އަވަހާރަވެފައިވާ ރާނީ އެލިޒަބަތު ދޭއްގެ ފެޝަންތައް ފެންނާނެ ގޮތަށް، އޭނާގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް އަންނަ އަހަރު ބާއްވާ މައުރަޒުން ހާމަވާނީ އިނގިރޭސި ވިލާތުގެ ތާރީހު ކަމަށް ފެޝަން ޑިޒައިނަރުން ބުނެފިއެވެ.
"ރާނީ އެލިޒަބަތުގެ ހެދުން އަލަމާރިން ކިޔައިދޭނީ އިނގިރޭސި ވިލާތުގެ ތާރީހު. އެއީ ގައުމުގެ އައިޑެންޓިޓީ ބަދަލުވަމުން ދިޔަ ގޮތް ހާމަވާނެތީ،" ފެޝަން ޑިޒައިނަރު ކްރިސްޓޮފާ ކޭން ބުންޏެވެ.
އުމުރުން 96 ގައި އެލިޒަބަތު އަވަހާރަވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު އަށެއްގައެވެ. އޭނާގެ 100 ވަނަ އުފަންދުވަސް ދިމާވަނީ އަންނަ އަހަރުގެ އެޕްރިލް 21 އާއެވެ.
އިނގިރޭސި ޝާހީ އާއިލާގެ ބަކިންހަމް ގަނޑުވަރުން ބާއްވަން ހަމަޖެއްސީ އެލިޒަބަތުގެ ފެޝަންތައް މިހާތަނަށް ހާމަ ނުކުރާ ވަރުގެ ބޮޑު މައުރަޒެކެވެ.
ގާތްގަނޑަކަށް 200 ހެދުން ދައްކާލާނެ މައުރަޒުގައި އޭނާގެ ހެދުންތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިހާތަނަށް އާއްމުކޮށް ދައްކައިލައި ކަހަލަ މައުރަޒެއްގައި ބަހައްޓައިފައި ނުވާ ހެދުންތަކެވެ.
ގަނޑުވަރުން ބުނީ ރާނީގެ ކުޑަ އިރުން ފެށިގެން އޭނާގެ 70 އަހަރުވީ ރަނިކަމުގައި ތުރުކުރެއްވި ހެދުންތައް ދައްކާލާނެ ކަމަށެވެ. އޭގެ ތެރޭގައި ޕްރިންސް ފިލިޕްއާ ކައިވެނި ބައްލަވައިގަތް ހެދުމާއި ރަނިކަމަށް ވެޑުވައި، ތާޖު އެޅުއްވިއިރު ތުރުކުރެއްވި ހެދުން ހިމެނެއެވެ.



advertisment