Support Us

ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒުގެ މައްސަލަ:

އެކަހެރިވެ ވަޑައިގަތުމުގެ ވިސްނުމެއް ފައްޔާޒުގެ ނެތް

މަގާމުން އެކަހެރިވާން އަންގަވާނީ ރައީސުލްޖުމްހޫރިއްޔާ: ފައްޔާޒު

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް މަގާމުން އެކަހަރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދު އެދިވަޑައިގަތަސް، އެކަހެރިވެވަޑައިގަތުމުގެ ވިސްނުމެއް ފައްޔާޒުގެ ނެތެވެ؛ ފައްޔާޒު ވިދާޅުވަނީ އޭނާ އަށް މަގާމު ދެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު އޭނާ އަށް އިތުބާރުކުރައްވާހާ ހިނދަކު މަގާމުގައި ދެމިހުންނަވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ކުޑަ އިޝާރާތެއް ލިބިވަޑައިގަތަސް ގެޔަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް މަގާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އިތުބާރު ކުރައްވާ. އެހެންވެ އަޅުގަނޑު އެކަހެރިވާންޖެހޭ ސަބަބެއް ނެތް،" އަދިވެސް އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު މިއަދު ވިދާޅުވިއެވެ. "ރައީސުލްޖުމްހޫރިއްޔާގެ ކުޑަ އިޝާރާތެއް ވިޔަސް އަޅުގަނޑު ގޭގައި މަޑުކުރާނަން."

ފައްޔާޒު އަދި ވިދާޅުވީ އޭނާ މަސްއޫލިއްޔަތުން އެކަހެރިވެ ހުންނަވަންޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގައިފައި ނޯންނާނެ ކަމަށެވެ.

ޗުއްޓީގައި އިނގިރޭސިވިލާތުގައި ހުންނަވާފައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސްކުރައްވާ ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ފައްޔާޒު އެމަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދެކެވަޑައިގަތީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާވަޑައިގެންފައި ކަމަށެވެ.

"އިކޮނޮކިމް މިނިސްޓަރުގެ މަގާމުން ފައްޔާޒު އިސްމާއިލް އެކަހެރިވެވަޑައިގަތުމަށް ފެންނަ ކަމަށް މިދަންނަވަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން އަޅުގަނޑު ދެކޭއިރު މި ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އަޅުގަނޑަކާއި އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއި ވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުމެ އޮންނާނެ އެވެ. އަދި މިފަދައިން މިދަންނަވަނީ ހަމަ އެފަދައިން އެއްވެސް މިނިސްޓަރަކާ ވެސް ޒާތީ މައްސަލައެއް އޮވެގެންނޫނެވެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީއަކީ އަބަދުވެސް ސާފު ފާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ އެންމެ ކުރު ވެރިކަން ނިމިގެން ދިޔައިރު ވެސް އެޕާޓީގެ އެންމެ ސާފު ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަން އަމަލުތައް މަދުކަން ކަމުގައި ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ކުރު ވެރިކަން ބަގާވާތަކުން ވައްޓާލާފައިވާ ކަމަށާއި އޭގެފަހުން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ވެސް އެޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފައްޔާޒު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަކަށް ބެލުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެމަނިކުފާނާ ޕާޓީން ހަވާލުކޮށްފައިވަނީ ސިޔާސީ މަސައްކަތެއް ކަމަށެވެ. އަދި ސިޔާސީ ނަޒަރަކުން ދެކޭނަމަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެއް ކަމުގައިވާތީ އެމަގާމުން ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތަށް ފައްޔާޒު މަގާމުން އެކަހެރިވެވަޑައިނުގެންފި ނަމަ، ދެން ހައްދަވާނީ ކިހިނެއްތޯ އާއި މަޖިލިސްތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓު ނަންގަވާނަންތޯ "އަދިވެސް" އިން ރައީސް ނަޝީދަށް މިއަދު ދެންނެވުމުން ވަކި ޖަވާބެއް ނުދެއްވައެވެ.

އެމްޑީޕީއަށް ނަޝީދު ފޮނުއްވި އެ ސިޓީ އެޕާޓީގެ ވީހާވެސް ގިނަ މެމްބަރުންނަށް ފެންނާނެ ގޮތެއް ހައްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ފައްޔާޒުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅާނަމަ 10 މެމްބަރުންގެ ސޮއިބޭނުން ވާނެ އެވެ. އެ އަދަދު ހަމަވެސް ކުރެވިދާނެ އެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިފިނަމަ އެ ވޯޓް ފާސްވާނީ 44 މެމްބަރުންގެ ވޯޓް ދެއްވައިގެންނެވެ. އެ އަދަދަށް ވޯޓް ލިބޭނެ ކަމުގެ ޔަގީންކަން ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންފައެއްނުވެ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުރުން ރައީސް ނަޝީދު ވަނީ ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ވެސް ޚިޔާލުތަފާތުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *