Support Us

ޑިއޯންޓޭ ނާޝް އަދި ޝޯން "ޑިޑީ" ކޯމްބްސް (ވަކި ފޮޓޯގައި)

"ފައިސާއަކުން ކުށެއް ނުފުހެވޭނެ"- ޑިޑީ 4 އަހަރަށް ޖަލަށް

އެމެރިކާގެ ހިޕްހޮޕް ލަވައިގެ ދުނިޔޭގެ ފަންނާނު އަދި މަހުޖަނު ޝޯން "ޑިޑީ" ކޯމްބްސް ހަތަރު އަހަރަށް ޖަލަށް ލާން މި ދިޔަ ހުކުރު ދުވަހު ހުކުމް ކުރުންވެގެންދިޔައީ އޭނާގެ ޖިންސީ ޝިކާރައަކަށްވި އެތައް ފިރިހެނުންގެ ވެސް ސިކުނޑިއަށާއި ހިތަށް ލިބުނު ކޮންމެވެސް ވަރެއްގެ ތަސައްލީއަކަށެވެ.

"އޭނާ (ޑިޑީ) ހީކުރީ އޭނާ ކުރި ކަންތައްތައް ފައިސާއިން ފުހެލެވޭނެ ކަމަށް. އެކަމަކު އެހެނެއް ނުވާނެ،" ޑިޑީގެ ސްޓައިލިސްޓަކަށް ކުރިން އުޅުނު ޑިއޯންޓޭ ނާޝް ބުންޏެވެ.

ޝަރީއަތުގެ މަޖިލީހުގައި ޑިއޯންޓޭ ބުނީ ޕާޓީތަކުގައި އުޅޭއިރު އޭނާގެ ޖިންސީ ގުނަންތަކުގައި ޑިޑީ "ގްރޯޕް" ނުވަތަ އަތްލައި ކަމަށާއި އަދި ޑިއޯންޓޭގެ ޖިންސީ ގުނަންތައް ހުންނަ ހިސާބުގައި ޑިޑީގެ ޖިންސީ ގުނަންތައް ހުންނަ ހިސާބުތައް "ގްރައިންޑް" ނުވަތަ ކާއްތައި ކަމަށެވެ.

ސުޕަވައިޒް ކުރާ ގޮތަށް ފަސް އަހަރު ދޫކޮށްލުމަށާއި އަދި ހަށިވިއްކުމަށް މީހުންނަށް ދަތުރު ކުރުމަށް އެހީވިކަމުގެ ކުށް ސާބިތުވުމާއެކު ބައި މިލިއަން ޑޮލަރު (7.7 މިލިއަން ރުފިޔާ)އިން ޖޫރިމަނާ ކުރަމުން، އިންޑިއާ ނަސްލުގެ ފަނޑިޔާރު އަރުން ސުބްރަމާނިއަން ވިދާޅުވީ ޑިޑީއަކީ މިއުޒިކް ދާއިރާގައި "ކާމިޔާބު އަދި ނުފޫޒު ގަދަ މީހެއް" ނަމަވެސް އެ "ކާމިޔާބީތަކަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާވެރިކަން މަގުފަހި ކުރުމަށް ދެއްކޭނެ އުޒުރެއް ނޫން" ކަމަށެވެ. އެ ގޮތުން ޑިޑީ ބޭއްވި "މަޖާ ކުރުން އިންތިހާއަށް ދިޔަ" ޕާޓީތަކަކީ "އެ ޕާޓީތަކަށް ދައުވަތު އެރުވި މީހުންގެ ރުހުން ލިބިފައިވާ އަދި ގެއްލުމެއް ނުލިބޭ" ޕާޓީތަކެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ކޯޓުގައި ޑިއޯންޓޭ ބުނެފައިވަނީ އޭނާގެ ކަރުގައި ޑިޑީ ހިފިހިފީނުން "ނޭވާ ވެސް ނުލެވޭ" ފަހަރު ދިޔަ ކަމަށާއި "ޑިޑީގެ ރުޅިގަނޑު ދެކެ ބިރުން އަބަދު ހުންނަ" ކަމަށެވެ.

"ކޮންމެ ރެއަކު އަހަރެން ދަބަހަށް އަހަރެންގެ އަމިއްލަ ސާމާނު އަޅައިގެން އުޅުނީ. އެއީ އަނެއް ދުވަހު ހެނދުނު ފުރާނައާއެކު ތެދުވެވޭނެކަން ނޭނގޭތީ،" ޑިއޯންޓޭ ބުނެފައިވެއެވެ.

ޑިޑީ ވަނީ މަކަރާއި ހީލަތް ހެދުމާއި ގަދަކަމުން މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރިކުރިކަމުގެ ދައުވާތަކުން ސަލާމަތްވެފައެވެ.

މަސްތުވާތަކެތިން ސަލާމަތްވުމުގެ ޕްރޮގްރާމަކަށް އަރުން، ޑިޑީ ލައިފައިނެ ކަމަށް ވެސް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖޫރީ ނިޒާމުން ނިންމި ޝަރީއަތާމެދު ހިތްހަމަ ނުޖެހިގެން ޑިޑީގެ ގާނޫނީ ވަކީލުން ތުހުމަތު ކުރީ އަރުން ކުޅުއްވީ "13 ވަނަ ޖޫރީ މެންބަރު"ގެ ދައުރު ކަމަށެވެ. އަދި އޭނާގެ ހުކުމްތައް އިސްތިއުނާފު ކުރާނެ ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަފޫއެއް ލިބިލައްވައިތޯ ހުށަހަޅައިފި ކަމަށް ވެސް ބުންޏެވެ.

ގާތްގަނޑަކަށް 12 ވަރަކަށް މަހު ޑިޑީ ހައްޔަރުގައި ހުންނަން ޖެހުމުން އޭނާގެ ޖަލު ހުކުމުން އެ ބައި ކެނޑޭނެއެވެ.

ޑިޑީއަށް ހުކުމް އިއްވި އެމެރިކާގެ އިންޑިއާ ނަސްލުގެ ފަނޑިޔާރު އަރުން ސުބްރަމާނިއަން

މުޖުތަމައުގައި ޖިންސީ އަނިޔާވެރިކަން ފުޅާވެފައިވާތީ ޑިޑީއަށް ކުރި ހުކުމުން، ޖިންސީ ޝިކާރަކުރާ މީހުންނަށް "މެސެޖެ"އް ލިބޭނެ ކަމަށް އުއްމީދު ކުރައްވައި ކަމަށް އަރުން ވިދާޅުވިއެވެ.

"ހާއްސަ ގޮތެއްގައި ނުފޫޒު ގަދަ މަގާމުތަކުގައި ތިބޭ މީހުން އުފުލަން ޖެހޭނެ 'ރިއަލް އެކައުންޓަބިލިޓީ' (ހަގީގީ ޒިންމާ)،" ހުކުމް އިއްވަވަމުން އަރުން ވިދާޅުވިއެވެ.

ޑިޑީގެ ޖިސްމާނީ، ނަފުސާނީ އަދި ޖިންސީ ޝިކާރައަކަށްވި އަންހެނުންނާއި ފިރިހެނުން، އެ މީހުންނާމެދު ޑިޑީ އަމަލުކުރި ގޮތްތައް، ހިތްވަރުކޮށްފައި ކޯޓުގައި ކިޔައިދިނުމުން، އަރުން އެ ކަމަށް ތައުރީފު ކުރެއްވިއެވެ.

"އަހަރެމެން ތިބާމެންގެ ވާހަކަ އަޑުއަހައިފިން. ހަގީގަތުގައިވީ ގޮތް ދުނިޔެއަށް ކިޔައިދިނުމަށް ކޯޓަށް އައީތީ ތިބާމެންނާމެދު އަހަރެން ފަހުރުވެރިވަން،" އަރުން ވިދާޅުވިއެވެ.

ހުކުމް އިއްވުމުގައި ސީދާ ޑިޑީއާ މުހާތަބު ކުރައްވައި އަރުން ވިދާޅުވީ ޑިޑީއަށް ދެއްވީ "ހާޑް ޓައިމް" ނުވަތަ ހާއްސަ ގޮތެއްގައި ބުރަކަން އުފުލަން ޖެހޭ ޖަލު ހުކުމެއް ކަމަށެވެ. ސަބަބަކީ މާޒީގައި ޑިޑީ ކުރި "އެބިއުސް" ނުވަތަ އަނިޔާވެރިކަމުގެ ސަބަބުން "ޑިޑީ ދެކެ ލޯބިވި އަދި އޭނާއަށް ބަރޯސާވެގެން އުޅުނު ފަރާތްތަކަށް ހައްދުފަހަނަޅައި ވަރަށް ގެއްލުން ލިބޭ ފަދަ ނަތީޖާތަކާ ކުރިމަތިލާން ޖެހުނު" ކަމުންނެވެ.

"އަހަރެމެން އެންމެންގެ ވެސް އަޑު އެބަހުރި. ތިބާގެ މެގަފޯނެއް ވޭ،" ޑިޑީއާ މުހާތަބު ކުރައްވައި އަރުން ވިދާޅުވިއެވެ.

ޑިއޯންޓޭ ބުނެފައިވަނީ ޑިޑީގެ ވަޒީފާއަށް ދިޔައީ ޑިއޯންޓޭގެ އުމުރުން 21 އަހަރުގައި 2008 އާއި 2018 އާ ދޭތެރޭގައި ކަމަށެވެ.

އޭނާ ބުނީ "އެކްސްޕްލޮއިޓް" ނުވަތަ އޭނާގެ ނާޖާއިޒު ފައިދާ ނެގޭނެ ފަދަ މަސައްކަތުގެ މާހައުލެއްގައި ޑިޑީ އޭނާ ލައްވައި މަސައްކަތް ކުރުވި ކަމަށެވެ. އޭގެ ތެރޭގައި "އޯވަ-ޓައިމް" ނުވަތަ އިތުރު ގަޑީގައި ގަދަކަމުން މަސައްކަތް ކުރުވުމާއި މަސައްކަތުގެ ބޭރުން ވެސް މީހުން ޒީނަތްތެރި ކުރުވައި އެ އަށް ވާ އަގު ނުދީ މަސައްކަތް ކުރުވި ކަމަށާއި އަދި "ވަފާތެރިކަން" ދައްކަން ޕްރެޝަރު ކުރި ކަމަށެވެ.

ޑިޑީގެ ދިގު މުއްދަތުގެ އަންހެން ލޯބިވެރިޔާ ކަމަށްވާ ކޭސީ ވެންޗޫރާއާއެކު، ޑިޑީ ގާތުގައި ނުބުނެ، ރޭގަނޑު ނާސްތާއަށް ގޮސްފައި އައި ތަނާ ޑިޑީ ވަނީ ޑިއޯންޓޭ ކާރުގައި ބާރަށް ލައްގައިފައެވެ. އަދި ވަރަށް އަނިޔާވެރިކޮށް، ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމަކީ ވެސް ޑިޑީގެ ފަރާތުން ޑިއޯންޓޭއަށް ލިބުނު ޖިސްމާނީ ހާނިއްކަތަކުގެ ތެރެއިން ކަމެއް ކަމަށް ޑިއޯންޓޭ ބުނެފައިވެއެވެ.

ޑިއޯންޓޭގެ ހުއްދަ ނެތި އޭނާގެ ޖިންސީ ގުނަވަންތަކުގައި ހިފައި، ޖިންސީ ކޮމެންޓްތައް ކުރި ކަމަށް ވެސް ޑިއޯންޓޭ ބުނެފައިވެއެވެ.

މީގެ އިތުރުން ޖަޒުބާތީ ގޮތުންނާއި ނަފުސާނީ ގޮތުން ދިން އަނިޔާތަކުގެ ތެރޭގައި އަބަދުމެ ގެއްލުން ދޭނެ ކަމަށާއި މަރައިލައިނެ ކަމުގެ ބިރު ވެސް ޑިޑީ ދެއްކި ކަމަށް ޑިއޯންޓޭ ބުނެފައިވެއެވެ.

ފުރާނައަށް ނުރައްކާވެދާނެތީ، ޑިއޯންޓޭ ބުނީ، އޭނާ ވަނީ ހެދުމާއި ބޫޓާއި އަދި ނަގުދު ފައިސާ އެޅި ދަބަހެއް ވެސް ގެންގުޅެފައި ކަމަށެވެ. އެއީ ޑިޑީގެ ގާތުން ފިލައިގެން ދާން މަޖުބޫރު ވެދާނެތީއެވެ.

މީގެ އިތުރުން ޑިއޯންޓޭ އެކަހެރިކޮށްލުމާއި އޭނާއަށް ޖެއްސުން ކުރުމުގެ އިތުރުން، ޑިޑީއަށް ބޯ ނުލަނބައިފި ނަމަ "ހަރުކަށި އަދަބު" ދޭނެ ކަމަށް ވެސް ޑިޑީ ވަނީ އެތައް ފަހަރަކު އިންޒާރު ދީފައި ކަމަށް ޑިއޯންޓޭ ބުނެފައިވެއެވެ.

ކޭސީ ވެންޗޫރާ (ވ) ޑިޑީއާއެކު

ކޭސީއަކީ 2004 އިން 2018 އަށް، ގާތްގަނޑަކަށް 10 އަހަރު ވަންދެން، ދޭތެރެއަކުން ރައްޓެހިވެފައި، އަދި ރުޅިވެފައި، އަލުން ރައްޓެހިވެ، މި ގޮތަށް އުޅުނު ޑިޑީގެ ލޯބިވެރިޔާއެވެ. ކޭސީއަކީ އެމެރިކާގެ ލަވަކިޔުންތެރިއެއް، ނެށުންތެރިއެއް، އެކްޓަރެއް އަދި މޮޑެލްއެކެވެ. އޭނާ ބޮޑަށް މަޝްހޫރުވީ މިއުޒިކް ޗާޓުތަކުގެ އުހަށް އެރި ލަވަ "މީ އެންޑް ޔޫ"އިންނެވެ.

ކޯޓުގައި ޑިޑީއާ ދެކޮޅަށް ކޭސީ ކޭހެއް ރެޖިސްޓްރީ ކުރީ 2023 ގައެވެ. އޭގައި ތުހުމަތު ކޮށްފައިވަނީ އެބިއުސް ކުރުމުގެ އިތުރުން ޑިޑީ ވަނީ ކޭސީ ރޭޕް ވެސް ކޮށްފައި ކަމަށެވެ. ކޭސް ރެޖިސްޓްރީ ކުރިތާ އެއް ދުވަހުގެ ތެރޭގައި ޑިޑީ ކޭސް ނިންމައިލީ 20 މިލިއަން ޑޮލަރު (306 މިލިއަން ރުފިޔާ)ގެ ބަދަލު ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑިޑީއާ ދެކޮޅަށް މި ފަހަރު ޝަރީއަތް ނިމުނީ ކޭސީ ހަތަރު ދުވަސް މަތިން ދިން ހެކިބަހަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައެވެ.

ކޭސީ ވަނީ ޑިޑީއަކީ އަނިޔާވެރިކަމާއި ގަދަކަމުން، މަޖުބޫރުކޮށްގެން ކަންތައްތައް ކުރުވައި މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. އެ ގޮތުން ގަދަކަމުން މަސްތުވާތަކެތި ކޭސީ ލައްވައި ނަންގުވައި، ޑިޑީގެ ޕާޓީތަކުގައި ހަށިވިއްކާ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގަން ކޭސީއަށް މަޖުބޫރުކޮށް، އެ މަންޒަރު ޑިޑީ ބަލައި ކަމަށާއި އަދި ވީޑިއޯކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

މި ދިޔަ އަހަރު މޭ މަހު ސީ.އެން.އެންއިން އާއްމު ކުރި ވީޑިއޯއެއްގައި ފެންނަނީ 2016 ގައި ހޮޓަލެއްގެ ކޮރިޑޯގައި ޑިޑީ ކޭސީއަށް ޖިސްމާނީ އަނިޔާކުރާ މަންޒަރެވެ.

ޑިޑީއަށް އަރުން ހުކުމް ކުރެއްވީ ކޭސީގެ ހެކިބަސް ބަލައިގަންފައެވެ. އެ ގޮތުން ކޭސީއަށް ޖިސްމާނީ، ޖަޒުބާތީ އަދި ނަފުސާނީ "ޒަހަމް" ދިން ކަމަށް ގަބޫލު ކުރެއްވިއެވެ.

ޑިޑީ ވަނީ ކޭސީގެ އިތުރުން، ޑިޑީގެ ކުރީގެ އަންހެން ލޯބިވެރިޔަކަށް މައާފަށް އެދި އާއްމުކޮށް ބަޔާނެއް ނެރެފައެވެ. އެއީ އެ ދެ އަންހެނުންނަށް "ގެއްލުން" ދިން ކަމަށް ޑިޑީ އިއުތިރާފުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *