯ؟ އޭނާ ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ އިހުތިޔާރު އޭނާއަށް އޮންނާނެއެއްނު؟ އަހަރުމެން މީ ކޮންބަޔެއް އޭނާގެ ކަންތައް ތަކާ މިތާ ތިބެގެން ގޮތްކިޔަން؟" ޝާދިން އެހިއެވެ.

"ހޮއްހޯ. އެކަމަކު ދެންމެ ޝާދިންއެއްނު އޭނާއާ ދިމާލަށް އޭނާއަށް އަހަރުމެންނާ އެކުގައި ކަމެއް ކުރާކަށް ވަގުތެއް ނުވެޔޭ ބުނީ؟" ފައިސަލް ހަނދާންކޮށްދިނެވެ.

"އަހަރެން ބުނި އެއްޗެއް ބުނީ އޭނާއާ ދިމާލަށް ދޯ؟" ޝާދިން ރައްދުގައި ބުންޏެވެ. އޭރު އުނާވެސް ތިރިޔަށް އައިސްފިއެވެ. އޭނާ ފެނުމުން އެންމެން ދައްކަންތިބި ވާހަކަ މެދުކަނޑައިލިއެވެ.

"ކީއްވެ އަހަރެން އައީމައި އެންމެން ވާހަކަ ދެއްކުން ހުއްޓައިލީ؟" އުނާ ހުއްޓިފައި ސުވާލުކުރިއެވެ.

"އުނާ ކީއްވެގެންތަ މިފަހަކަށް އައިސް އަހަރުމެން ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވަނީ،" ހުމައިރާއަކަށް ކެތެއް ނުވިއެވެ. އޭނާއަކީ ކުރީގައި އޮފީސް އެންމެން ތެރެއިން އުނާއާ އެންމެ ގާތްކޮށް އުޅުނު މީހާއެވެ.

"އަޅޭ. އަހަރެން ތި މީހުންނާ ދުރުވަނީ ކީއެއް ނޫނޭ. ކިތައް ފަހަރު ބުނިއްޔާތަ ގަބޫލުކުރާނީ. މާދަމާ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައް އެބަހުއްޓޭ ބުނެފިންދޯ،" އެ ސުވާލުގެ ސަބަބުން އުނދަގޫ ވެއްޖެކަން އުނާގެ އަޑުން އެނގެއެވެ.

"ތިގޮތަށް ކިތައް ކަންތައް ކަޓުވައިލައިފިން. މި އަހަރު ނިމިގެން ދިޔައިރު އަހަރުމެންނާ އެކުގައި ކާން ބޭރަށް ދެވުނީ ކީއެއް ނޫން. ކޮފީއަކަށް ދެވެނީ ކީއެއް ނޫން،" މާނާ ނުރުހުން ފާޅުކުރިއެވެ.

"އަހަރެންގެ ހަޔާތުގައި އުޅެނީ ތިމީހުން އެކަންޏެއް ނޫނޭ،" އުނާ ތަންކޮޅެއް ބާރަށް ބުންޏެވެ.

"އުނާގެ ހަޔާތުގައި އުޅެނީ ޓޯނީއެކަނިދޯ؟" ހުމައިރާ ބުނެލިއެވެ. އެވަގުތު އުނާ އެއްޗެކޭ ބުނަން އުޅެފައި އަނގަ ބަންދުކުރިއެވެ.

"މިހާރު މިތާނގައި މަސައްކަތްކުރަން ވަރަށް އުނދަގޫ ވެއްޖެ. މިތާނގައި އުޅޭ މީހުންނަށް އެމީހުންގެ ދިރިއުޅުމުގައި ކުރަން ޖެހޭ ކަންތައް ބުނެދޭން ކޮމިޓީއެއް އޮންނަހެން ހީވަނީ،" އުނާ ފުންނޭވާއެއްލައިފައި ބުންޏެވެ.

"ކޮމިޓީއެއް ބޭނުމެއް ނުވާނެއެއްނު. ޓޯނީއެކަނި ކޮމިޓީއަކަށް ފުދެއެއްނު؟" ހުމައިރާ ރުޅިގަދަވެފައި ބުންޏެވެ.

"ތިއީ ބޮޑުވަރު ހުމެއިރާ،" އުނާގެ ލޮލުން ފެން އަންނަން ފަށައިފިއެވެ.

ޝާދިން އުނާގެ ކޮނޑުގައި ހިފައިގެން އެހެން މީހުންނާ ދުރަށް ގެންދިޔައެވެ. އުނާ ޝާދިންއާ ދިމާލަށް ބަލައިނުލައި އިސްޖަހައިގެން ހުއްޓެވެ. އަދި މަޑުމަޑުން ލޯ ފޮހެމުން ގެންދިޔައެވެ. ޝާދިން އޭނާގެ ދަބަހުން ނަގައިފައި ޓިޝޫއެއް ދިނެވެ.

"އެމީހުން ދައްކައި ވާހަކައަށް އަޅައިނުލާ. އެންމެންވެސް ބޭނުންވާނެ ދޯ އުނާ އަހަރުމެންނާ އެކުގައި އަންނަން. ނާންނާތީ އެކަމާ ދެރަވެގެން އަސްލު އެއުޅެނީ. ކޮންމެހެން ރުޅިއަކުން ނޫން،" ޝާދިން އުނާގެ ކޮނޑުގައި ހިފައިލައިފާ ބުންޏެވެ.

"އަހަރެންވެސް ދާ ހިތްވޭ. ތި މީހުންނާ އެކުގައި ނުދެވޭތީ އަހަރެންވެސް ދެރަވާނެދޯ،" އުނާ މަޑުމަޑުން ބުންޏެވެ.

"އަދި ދެވޭނެ ދުވަހެއް އަންނާނެ،" ޝާދިން އިތުރަށް އުނާގެ އުޒުރުތައް އަޑުއަހައިކަށް ބޭނުމެއް ނުވިއެވެ.

އެރޭ އުނާއާއި ޓޯނީއާ ދެމީހުން ބައްދަލުކުރަން ދިޔައީ ހުޅުމާލެ ފޭސް ޓޫގެ ބީޗަށެވެ. ޓޯނީގޮސް އެތާނގައި ހުރި ސްޓޯލަކުން ކޮފީއެއް ނަގައިގެން އައިސް އުނާއަށް ދިއްކޮށްލިއެވެ.

"ބޭބީ ދީބަލަ 20 ރުފިޔާ،" ޓޯނީ އުނާ ކައިރީގައި ބުންޏެވެ.

"ބަލަ މިއަދުވެސް މަތަ ކޮފީ ދޭން ޖެހެނީ؟" އުނާ އަހައިލިއެވެ.

"މިއަދުވެސް އޭއާރު ފޯނެއް ނުނެގިއޭ،" ޓޯނީ ޗުސް ކަނޑައިލިއެވެ. އުނާ އިތުރަށް ޒުވާބުކުރަން ނަހަދައި އޭނާގެ ދަބަހުން 20 ރުފިޔާ ނަގައިފައި ޓޯނީއަށް ދިއްކޮށްލިއެވެ.

"އަދި 100 އެއް ދީބަލަ،" ޓޯނީ ބުންޏެވެ.

"އެއީ ކީއްކުރަން؟" އުނާގެ އަޑުން ޓޯނީގެ އަމަލާ ހެދި އުނދަގޫވާކަން އެނގެއެވެ.

"ހާދަ ސުވާލެކޭ ދޯ ތިކުރަނީ،" ޓޯނީ މަލާމާތުގެ ފާޑަކަށް ބުނެލިއެވެ.

"ކޮންމެ ދުވަހަކު އަހަރެންގެ އަތުން ހާދަ ލާރިއެކޭ ތި ނަގަނީ،" އުނާ ބުންޏެވެ.

"މައްސަލައެއް ނެތޭ،" ޓޯނީ އުނާ ދިން 20 ރުފިޔާ ހިފައިގެން ގޮސް ކޮފީ ކަޑައަށް ލާރި ދެއްކިއެވެ. އޭނާ އެނބުރި އުނާ ކައިރިއަށް އައިއިރުގައި އޭނާގެ މޫޑުހުރީ ހަރާބުވެފައެވެ.

އޭތް. ކީއްވެ މިހާރު ވާހަކަ ނުދައްކައި ތީނީ؟" އުނާ އުޅަނބޮށިން ޓޯނީގެ ގައިގައި ކޮއްޓައިލިއެވެ. ޓޯނީ ރުޅި މޫނު ދައްކައިލައިފައި ދުރަށް ޖެހުނެވެ.

"ބަލަ ކޮންކަމަކާ ރުޅި ތިއައީ؟" އުނާ އަހައިލިއެވެ.

"ހިނގާ ގެއަށް ދާން،" ޓޯނީ އޭނާގެ ކޮފީތަށި އެއްކޮށް ދަމައިލައިފާ ބިންމައްޗަށް ހޫރައިލިއެވެ. ތެދުވެގެން އޭނާގެ ސައިކަލާ ދިމާލަށް ހިނގަން ފެށިއެވެ.

"ޓޯނީ އޭ މަޑުކޮށްބަލަ!" އުނާ އޭނާގެ ފަހަތުން ދުވަމުން ދުވަމުން ގޮސް އޭނާއާ އަރައި ހަމަކުރިއެވެ. އޭރު ޓޯނީ ގޮސް އޭނާގެ ސައިކަލަށް އަރައިފިއެވެ.

"އަރާ!" ޓޯނީ އަމުރުވެރިފާޑަކަށް ބުންޏެވެ.

"މަޑުކޮށްބަލަ. ކީއްވެގެންތަ ތިހާ ރުޅި ތިއައީ؟" އުނާ އާދޭހުގެ ރާގަކަށް އަހައިލިއެވެ.

"އުނާގެ ބޭނުމަކީ އަހަރެންނަށް އަހަރެންނަކީ ނިކަމެއްޗެއްކަން އަންގައި ދިނުންތަ؟" ޓޯނީ އަހައިލިއެވެ.

"ނޫނެކޭ. އެކަމަކު މިހާރު ކޮންމެ ދުވަހަކު ޓޯނީއަށް އަހަރެން އެބަ ދެން ދޯ ލާރި؟" އުނާ ޓޯނީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ބަލަ އަހަރެންނަށް ލާރި ދިނުމަކުން ކޮބައިތަ މައްސަލައަކީ؟ އަހަރުމެން މިއުޅެނީ ކައިވެންޏެއް ކުރާކަށް ނޫންތަ؟" ޓޯނީ ރުޅިގަދަވެފައި އަހައިލިއެވެ.

"އަހަރުމެން ކިހިނެތްތަ ކައިވެންޏެއް ކުރާނީ އަހަރެންނަށް ލިބޭ ހުރިހާ ލާރިއެއް މިގޮތަށް ޓޯނީއަށް ދޭން ޖެހެންޏާ؟ އެއީ ދޯ ވެޑިންގްއެއް ބާއްވަންވެސް އެއްކުރަން ހުރި ލާރިއަކީ؟" އުނާ ޓޯނީއަށް ވިސްނައިދިނެވެ.

"ވާހް. ކަލަވެސް ގޮވަން އެނގޭދޯ!" ޓޯނީ ނުރުހުމުގެ ބަސްތަކުން ވިހެލިއެވެ. އުނާ ފެންކަޅިވިއެވެ.

"އަހަރެން ކަލައެއް ނޫންދޯ މިގޮވަނީ. އަހަރެން މި ބުނަނީ އަހަރުމެން ކައިވެނީގެ ކުރިން ކުރަން ހުރި ވަރަށް ބައިވަރު ކަންތައް އެބަހުއްޓޭ،" އުނާ ކުރަކިވެފައިވާ އަޑަކުން ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އަހަރެން ބުނެފިންދޯ އަހަރެންގެ ކޮޓަރީގައި އުޅެވޭނޭ އިނދެގެން. އެކަމަކު އުނާއަށް އެތަން ކަމަކު ނުދޭ. އެއަށް ވުރެން މާ މަތީ ބޭކަނބަލެއްނު ތީ،" ޓޯނީ ރުޅިގަދަވެފައި ބުންޏެވެ.

"އަޅެ ބޭބީ. އަނެއްކާ ހަމަ އެއްކަލަ ވާހަކަ. ތި ކޮޓަރީގައި އެނދެއް ނެތް. ފާހާނާ ކުރަން ދާން ޖެހެނީ މަންމަމެން ކޮޓަރިއަށް. ކިހިނެތް އެތާނގައި އަހަރުމެން ދެމީހުން އިނދެގެން ދިރިއުޅޭނީ؟" އުނާ އަހައިލިއެވެ.

"އެހެން ވެގެންނޭ މަ މިބުނީ ފެންވަރު މަތީ ބޭކަނބަލެކޭ ތީ. އަހަރެން ބޭނުމެއް ނޫން ތި ބުނާ ފެންވަރުގެ ކޮޓަރިއެއް ހަދައިގެން ވަންނާކަށް. އަހަރުމެން ބޮޑެތިވީ އެއް ފާހަނައެއް ބޭނުންކޮށްގެން. އަހަރުމެންގެ ގުނަވަނެއް ހަލާކެއް ނުވޭ އެކަކު ބޭނުންކުރާ ސައިބޯނި އަނެކަކު ބޭނުންކޮއްގެންނެއް. އަދި ވެޑިންގެކޯ! ތީ ކާކަށް ދައްކަން ބޭނުންވެގެން ބާއްވަން އުޅޭ ވެޑިންގެއްތަ؟ ކޯޓަށް ގޮސްގެން ކުރާ ކައިވެނި ސައްހަ ނޫނީތަ؟ ހަމަ އުނާގެ އާއިލާގެ ދެއްކުންތެރިކަން!" ޓޯނީ ރުޅިގަދަވެފައި އެތިވަރުގޮވައިލިއެވެ.

އުނާ އެއްޗެކޭ ނުބުނެ އިސްޖަހައިލައިގެން ރޯން ހުއްޓެވެ. ތަންކޮޅެއް ދުރުގައި ތިބި މީހުންވެސް އެ ދެމީހުންނާ ދިމާލަށް ބަލަން ފަށައިފިއެވެ.

"މިހާރު މީހުން އެ ބަލަން ފެށީ އަހަރުމެންނާ ދިމާލަށް. ނުބައިވާނީ އަހަރެން. ދެންވެސް މަގޭ އަނގަ ނުގޮއްވާ ސައިކަލަށް އަރާ."

ޓޯނީ ސައިކަލު ދުއްވީ އާދަޔާ ހިލާފު ބާރަށެވެ. އެއީ އާންމުގޮތެއް ގައި އޭނާ ރުޅި ގަދަވީމައި ކަންތައް ކުރާ ގޮތެވެ. މާލެ އެރިގޮތަށް އަރައި އޭނާ އުނާ ގެއަށް ލިއެވެ. އޭނާ ދުއްވައިލަން އުޅެން ހެދީމައި އުނާގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"ޓޯނީ. ރުޅި ނާދެބަލަ. ޕްލީސް. ކޮންމެ ރެއެއް މިހާރަކަށް އައިސް މި ނިމެނީ މިހެން،" އުނާ އާދެހުގެ ރާގަކަށް ބުންޏެވެ.

"ރުޅި އަންނާނެ ދޯ. ކިތައް ފަހަރު ބުނެފިންތަ މަށަށް މީހުން ދޭން ޖެހޭ ލާރި ނުދީގެންނޭ މިއުޅެނީ. އަހަރެންގެ މަންމަ ކައިރީގައި ލާރިއެއް ދޭން އަހައިފިއްޔާ މާ ސުވާލު ގިނަވާނެ. އުނާ ބޭނުންވަނީ އަހަރެންނަށް ދުނިޔޭގައި ނޫޅެވޭ ވަރު ކުރަންތަ؟" ޓޯނީ ހެލްމެޓުނަގައިފައި އޭނާގެ އިސްތަށިގަނޑުގެ ބުޅިތައް ސައިކަލުގެ ލޯގަނޑަށް ބަލަމުން ރީތި ކޮށްލިއެވެ.

"އޯކޭ،" އުނާ އޭނާގެ ދަބަހުން ސަތޭކަ ރުފިޔާ ނަގައިފައި ޓޯނީއަށް ދިއްކޮށްލިއެވެ.

"އަދި 200 ރުފިޔާ ދީ،" ޓޯނީ ބުންޏެވެ.

"އެއީ؟" އުނާ އަހައިލިއެވެ.

"އަހަރެން ރުޅިއެރުވީތީ ޖޫރިމަނާ،" ޓޯނީ ބުންޏެވެ. އުނާ އޭނާގެ ދަބަހުން 200 ރުފިޔާ ނަގައިފައި ޓޯނީއަށް ދިނެވެ.

"އޯކޭ. ދަނީ،" ޓޯނީ ލާރި ވޮލަޓަށް ލަމުން ބުންޏެވެ.

"އޭ. މަޑެއްނުކުރާނަންތަ؟" އުނާ އަހައިލިއެވެ.

"ކީތްކުރަން؟ އަދި އަހަރެން ތައްޔާރެއް ނޫނޭ އުނާއާ ލޯބިކޮށް ހަދާކަށް،" ޓޯނީ ބުންޏެވެ.

"އަޅޭ. ސޮރީއޭ ޓޯނީ،" އުނާ ކުސްތަޅައިގަތެވެ.

"ނޫނޭ. އުނާ އެބަ ދަސްކުރަން ޖެހޭ އަހަރެން ބުނީމައި ބުނާ ކަންތައް ސުވާލެއް ނެތި ކުރަން. ކިޔަމަންތެރިވާން އެބަ ދަސްކުރަން ޖެހޭ. މިހާރު ކިތައް ދުވަހު ބުނެފިން ތިލައިގެން ތިހިރަ ކުލަލީމައި އުނާ ރީއްޗެއް ނޫނޭ. އެކަމަކުވެސް އަދިވެސް ހަމަ ތިކުލަ ލައިގެން ތިހުންނަނީ،" ޓޯނީ ބުންޏެވެ.

"އެކަމަކު މިއީ އަހަރެންގެ ފޭވަރިޓް ކުލައޭ ޓޯނީ. އެހެން މީހުންނަށް ވެސް ރީއްޗޭ އަހަރެން މިކުލަ ލީމައި،" އުނާ ލަދުގެންފައި ބުންޏެވެ.

"ތީޔޭ އުނާގެ މައްސަލައަކީ. އުނާ ތިއުޅެނީ އެހެން މީހުންނާ އިންނަންތަ؟" ޓޯނީ ސުވާލުކުރިއެވެ. "ދަނީ."

"ޓޯނީ މާދަމާ މެންދުރު އަންނާނަން ދޯ؟" އުނާ އޭނާގެ އަތު މުލައްދަނޑީގައި ހިފައިލިއެވެ.

"އުހުނ. މާދަމާ އިއްބަމެންނާ އެކުގައި ދަތުރުދާން މިއުޅެނީ،" ޓޯނީ ސައިކަލު ސްޓާޓްކޮށްލަމުން ބުންޏެވެ.

"އަޅޭ. ކީއްވެ ތިގޮތަށް ރޭވީ؟ އަހަރެން އޮފީސް މީހުންނާ އެކުގައި ދަތުރު ދިޔުން ކެންސަލްކޮށްލީ މާދަމާ ޓޯނީއާ އެއްކޮށް ވަގުތު ހޭދަކުރަން،" އުނާ ދެރަވެފައި ބުންޏެވެ.

"ދަތުރު ދިޔުން ކެންސަލް ކުރީ އަހަރެންނާ އެއްކޮށް ވަގުތު ހޭދަކުރާށޭ؟ އަހަރެން ބުނެފައެއްނު އޮތީ އުނާ އޮފީހަށް ދާނީ މީހުންނާ ގުޅުން ބަދަހިކޮށް ހަދާކަށް ނޫނޭ. އޮފީހަކީ މަސައްކަތްކުރަން ދާ ތަން. ކުޅެ ސަކަރާތް ޖަހަންދާ ތަނެއް ނޫން. އެތާނގައި އުޅޭ މީހުންނާ އެއްކޮށް ގޮސް ނާޗަރަންގީ ޖަހަން ދަތުރުދާން އުޅުން، މީ ކޮން ސަކަރާތެއް؟ ވަދޭ ގެއަށް. އަހަރެން މިދަނީ،" ޓޯނީ އޭނާގެ ސައިލުގައި ބާރުބާރަށް ދުއްވައިފައި އެމަގުން އޮބައިލިއެވެ.

އޭނާ ދިޔަތަން ބަލަން ހުރެފައި އުނާ ގޭތެރެއަށް ވަނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *