މާލޭގައި ހުޅުވި ސެލޫން ފެމިނާއަކީ ފިސާރި ކަނބަލެއް ޒަމާންތަކެއް ވަންދެން ދެކެމުން އައި ފޮނި ހުވަފެނެކެވެ.
ވަރަށް ހިންގުންތެރި މަންމައަކަށް ލިބިފައިވާ އާދަޔާ ހިލާފު، މިނިވަން ވިސްނުމެއްގެ ވެރި ފާތުމަތު ޝަފާ، 2014 ގައި ސެލޫނު ފެމިނާ ހުޅުވިއިރު އޭނާއަށް އެންމެ 24 އަހަރެވެ. އެކުވެރި ގާތް މީހުން ކައިރީގައި ސެލޫނެއް ހުޅުވަން އުޅޭ ވާހަކަ ބުނި އިރު އޭނާގެ ބޮލުގައި އޮތީ އެ ކަންތައް ގެންދާނެ ގޮތް ރާވައި ނިންމައިފައެވެ. އެއިން އެއްވެސް މީހަކަށް އޭނާ އެ ކުރަން ހިތުއެޅި މި ކަންތައް ކާމިޔާބު ނުވެދާނޭ ހިތަކަށްވެސް ނާރައެވެ. ސަބަބަކީ އެ ކަންތައް ކުރަން ފޫގަޅައިފައި ހުރީ ޝަފާ ވީމައެވެ. ޝަފާއަކީ އޭނާ ކުރިމަތިލައިފި ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކޮށް، ކާމިޔާބާ ހަމައަށް ގެންދާނޭ މީހެއްކަން އޭނާ ވަނީ އެތައް ފަހަރަކު ސާބިތުކޮށްދީފައެވެ.
ޝަފާ ހުޅުވި ސެލޫން ހިންގަމުން ގެންދާތާ މިއަދު 11 އަހަރު ވީއެވެ. މި 11 އަހަރުގެ ތެރޭގައި އޭނާ ވަނީ އެތައް ގޮތަކުން އޭނާގެ އަޒުމަކީ ނުގުޑާނޭ އަޒުމެއްކަން ސާބިތުކޮށްދީފައެވެ. ސެލޫން ފެމިނާގެ އަހަރީ ދުވަހުގެ އުފަލުގައި ކުރުކޮށް ފޮނިކޮށް މި ގެނެސްދެނީ ޝަފާގެ ފޮނި ހުވަފެނުގެ ތައުބީރު 11 ނަލަ ވާހަކައިންނެވެ.

1. ފެއްޓިދާނޭ ބައިވަރު ވިޔަފާރި ހުއްޓައި ސެލޫނެއް ފެއްޓި ސަބަބު
ޝަފާއަކީ ކުޑައިރުން ފެށިގެން ދިގުލައިގެން ދިޔަ ބައްޔަކަށް ބޭސްކުރަން ޖެހުނު މީހެކެވެ. ނަމަވެސް ދުވަހަކުވެސް ބައްޔަށް ތަބާވެ، އަމާންކަމުގެ ހުދު ދިދައެއް ނުނަގައެވެ. އޭނާގެ ރޫހުގައި ވަނީ ނުގުޑާ ވަރުގަދަ އަޒުމެކެވެ. ބަލީގައި އުޅެމުންވެސް ކުރަން ޖެހޭ ކަންތައް އެންމެ ފުރިހަމައަށް ކުރެވޭތޯ ގެންދިޔައީ ބަލަމުންނެވެ. ސެލޫނެއްގައި ވަޒީފާ އަދާކުރަމުން ބިޒްނަސްގެ ދާއިރާއިން ކިޔަވައި ނިންމީ އަމިއްލަ ހަރަދުގައެވެ. އެއްފަހަރު ހޮސްޕިޓަލުގައި ބާއްވައިފައި އޮތް އިރު ރަހުމަތްތެރިންތަކެއް ޒިޔާރަތް ކޮށްލަން އަންނާތީ ފާހާނާއަށް ގޮސް މޫނު ދޮވެގެން