Support Us

ހުސްފަޔާ މަހުޖަނަކަށްވި ކުއްޖެއްގެ ވާހަކަ

ބައްޕަ މަރުވީ އަހަރެންގެ އުމުރުން 10 އަހަރުގައެވެ. އެއީ އަހަރެންނަށް ފިލާވަޅެއް ލިބުނު ދުވަހެކެވެ: ހަރަކާތްތެރިކަމުގައި ނުހުރެއްޖެ ނަމަ އަހަރެން މަރުވާނެއެވެ.

އަހަރެން އުފަންވީ އަރާމު ދިރިއުޅުމަކަށް ނޫނެވެ. އެއާ ހިލާފަށް އަރާމު ދިރިއުޅުމަކާ މުޅިން ދުރަށެވެ.

އަހަރެން އުޅެބޮޑުވީ ފްރާންސްގެ ރަށްފުށުގެ ކުޑަ ވިލެޖެއްގައެވެ.

ބައެއް ފަހަރަށް އެއް ހަފުތާއަށް އެއް ޕާން ބަހައިލައިގެން އަހަރެން ކަމެވެ.

އަހަރެންގެ މަންމަ ބަލިވުމުން އޭނާގެ ހާލަތް ދަށަށް ދަމުން ދިޔަ ގޮތް އަހަރެން ބަލަން ހުރީމެވެ. އަދި މަރުވުމާ ގުޅިގެން އަހަރެން އެކަނިވެރިވިއެވެ.

އަހަރެންނަށް ލިބިފައިވީ އެންމެ އެއްޗެކެވެ. އެއީ ނިންމުމެކެވެ. އެ ނިންމުމަކީ: ކުރިއަށް ހިނގާށެވެ. ނުވަތަ ގެއްލޭށެވެ.

ހުރިހާ އެއްޗެއް ފަހަތަށް ދޫކޮށްލުމަށް ފަހު އަހަރެން ކުރިއަށް ހިނގައިގަތީ އުމުރުން 13 އަހަރުގައެވެ. ވެރިރަށް ޕެރިސްއާ ދިމާއަށެވެ. ޗާޓަކާ ނުލައެވެ. ފައިސާއެއް ނެތިއެވެ. ރޭވުމަކާ ނުލައެވެ. ހަމައެކަނި އުއްމީދެއްގެ މަތީގައެވެ.

އެއީ 250 މޭލު ހުރި ދިގު މަގެކެވެ.

ނާމުސޫފި އަދި އެ ސޮރުމެން ހުއިހައްޕާ ވިނަ ފަދަ ކާނާ ގުދަން ކުރާ ތަންތަނާއި ގަސްގަހާގެހީގެ ދަށުގައި އަހަރެން ނިދީމެވެ. ނުދަންނަ މީހުން ދޭ އެއްޗެއްސާއި އަދި އެކި ގޮތްގޮތަށް އަހަރެންނަށް ހޯދޭ ކާނާ އަހަރެން ކެއީމެވެ.

އެއް ރެއަކު ފިނި ގަދަކަމުން އަހަރެން މަރު ނުވީ ކިރިޔާއެވެ.

އެހެން ރެއަކު، ބާލީހެއްގެ ބަދަލުގައި ހިލައެއްގެ މަތީގައި ބޯ އަޅައިލައިގެން ނިދަނިކޮށް، މީހަކު އަހަރެންގެ އަތުގައި ހުރި މަދު އެއްޗެހި ވަގަށް ނަގަން މަސައްކަތްކުރިއެވެ.

އެކަމަކު ވެސް އަހަރެން ހިނގީ ކުރިއަށެވެ.

އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ވައުދެއް ވީމެވެ: ޕެރިސްއާ ހަމައަށް ފުރާނަ ހުއްޓައި ދެވިއްޖެ ނަމަ، އޭގެ ފަހުން ދުވަހަކު ވެސް އަހަރެންނަކީ "އެއްވެސް މީހެއް ނޫން"ކަމަށް ދުށުމަށް މުޅި ދުނިޔެއަށް ވެސް ފުރުސަތެއް ނުދޭނަމެވެ.

ޕެރިހުގައި އަހަރެން ކުރާނެ މަސައްކަތަކަށް ލިބުނީ ދާގީނާ ހެދުމުގެ ކަންތައް ކުރާ ކުޑަ ވޯކްޝޮޕެއްގެ ތަޅުންގަނޑު ކަހާ ސާފު ކުރުމުގެ ވަޒީފާއެވެ.

އޭގެ އިތުރުން ފޮށިތައް އުފުލައި އާލާތްތައް ސާފު ކުރަމުން ދިޔަ އިރު އަހަރެންނަށް އަމުރު ކުރާ މީހުން އަހަރެންނާ ދިމާއަށް ހަޅޭއްލަވާއިރު ވެސް އަހަރެން ހުރީ ހަމަހިމޭނުންނެވެ.

އެކަމަކު އަހަރެން ހުރިހާ ކަމެއް ބަލަމުން ދިޔައިމެވެ. ދެކެވޭ ވާހަކަތައް އަޑުއެހީމެވެ. ކަންތައްތައް ދަސްކުރީމެވެ. އަދި އެއް ދުވަހަކު ފްރާންސްގެ ރަސްގެފާނު ނުވަތަ އެމްޕެރާ ނަޕޯލިއަން ތިނެއް އޭނާގެ އަންހެނުންނަށް ހާއްސަކޮށް ފޮށްޓެއް ހަދައިދިނުމަށް އެދުމުން ވޯކްޝޮޕްގެ ވެރިޔާ އެ މަސައްކަތް ހަވާލުކުރީ އަހަރެންނާއެވެ. ހުސް ފަޔާ ޕެރިހަށް ހިނގި ފިރިހެން ކުއްޖާއަށް ރާނީއަކަށް ފޮށްޓެއް ހަދައިދެވުނީއެވެ.

އަހަރެންގެ ހަޔާތުގެ ވާހަކަ ފެށުނީ އެ ހިސާބުންނެވެ.

އެއީ ނަސީބެއް ނޫނެވެ؛ އެއީ ކަމު ނުދާ މަރުހަލާތަކެއްގައި ކެތްކޮށްލުމެވެ.

އެއީ ބަނޑުހައިހޫނުކަމާއި ހަމަހިމޭންކަމާއި އަދި ވޭނުން ސަލާމަތްވުމެވެ. މާދަމާއަކީ ރަނގަޅު ދުވަހަކަށް ވާނެ ކަމުގެ "ހުވަ"އެއް ގުދުރަތުން ނުލިބުނަސް ކުރިއަށް ހިނގުމުންނެވެ.

މިއަދު އަހަރެންގެ ނަމަކީ އެތައް މިލިއަންގެ އަގުހުރި ނަމެކެވެ. ނަމަވެސް ފިނީގައި، ބަނޑުހައިހޫނުކަން މަތީގައި އަދި ބިރުވެރިކަމުގައި އަހަރެން ނިދީ ކިތައް ރޭކަން އެނގޭ ނަމަ، ފަހުމް ވާނެ ކަމަކީ މިއެވެ: މުއްސަނދިކަމަކީ ފައިސާއިން ވިހާ އެއްޗެއް ނޫނެވެ. އެއީ ހުރަސްތައް ގިރާކުރުމުން ބައްޓަންވާ އެއްޗެކެވެ.

އަހަރެންގެ މެސެޖަކީ މިއެވެ: "މަގު ކިތައްމެ ދިގަސް، އުއްމީދު ކަނޑައި ނުލައިފި ނަމަ، އެހެން މީހުންނަށް ދުވަހެއްގައި ވެސް ސަލާމަތް ނުވެވިދާނެ ހާލަތަކުން ތިބާގެ ފުރާނަ ސަލާމަތް ކުރުމުން، ތިބާއަކީ އާދަޔާހިލާފު ވިސްނުންތެރިއެއް ކަމަށް ކޮންމެވެސް މީހަކު ކޮންމެވެސް ދުވަހަކުން ބުނާނެއެވެ."

ނޯޓް: މިއީ 1892 ގައި އުމުރުން 70 އަހަރުގައި މަރުވި ފްރާންސްގެ ޑިޒައިނަރު ލުއިސް ވިޓޮން އޭނާގެ ހަޔާތް ކިޔައިދީފައިވާ ގޮތެވެ. ދަބަހާއި ފޮށްޓާއި ލެދާ ނުވަތަ ހަމުން ހަދާ ތަކެތި އޭނާގެ ތަރިކައިން ހިނގާ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން އެ މީހުންގެ އަތުން ސީދާ ހަދައި ތައްޔާރުކޮށްދޭތީ އޭނާގެ ބްރޭންޑްގެ މުދާ އަދިވެސް ވިކެނީ އަގުބޮޑުކޮށެވެ. ލުއިސް ވިޓޮން ކުންފުނީގެ މި އަހަރުގެ އަގަކީ 350 ބިލިއަން ޔޫރޯއެވެ. އެއީ ދިވެހި ރުފިޔާއިން 6.2 ޓްރިލިއަންއެވެ. އެހެން ގޮތަކަށް ބުނާ ނަމަ 6،212،500 މިލިއަން ރުފިޔާއެވެ. ކުރުކޮށް ބުނާ ނަމަ 6.2 މިލިއަން މިލިއަނެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *