Support Us

ޖޭމީ ލީ ކާޓިސް (ވ) އަދި ޝެހެޒާދާ ޑަޔާނާ

އޮސްކާ ހޯދި ޖޭމީއަށް ޝެހެޒާދާ ޑަޔާނާ "ގެއްލުނީ" ހިނދުކޮޅެއްގެ ލަހަކުން- ޑަޔާނާއަށް ޖޭމީގެ އަސަރުގަދަ ސިޓީއެއް

"އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް"އިން 2023 ގައި، އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އޮސްކާ އެވޯޑުގައި، ސަޕޯޓިން ބަތަލާގެ ޓްރޮފީ ލިބުނު ޖޭމީ ލީ ކާޓިސްއަކީ ކުޑަކުދިންގެ ވާހަކަ ލިޔުމުގެ އިތުރުން ފިލްމް ޕްރޮޑިއުސްކުރާ ވެސް ފަންނާނެކެވެ.

ބަފްޓާ، ޕްރައިމްޓައިމް އެމީ، ގޯލްޑަން ގްލޯބް އަދި ސްކްރީން އެކްޓާސް ގިލްޑްގެ އެވޯޑުތައް ލިބުމުގެ އިތުރުން ޖޭމީ ވަނީ ކްރިޓިކްސް ޗޮއިސް އާއި އިންޑިޕެންޑެންޓް ސްޕިރިޓް އެވޯޑަށް ނޮމިނޭޓްވެފައެވެ. އަދި އެމެރިކާގައި މިއުޒިކް ސިނާއަތަށް ދޭ އެންމެ ޝަރަފުވެރި ގްރެމީ އެވޯޑްގައި ޖޭމީއަށް ވަނީ، އޭނާ ލިޔާ ކުޑަކުދިންގެ ވާހަކަތައް، އޭނާގެ އަޑުން ކިޔައިގެން ގެނެސްދިނުމުން ވެސް ނޮމިނޭޓްވެފައެވެ.

މި ދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، އިނގިރޭސި ވިލާތުގެ ޝެހެޒާދާ ޑަޔާނާ ކާރު އެކްސިޑެންޓެއްގައި މަރުވި ހާދިސާއަށް 28 އަހަރު ފުރުމާ ގުޅިގެން ޖޭމީ ވަނީ މީގެ ކުރިން އާއްމުންނަށް ނޭނގޭ ކަމެއް ހާމަކޮށްފައެވެ. އެއީ އުމުރުން 36 އަހަރުގައި މި ދުނިޔެއާ ވަކިވުމުގެ ކުރިން، ޖޭމީއަށް ޑަޔާނާއާ ބައްދަލު ނުކުރެވުނީ ނުވަތަ ޑަޔާނާ "މިސް ވީ" އެންމެ ހިނދުކޮޅެއްގެ ތަފާތުންކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ޖޭމީ ބުނުމެވެ.

ޑަޔާނާގެ ދެ ދަރިކަލުން ކަމަށްވާ، އިނގިރޭސި ވަލީ އަހުދު ޝެހެޒާދު ވިލިއަމް އާއި އޭނާގެ ހަގަށް ހުންނަ ހެރީއާއެކު މަޖާކުރާ ކަހަލަ މަންޒަރެއް ފެންނަ ފޮޓޯއެއް ވެސް ޕޯސްޓް ކުރަމުން ޖޭމީ ސޯޝަލް މީޑިއާގައި ލިޔުނު ޕޯސްޓްގެ ތަރުޖަމާ ތިރީގައި މި ވަނީއެވެ:

ޝެހެޒާދާ ޑަޔާނާއާ ދިމާއަށް، އޭނާގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ ޝެހެޒާދު ވިލިއަމް އަދި ޝެހެޒާދު ހެރީ ދުއްވައިގަންނަ މަންޒަރު ދައްކުވައިދޭ މި ފޮޓޯ ވަނީ ޖޭމީގެ ސޯޝަލް މީޑިއާ ޕޯސްޓްގައި ހިމަނައިފައި

އަހަރެން އެއް ފަހަރަކު ޝެހެޒާދާ ޑަޔާނާއާ ބައްދަލު ނުވެ ދިޔައީ ހަމަ ކިރިޔަކިރިޔާއެވެ. ފިލްމް "އަ ފިޝް ކޯލްޑް ވޯންޑާ"ގެ ދެވަނަ ބައި ކަމަށްވާ "ފިއާސް ކްރީޗާސް"ގެ ޝޫޓިން ހިނގަމުން ދިޔަ ސެޓަށް ޑަޔާނާ ޒިޔާރަތް ކުރަން ހަމަޖެއްސިއެވެ. އަހަރެންނާއި ފިލްމް ކްރޫ ފިލްމް ޝޫޓުކުރަމުން ދިޔައީ އެ ހިސާބުގައި، ޕައިންވުޑްގައި، ހުރި ޖަންގަލީގެ ވަރަށް އެތެރެއަށް ވާ ހިސާބެއްގައެވެ.

އެންމެ ފަހުން އަހަރެމެން ޝޫޓިން މެދުކަނޑައިލިއިރު، "ޑްރެސިން ރޫމް" ނުވަތަ ނަލަ ވާ ކޮޓަރިބަރި ކައިރީގައި ހުންނަ ފާހާނާ ބޭނުންކުރަން އެއް މޭލު ކަނޑައްތު ކުރަން، ގޮލްފް ކާޓްއަކަށް އަހަރެން އަރައިގެން އައީމެވެ.

އަހަރެންގެ ޑްރައިވަރު ދިޔައީ އަހަރެންގެ ދޮރުގައި ތަޅަމުންނެވެ. ބުނަމުން ދިޔައީ އޭނާ (ޑަޔާނާ) އޭނާގެ ދަރިންނާއެކު އައިސްފި ކަމަށެވެ. އަދި މިހެންވެ ގޮލްފް ކާޓަށް އަހަރެން ފުންމައިލީއެވެ. އަދި އަހަރެންނަށް ޑްރެސިން ރޫމަށް އެނބުރި އާދެވުނުއިރު، އޭނާ (ޑަޔާނާ) އެނބުރި ދަނީއެވެ. އަދި އަހަރެން ޑަޔާނާއަށް ކުރާ އިހްތިރާމާއި ގަދަރުގެ ވާހަކަ ބުނަން އޭނާގެ ފަހަތުން ނުދުވަން އަހަރެން ނިންމީއެވެ.

ޖެހިގެން އައި ދުވަހު އަހަރެން (ޑަޔާނާއަށް) ސިޓީއެއް ލިޔުނީމެވެ. އޭގައި އަހަރެން ބުނީ އަހަރެންނަށް އެ ތަނަށް ނާދެވުނު ކަމަށެވެ. އަދި (އެހެނަސް) އަހަރެން އޭނާއަށް ގަދަރާއި އިހްތިރާމްކުރާ މިންވަރެވެ. އަދި (ޑަޔާނާ ދިރިއުޅެމުން ގެންދިޔަ) ކެންސިންޓަން ގަނޑުވަރަށް އެ ސިޓީ ފޮނުވީމެވެ.

އަދި ޖެހިގެން އައި ދުވަހު ޑަޔާނާގެ ސިޓީއެއް އަހަރެންނަށް ލިބުނެވެ. އަހަރެން (ސިޓީ) ލިޔުނީތީ އާއި ކަންތައްތައް އަހަރެންނަށް ފަހުމް ވާތީ އޭނާ އަހަރެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ބުނެފައިވަނީ ހަމަ ކަށަވަރުން ވެސް، އަބަދު ވެސް އޭނާއަށް ފާހާނާއަށް ދާން ޖެހޭ ކަމަށެވެ. އަދި އަހަރެންނާ ބައްދަލު ކުރަން އެދޭ ކަމަށެވެ.

އޭނާ މަރު ވީ އޭގެ ދެ މަސް ފަހުންނެވެ. އެއީ (އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ކަމަށް ރަސްމީ ގޮތުން ބަލާ) އިންގްލެންޑުން އަހަރެން އެނބުރި އައިތަނާއެވެ. ހަބަރު ބަލަމުން ދިޔަކަން އަހަރެން ހަނދާންވެއެވެ. އަދި (ޓީވީ) ނިއްވައިލިކަން ވެސްމެއެވެ. ހަބަރުތަކުން ހަދާނެ ވަޑާން އަހަރެންނަށް އެނގޭތީއެވެ. އަދި (ޑަޔާނާގެ ކާރު މުޑިއެރި) ބިންގަރާސް މަގުގެ ،މަންޒަރުތައް ތަކުރާރުކޮށް ފެންނަމުން ދިޔުމުންނެވެ.

އަހަރެންގެ އެނދާ ޖެހިގެން އޮތީ ޖެކް ކޯންފެލްޑް އަދި ޖޯސެފް ގޯލްޑްސްޓައިން "އިންސައިޓް މެޑިޓޭޝަން" (ހަށިގަނޑުގެ އެތެރެ އާއި ބޭރު މާހައުލާމެދު ސަމާލުވެ ކުރާ މެޑިޓޭޝަންގެ ބާވަތެއް)އާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.

އަހަރެން އެ ނެގީމެވެ.