ފުށްކޮޅެއް ޖަހައިލައި ލިޕްސްޓިކް ކޮޅެއް އުނގުޅައިލި ވަގުތު ބަލީގެ ސަބަބުން ވަރުދެރަވެފައިވާ ހަށިގަނޑުގައި ޖެހުނު ބާރުން އޭނާ ހައިރާންވިއެވެ. އަމިއްލަ ހަށިގަނޑު ރީއްޗަށް ބަހައްޓަން ކޮށްލާ ކުޑަކަމަކުންވެސް ނަފުސު ބާރުވެރިވާކަން އެ ދުވަހު އޭނާއަށް އެނގި ސާބިތުވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އޭނާ މަސައްކަތްކުރި ސެލޫނެއް ވިއްކާލަން އުޅޭ ވާހަކަ އިވުމުން އެ ސެލޫނަށް އެއް އަހަރުން ފައިސާ ދައްކައި ނިންމާގޮތަށް ގަންނަން ނިންމީ މި ސަބަބާ ހެދިއެވެ. "ސެލްފްކެއަރ" އަށް އިސްކަންދޭން ހިތްވަރު ދީގެން ގިނަ ބަޔަކު ބާރުވެރި ކުރުވުމުގެ ނިޔަތުގައެވެ.

2. އެ ދުވަހުވެސް މިއަދުވެސް އެންމެ ބޮޑަށް ލިބެނީ އާއިލީ ސަޕޯޓު
ޝަފާގެ އާއިލާ ދަންނަ ބަޔަކަށް ވެއްޖެއްޔާ އެ މީހުންގެ ތެރޭގައި އެކަކު އަނެކަކާ ދޭތެރޭ އޮންނަ ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަން ކިޔައިދޭކަށް ނުޖެހޭނެއެވެ. ހަތަރު ކުދިންގެ މައްޗަށް އެކުލެވޭ މި ކުޑަ އާއިލާއަކީ ދަތި، އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ބަޔަކެވެ. ވީމާ ކޮންމެ މީހެއްގެ ކަމަކައިގެން އެހެން މީހުން އުޅެދެނީ ހަމަ އެ މީހެއްގެ އަމިއްލަ ކަމެއްގެ ގޮތުގައެވެ.

އެމީހުންނަށް ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި އެއް ކަމަކީ 2013 ގައި އެ މީހުންގެ ލޯބިވާ މަންމަ ދުނިޔެ ދޫކުރި ކަމެވެ. އެ ހިސާބުން ހުރިހާ ކުދިންގެ މަންމައެއްގެ ރޯލު ކުޅެން ފެށީ ޝަފާއެވެ.
ސެލޫނެއް ގަނެގެން ހިންގަން ބޭނުންވާ ވާހަކަ ބުނުމުން ސެލޫނުގެ ލޯގޯ ހަދައިދިނީ އޭނާގެ ބޭބެ، މަޝްހޫރު ފޮޓޯގްރަފަރ އަހުމަދު ޝުއާއު (އޮބޮފިލި) އެވެ. ސެލޫނު ހުޅުވި ދުވަހުން ފެށިގެން އެތަން ހިންގުމުގައި އޭނާއާ އެކީގައި އުޅެނީ އޭނާގެ ކޮއްކޮ ޝައު އާއި ޝިފާއެވެ. އޭނާ ކުރާ ކޮންމެ ކަމެއްގައި ހިތްވަރު ލައިދިނުމުގައި އަބަދުވެސް ބައްޕަގެ ރޯލު ވަރަށް ބޮޑެވެ. މިއަދު އޭނާގެ ސަޕޯޓު ޓީމުގެ ވަރަށް މައި ރޯލެއް އޭނާގެ ފިރިމީހާ ވެސް ކުޅެއެވެ.

މަދު މެންބަރުންގެ މައްޗަށް އެކުލެވިފައިވާ މި ކުޑަ އާއިލާއަކީ ޝަފާގެ ދުނިޔެއެވެ. އާއިލާ އެންމެންވެސް ޝަފާގެ ސެލޫނު ބަލައިގަންނަނީ އެ އާއިލާގެ ބައެއްގެ ގޮތުގައެވެ. ކޮންމެ އަހަރަކު ސެލޫނަށް އަހަރު ފުރޭ ދުވަހަކީ އާއިލާ ތެރޭގައި ވަރަށް ބޮޑަށް ފާހަގަކުރާ ދުވަހެކެވެ. ގަވާއިދުން އެ ދުވަހު ގޭގައި ކޭކު ފެޅުން އޮވެއެވެ.
3. ސާފުތާހިރުކަން: ސެލޫނުގެ މައި ބިންގާ
ޝަފާގެ ކަށީގައި ހިފައިފައިވާ ތާހިރުކަމާއި، ތަރުތީބު ގޮތްގަނޑުން ބައެއް ފަހަރު ކައިރީގައި އުޅޭ މީހުންނަށް އުނދަގޫވާ ހިސާބަށް ދެއެވެ. ސެލޫން ފަށްޓަން އުޅުނު އިރުގައި އޭނާގެ ބޮލުގައި އޮތީ އެންމެ "ގްލެމަރަސް" އެންމެ "ޕޮޕިއުލަރ" ސެލޫނު ހުޅުވުމުގެ ހިޔާލެއް ނޫނެވެ. އޭނާ ހިތުލީ މާލޭގެ އެންމެ ސާފުތާހިރު ސެލޫނު ހުޅުވާށެވެ.
ސެލޫން ފެމިނާ ފެށީ އޭރު ރާއްޖޭގައި ވެކްސްކުރަން ގެންގުޅުނު މިންގަނޑު ބަދަލުކުރަން ގޮންޖަހައިލަމުންނެވެ. ކިތަންމެ ހަރަދު ބޮޑު ވިޔަސް ވެކްސް ކުރާއިރު އެއް ސްޕެޓިއުލާއެއް ދެ ފަހަރަށް ވެކްސްގެ ތެރެއަށް ލުމެއް ނޯންނާނޭ ކިޔައި އަޑުހަރުކޮށް ގޮވަމުންނެވެ. އޭނާގެ ވަށައިގެން ތިބި އެންމެން އޭރު "ތިއީ ހާދަ ބޮޑުވަރޭ" ކިޔައިގެން ގޮވިޔަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ އެ ދެއްކި މިސާލުން މިއަދު މާލޭގެ ހުރިހާ ތަނެއްގައި ވެކްސް ކުރުމުގައި އޭނާ ކަނޑައެޅި ސްޓޭންޑަޑް ގެންގުޅެން ވަނީ މަޖުބޫރުވެފައެވެ.

4. އީންމާންތެރިކަމުން އަބަދުވެސް ހިތްވަރު ލިބިގަތުން
ސެލޫން ފެމިނާ ފެށިއިރުގައި ޝަފާ ވަރަށް ޅައެވެ. މީހުންގެ ކުރިމަތީގައި ކިތަންމެ ގަދަވެގެން އުޅުނަސް ހިތުގައި ބިރުވެރިކަން އުފެދޭ ވަގުތުތައް ވަރަށް ގިނައިން ދިމާވިއެވެ. އޭނާ ހިތްވަރެއް ހޯދަން އެނބުރިލެވޭނޭ މާ ގިނަ ބަޔަކު ނެތެވެ. ސަބަބަކީ އޭނާގެ ވިސްނުމާއި އެހެން ވިޔަފާރިވެރިން ގެންގުޅޭ ވިސްނުމާ ތަފާތުވުމެވެ. ފެށިއިރުގައި އެންމެ މޮޅު ޕްރޮޑަކްޓުތަކުންނާއި ޓްރީޓްމަންޓުތަކުން ސެލޫނުގެ ހިދުމަތް މެނޫ ފުރައިލާނޭ ފެންވަރެއް އޭރު އޭނާގެ ކިބައިގައެއް ނެތެވެ. ނަމަވެސް އޭނާގެ ވިސްނީ ސެލޫނުން ދޭ ކޮންމެ ހިދުމަތެއް އެންމެ ފެންވަރު ރަނގަޅަށް ދިނުމަށެވެ. ހުރިހާ ކަމެއްގައި އިހުލާސްތެރިކަން އިސްކުރުމަށެވެ. ކާމިޔާބު ދެއްވާނީ އަބަދުވެސް އެ ފަރާތުން ކަމާ މެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އެގާރަ އަހަރު ފަހުން އޭނާގެ ސެލޫނުގައި ދުނިޔޭގެ އެންމެ މޮޅެތި ބްރޭންޑުތަކުގެ ޓްރީޓްމަންޓްތައް ލިބޭގޮތް ވަނީ ހަމަޖެހިފައެވެ.
5. އަތްފޯރާ ފަށުގައި "ސެލްފްކެއަރ"ގެ އަގުތައް ބަހައްޓަން ދޭ އަހައްމިއްޔަތު
ވޭތުވެދިޔަ 11 އަހަރު ސެލޫނުގެ ހިދުމަތްތަކުގެ އަގުތައް ބޮޑުކުރީ ތިން ފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު ޝަފާގެ ހިތް ފުނޑުފުނޑުވިތަން އޭނާގެ ގާތް މީހުންނަށް ފެނުނެވެ. ސަބަބަކީ ވިޔަފާރި ފުޅާވެގެން ދިޔައިރުގައިވެސް އެތަން ވުޖޫދަށް ގެނައި ސަބަބު އޭނާގެ ހަނދާނުން ނުދާތީއެވެ. ޝަފާގެ ހުވަފެނަކީ ކޮންމެ އަންހެނަކަށް ވެސް އަމިއްލަ ނަފުސުގެ ޒީނަތްތެރިކަމަށް ކުރަން ޖެހޭ ހަރަދު އަތްފޯރާފަށުން ލިބޭނޭ ގޮތެއް ހަމަޖެހިފައިވުމެވެ. ވަރަށް ގިނަ މީހުން އޭނާއާ ދިމާލަށް އޭނާގެ ސެލޫނަކީ ސަދަގާތް ފަންޑެއްތޯ ވެސް އަހައެވެ. އެހެން ކިޔައިގެން އޭނާއަށް ވިސްނިގެން ބަދަލުކުރާކަށް އިތުރު އެއްޗެއް ނެތެވެ. ތަނަށް ކުރަން ޖެހޭ ބޮޑެތި ހަރަދު ހަމަޖެހުމުން، ވިޔަފާރިއަށް ލިބޭ ފައިދާއިން ބޮޑު ބައެއް ކަނޑައިލައިފައިވެސް މީހުންނަށް ހެޔޮ އަގުގައި ބިއުޓީ ޓްރީޓްމަންޓް ލިބޭ ގޮތް ވީމާ ޝަފާއަށް ފުދެއެވެ.
މިއަހަރު ފެށުމުން ޑޮލަރުގެ އަގުތަކަށް އައި ބޮޑެތި ބަދަލާ އެކުގައި ގިނަ ސެލޫންތަކުގެ އަގު ބޮޑުތަނުން އުފުލައިލިއެވެ. ޝަފާ ކަންތައް ކުރީ ދިމާ އިދިކޮޅަށެވެ. ސެލޫން ފެމިނާއިން ހިދުމަތް ދޭ އަގުތައް ކުޑަކުރީއެވެ. މިކަން ކުރީ ވަރަށް ވެސް ލޯބިންނެވެ؛ އަންހެނުން ރީތިކޮށް ތިބެން ކުރަމުން އައި ކަންކަން، އިގްތިސާދީ ފިއްތުންތަކާ ހެދި ހުއްޓައިލަފާނެތީއެވެ.

6. ސްޓާފުންގެ ހިތްހަމަޖެހުން ވަރަށް މުހިންމު
ކިތަންމެ މޮޅު ސެލޫނެއް ހަދައިގެން، މޮޅެތި ބްރޭންޑުތަކުގެ ޓްރީޓްމަންޓް ހެޔޮ އަގުގައި ފޯރުކޮށްދެވުނަސް، އެ ކަންތައް ކޮށްދޭން ތިބޭ މީހުންގެ ހިތް ގޯސްނަމަ، އެކަން ކަސްޓަމަރުންނަށް އެނގި އެމީހުން ހޯދައި ހިދުމަތުގެ ފެންވަރު ދަށްވާނެއެވެ. މުވައްޒަފުންގެ ހިތްހަމަޖެހުމަށް ޝަފާ ބޮޑު އަހައްމިއްޔަތެއް ދެނީ މި ސަބަބާ ހެދިއެވެ. އެމީހުންނަށް ފުއްދައިދޭން ޖެހޭ ޒަރޫރީ ހިދުމަތްތައް ފުއްދައިދީފައި ނޫނީ ވިޔަފާރިން ޝަފާއަށް ލިބޭ އެއްޗެއްގައި އަތެއް ނުލައެވެ. ނަތީޖާއަކީ ޝަފާ ކައިރީގައި މަސައްކަތްކުރާ މީހުން ގިނަ ދުވަހު ހަރުލާކަމެވެ. ސެލޫނު ފެއްޓިއިރު މަސައްކަތް ކުރަން ފެށި ތިން މީހުން އަދިވެސް އެތާނގައި މަސައްކަތް ކުރެއެވެ. ޝަފާ ދެކޭ ގޮތުގައި އެމީހުން އެތާނގައި ގެންގުޅޭހައި ދުވަހަކު އެމީހުންގެ ބަލަދުވެރިކަން އޮންނާނީ އޭނާގެ އަތްމަތީގައެވެ. ޝަފާ މޮޅީ ގުޅުން ބަދަހިކުރަން އެކަންޏެއް ނޫނެވެ. ބަދަހިކުރާ ގުޅުން ދަމަހަށްޓަންވެސް ވަރަށް މޮޅެވެ.
ޝަފާ ކައިރީގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސެލޫނުގެ ސޯޝަލް މީޑިއާ ހިންގަން މަސައްކަތް ކުރާ ޑިޒައިނަރ އަހްމަދު ރުޝްދީ ބުނީ މިހެންނެވެ.
"ޝަފާއަށް އެނގޭނެ ކޮންމެ މީހަކާ އެއްކޮށް ވެސް މަސައްކަތް ކުރަން. އެއީ ވަރަށް ބެސްޓު މީހެއް!"
7. ކޮވިޑުގައި ނުގެނބި މަތީގައި އޮވެވުނު ގޮތް
ކޮވިޑު-19ގެ އާލަމީ ވަބާ ތެރޭގައި ޝަފާއާއި ސެލޫނު ފެމިނާ އާންމުންނަށް މަޝްހޫރުވެގެން ދިޔައީ ކޮށްލި ތަފާތު، މޮޅު ކަމަކުންނެވެ. ކޮވިޑުގެ ފުރަބަންދުގައި ސެލޫނުގެ މަސައްކަތް ހުއްޓި މުވައްޒަފުންނަށް މުސާރަނުދެވޭނޭކަން އެނގުމުން ޝަފާ އަތްއުރާލައިފައި ސަރުކާރުން އެހީ ލިބެންދެން މަޑުކުރީކީ ނޫނެވެ؛ މުވައްޒަފުންނަށް ކޮންމެވެސް ގޮތެއް ހޯދައިދިނުމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅިފައިވާ ކަމަށް ގަބޫލުކޮށް އޭނާ ފައްޓައިގެން އުޅުނު ތަންތަން ބަދަލުކުރީ ބާޒާރުން މުދާ ގެނެސް ބަހައްޓައި އޮންލައިނުން އޯޑަރު ނަގައިގެން ޑެލިވަރީ ކުރާ ތަންތަނަށެވެ. އެ ތަންތަނަށް މުދާ ގަންނަން ބާޒާރަށް ކޮންމެ ދުވަހަކު ހެދުނު ދަނީ ހުދު ޝަފާއެވެ. މިކަމުގައި އޭނާއާ އެކުގައި ޝާމިލުވެގެން އުޅުނީ ސެލޫނުގެ ސްޓާފުންނެވެ. އެ މަސައްކަތުން އެމީހުންގެ ކަންކަން ކޮށްލައިގެން އުޅެވޭވަރުވިއެވެ. ޖެހޭ ކޮންމެ އޮއިވަރަކާއެކުގައި ކޮޅު ބަދަލުކޮށްލުމުގެ ގާބިލުކަމަކީ ގިނަ މީހުންގެ ކިބައިގައި ނެތް ސިފައެކެވެ. އެކަމަކު މިއީ ޝަފާ ވަރަށް ކުޅަދާނަ ކަމެކެވެ.

8. އެނގޭތަ؟ އެއް ދުވަސްވަރެއްގައި ސެލޫނު އޮތީ ޖަންގައްޔެއްހެން!
ބޮޑު ވިޔަފާރިވެރިއެއްގެ މޫނުމަތި އަޅައިގެން އުޅޭ ޝަފާގެ ހިތް ވަރަށް ސާފުވެފައި ނިޔަނެއްޗެވެ. ކޮވިޑުގެ ތެރޭގައި އެންމެން ގަހުގެ ކަންތަކާ އުޅުނު އިރުގައި އޭނާވެސް އެ އަވައިގައި ޖެހުނެވެ. އޮންލައިނުން ގަސްތަކަށް އޯޑަރުދީގެން ގަސްތައް އަތުރަމުން ގެންދިޔައީ ހުސްކޮށް އޮތް ސެލޫނު ތެރޭގައެވެ. ކޮވިޑު ނިމުމުން އެތަނަށް ބިއުޓީ ޓްރީޓްމަންޓުތައް ނަގަން ދިޔަ މީހުންނަށް ވަދެވުނީ ހިތްގައިމު، ފެހި ރެއިން ފޮރެސްޓަކަށެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކުން ގަސްތަކާ ހެދި ބައެއް ސްޓޭޝަންތަކުގައި މަސައްކަތް ކުރަން އުނދަގޫވެގެން އޭނާގެ ސްޓާފުން މައްސަލަ ޖެއްސިއެވެ. ޝަފާގެ ޖަވާބަކަށް ވީ، "ދެން އެ ސްޓޭޝަންގައި މަސައްކަތް ނުކުރޭ. އެ ގަސް އެހެން ތާކަށް ބަދަލުކޮށްފިއްޔާ ގަހަށް ވަރަށް އުނދަގޫވާނެ،" އެވެ. މިއީ ގިނަ މީހުންނަށް ނޭނގޭ، ޝަފާގެ މައުސޫމިއްޔަތުގެ ބަޔެކެވެ.

9. ކުދި ފިޔަވަޅުން ބޮޑެތި ރާސްތާ ކަނޑަތުކުރަން ވިސްނުން
ސެލޫނު ފެމިނާ ކުރިއަރައިގެން އައީ އެންމެ ދުވަހަކުން ނޫނެވެ. ކޮންމެ އަހަރެއްގައި ވެސް ކޮންމެވެސް ކުރިއެރުމެއް ހޯދަން ނިންމައެވެ. ބައެއް އަހަރު ވިސްނަނީ ކޮންމެވެސް އެއް ޕްރޮޑަކްޓެއް ނޫނީ ދޭ ހިދުމަތެއް އިތުރުކުރާށެވެ. ސެލޫނަށް ފަސް އަހަރު ވީއަހަރު މީހުންނަށް ފަސޭހަކޮށްދޭން އޮންލައިން ބުކިން ޕޯޓަލްއެއް ހުޅުވިއެވެ. އެސް.ޑީއެފް.ސީގެ ލޯނެއްގައި 2022 ސެލޫނު ބޮޑުކޮށްލައި ހިދުމަތްދޭ ސްޓޭޝަންތައް ގިނަކޮށްލިއެވެ. މިދިޔަ އަހަރު 10 އަހަރު ފުރުމުން ސެލޫނުގެ ލޯގޯ ބަދަލުކުރިއެވެ. މިގޮތަށް ކުދި ކަންތަކުން ކުރިއަރަން ވިސްނައި ނަމަ ބޮޑުކަމެއް ކުރާއިރު އަރާ ލޮޅުމަކުން ތަން ފުނޑިގެނެއް ނުދާނެއެވެ.
10. އިތުބާރުކުރެވޭ ލަފާދޭ މީހެއް ހުރުމުގެ މުހިންމުކަން
ކިތަންމެ ނަގާ ކިޔާ މީހެއް ގޮތުގައި ފެނުނަސް ޝަފާއަކީ ހިތްތިރި އިންސާނެކެވެ. އަބަދުވެސް އޭނާއަށް ވުރެން މޮޅަށް ކަންކަން ކުރަން އެނގޭ އެހެން މީހުން އުޅޭނޭކަން ޝަފާ ގަބޫލުކުރެއެވެ. ފެށުނީއްސުރެން މިއަދާ ހަމައަށް ޝަފާއަށް ވިޔަފާރީގެ ހުރިހާ ކަމެއްގައި ލަފާދެނީ ނެކްސިއާ މޯލްޑިވްސްގެ ފަރީހާ ޝަރީފެވެ. ޝަފާ އޭނާ ކައިރީގައި ސެލޫނެއް ފަށަން އުޅޭ ވާހަކަ ބުނީމައި އޭނާގެ އެންމެ ފުރަތަމަ ލަފައަކަށްވީ ރަނގަޅަށް އެކައުންޓު ބެލެހައްޓަން ޖެހޭނޭ ކަމެވެ. އޭގެ ފަހުން މިއަދާ ހަމައަށް ދެމީހުން ގަވާއިދުން ބައްދަލުވެ ވިޔަފާރީގެ ކަންކަމުގައި ޝަފާ އޭނާގެ ކައިރިން ލަފާ ހޯދައި އުޅެއެވެ.
11. އެންމެ ބޮޑަށް ގަބޫލުކުރަނީ ލިބޭ އެއްޗެއް ހިފެއްޓޭނީ ދީގެންނޭ
ޝަފާއަށް ވިޔަފާރީގެ ކާމިޔާބީއަކީ ހަމައެކަނި ލިބޭ މާލީ ފައިދާއެއް ނޫނެވެ. އޭނާ ސެލޫނުގެ ފައިދާ މިނަނީ ސެލޫނަށް ލިބޭ ނަފާއިން ފައިދާ ކުރަނީ ކިތައް މީހުންތޯ ބަލައިގެންނެވެ. މުވައްޒަފުންގެ ކަންކަން ހަމަޖައްސައިފައި، ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްތަކެއް ދީފައި ދެން އެންމެ ބޮޑު އުފަލެއް ޝަފާ ހޯދަނީ މުޖުތަމައުގެ ކަންކަމަށް ސެލޫނުން ހަރަދުކޮށްގެންނެވެ. އިޖްތިމާއީ ގޮތުން ފާހަގަކުރާ ބޮޑެތި ދުވަސްތަކަށް ސެލޫނުން ވަރަށް ގިނައިން ހިލޭ ވައުޗަރ ދެއެވެ. އަދި އެހެންނިހެން ހީވެސް ނުކުރާ ކަހަލަ ކަންތައް ޝަފާ ދަނީ މުޖުތަމައުއަށް ކޮށްދެމުންނެވެ. ޝަފާ ގަބޫލުކުރާ ގޮތުގައި އޭނާއަށް ލިބޭ އެއްޗެއް ހަރުލާނީ އެންމެންނަށް ދީގެންނެވެ.
ޝަފާގެ ވާހަކައަކީ ކޮންމެ މީހަކަށް ވެސް ހިތްވަރު ލިބިގަނެވޭނޭ ތަފާތު ވާހަކައެކެވެ. މި ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި އެކަކަށް ވުރެން އަނެކަކު މޮޅުވާން، އަވަހަށް މުއްސަނދިކަން ހޯދާ ސްކީމުތަކުގައި ޖެހިފައިވާ ޖީލަކަށް މިއީ މިސާލު ވާހަކައެވެ. ވިޔަފާރިއެއް ފަށާއިރުގައި އޭގެން އެހެން މީހުންނަށް ވާނެ ފައިދާއަކީ ތިމާގެ ހިތުގެ އަޑިން ގަބޫލުކުރާ އެއްޗެއް ކަމުގައި ވުމުގެ މުހިންމުކަމާއި، ކައިރީގައި ތިބޭ މީހުންގެ ސަޕޯޓުގެ މުހިންމުކަމާއި، އިހުލާސްތެރިކަމާއި އީންމާންތެރިކަމާ އެކުގައި ނަގާ ފިޔަވަޅުތައް ނެގުމުގެ މުހިންމުކަން ކަހަލަ ބައިވަރު ކަންތައް އެކުލެވިފައިވާ މި ވާހަކައިން ބަލާ މީހަކަށް ހާސިލުވާނޭ އެތައް އިބުރަތެއް ވެއެވެ.
އަހަރުމެން އެދެނީ ޝަފާއަށާއި ސެލޫން ފެމިނާއަށް މިކަހަލަ އެތައް 11 އަހަރެއްގެ އުފާވެރިކަމާއި ކުރިއެރުން ދެއްވުމަށެވެ.
ސެލޫން ފެމިނާގެ 11 އަހަރު ފާހަގަ ކުރުމަށް ބޮޑެތި ޑިސްކައުންޓުތަކެއް
- ފުލް ބޮޑީ ވެކްސެއް އެންމެ 1،000ރ. އަށް. އަދި ކޮންމެ ފުލްބޮޑީ ވެކްސްއަކާ އެކު ވެޖައިޝަލްއަކުން %40 ޑިސްކައުންޓު
- ކޮންމެ ފުލްބޮޑީ ވެކްސްއަކާ އެކު ފުލްބޮޑީ ސްކްރަބްއަކުން %40 ޑިސްކައުންޓު
- ކޮންމެ ރޫޓް ކަލަރިންގް އަކާއެކު ރެގިއުލަރ މެނިކިއޯ އަދި ޕެޑިކިއޯއިން %15 ޑިސްކައުންޓު
- ކޮންމެ ހޮލީވުޑް ވެކްސްއަކާ އެކު ވެޖައިޝަލްއަކުން %10 ޑިސްކައުންޓު
މިރަނުގެ ފުރުސަތު ނަގައިނުލާ ބުކިން ހަދައިލުމަށް:
☎️ 331-3333
📱 981-3333
ސެލޫން ފެމިނާގެ ވެބްސައިޓް: https://salonfemina.com/
ސެލޫން ފެމިނާގެ އިސްޓަގްރާމް: https://www.instagram.com/salonfemina/?hl=en
ސެލޫނު ފެމިނާގެ ފޭސްބުކް: https://www.facebook.com/SalonFemina/



advertisment


One Response
ވަރަށް ހުނަރުވެރި، ހިތްތިރި، ސާދާ ކަނބަލެއް! ކާމިޔާބަކީ ކެއްތެރިންގެ މިލްކެކެވެ. ހެޔޮ ދުޢާ!