ފުރަތަމަ ސަފުހާތަކުގައިވަނީ، އެތެރެފުށާއި ބޭރުފުށުން ތަޖުރިބާކުރާ ކަންތައްތަކާމެދު ސަމާލުވެގެން ދިރިއުޅޭ މީހުން، އެ މީހުންގެ މަރު އަންނަ ވަގުތު، ހަގީގަތުގައި އެ މީހުންގެ ނަފުސާކުރާ ދެ ސުވާލެކެވެ*. އެއީ:

ހ. ވިސްނުންތެރިކަމާއެކު ދިރިއުޅެން އަހަރެންނަށް ދަސްކުރެވުނު ބާވައެވެ؟

ށ. ލޯބި ރަނގަޅަށް އަހަރެންނަށް ފާޅު ކުރެވުނު ހެއްޔެވެ؟

އަހަރެންގެ ވިސްނުމަށް ކުއްލިއަކަށް އައީ ޝެހެޒާދާ ޑަޔާނާއެވެ. ވިސްނުންތެރިކަމާއެކު ދިރިއުޅެން އޭނާ ދަސްކުރި ގޮތެވެ. އޭނާގެ "ގެރި ގުއި" ފަދަ "ފޭކު" ކައިވެނި "ކޮންޓްރެކްޓު"ން އޭނާ ނުކުތް ގޮތެވެ. އަދި ޒާތީ މައްސަލަތަކާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކި ގޮތެވެ. ހިތްވަރާއި ހަމްދަރުދީ ދެއްކި ގޮތެވެ. އެއީ އެޗް.އައި.ވީ/އެއިޑްސް ޖެހިފައިވާ ޒުވާން ފިރިހެނެއްގެ ފައިގައި އޭނާ އަތްލި ގޮތެވެ. އަދި މައިން ވަޅުލައިފައިވާ ސަރަހައްދެއްގައި ހިނގި ގޮތެވެ.

އަހަރެންނަށް ޔަގީންކަމާއެކު ވިސްނުނީ އޭނާ ވަނީ ވިސްނުންތެރިކަމާއެކު ދިރިއުޅެން ދަސްކޮށްފައި ކަމެވެ. އަދި އަހަރެން ހިތަށް އަރަނީ، އޭނާއާ ދުރުގައި ވަގުތު ހޭދަކުރެވުމުން، އޭނާގެ ފިރިހެން ދެ ދަރިކަލުން، އޭނާގެ ހުޅުވައިލައިފައިވާ އަތާ ދިމާއަށް ދުއްވައިގަންނަ މަންޒަރު އަހަރެމެން އެންމެންގެ ހަނދާނުގައި ވާކަމެވެ.

އެ ދެ ކުދިން ދެކެ އޭނާ ލޯބިވީ މީގެ ކުރިން ޝާހީ މީހަކު އެ ދެ ކުދިން ދެކެ ލޯބި ނުވާ ކަހަލަ ގޮތަކަށެވެ. އަދި ހަގީގަތުގައި ވެސް ދުނިޔޭގެ ހުރިހާ ކަމެއް ދެކެ އޭނާ ލޯބިވިއެވެ. އަދި އެހެންކަމުން އޭނާ އެ ވަނީ ރަނގަޅަށް ލޯބި ފާޅުކޮށްފައެވެ. އަދި އެ ދުވަހު، (މި ބުނީ) މި ދުވަހު، އޭނާ އާއި އޭނާގެ ހެޔޮކަމާއި އަދި ހިތްވަރު ދެކެފައި އަހަރެންނަށް ޖަޒުބާތީ ގޮތުން އަސަރުކުރިއެވެ. އަހަރެންނަށް ހަމަޖެހުން ލިބެނީ، އޭނާ ދިރިއުޅުނީ، ކަންތައްތަކަށް ސަމާލުވާ ހާލުގައި، ވިސްނުންތެރިކަމާއި ލޯބި ފާޅުކުރި ހަޔާތެއްގައިކަން އެނގޭތީއެވެ.

* މި ދެ ސުވާލަކީ ރޫހާނީ ދަތުރުގައި، ހިތާއި ސިކުނޑި އެއްކޮށް ތަމްސީލުކުރާ ދެ ސުވާލެވެ. މަރުގެ އެނދުދާނުގައި އޮންނަ ވަގުތު ނުވަތަ މި ހިނދުގައި ނަމަވެސް މި ދެ ސުވާލު ކުރުމުން އެ ކަން ވެގެން ދަނީ ސުލޫކީ "އޯޑިޓެ"އް އަމިއްލަ ނަފުސާމެދު ހެދުން ކަހަލަ ކަމަކަށެވެ. ބޭރުފުށުން ކަންބޮޑުވާ ކަހަލަ ކަންތައްތައް ކަމަށްވާ މުއްސަނދިކަމާއި މަޝްހޫރުކަމާއި ނުވަތަ ލިބިފައިވާ ކާމިޔާބީތައް ނައްތައިލައި، މި ދެ ސުވާލުން ނަފުސު "ބަރަހަނާކޮށްލަ"އެވެ. އަދި ސަމާލުކަން ދެން ހުއްޓޭނީ އެ މީހެއްގައިވާ، ވަގުތަށް ކިޔަމަންތެރި ނުވާ، ދެ ސިފައަށެވެ؛ އެއީ ވިސްނުންތެރިކަމާއި ލޯތްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *