Support Us

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާ:

މާސްކް ނާޅުއްވައިގެން ރައީސް ވަހީދު ވެސް 1000ރ. އިން ޖޫރިމަނާކޮށްފި

އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފްވެފައިވާ ކަމަށް ގަބޫލެއް ނުކުރަން: ރައީސް ވަހީދު

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވެގެން 1000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލް ބުރަކަށްފަހު ބޭއްވި އެއްވުމެއްގައި ރައީސް ވަހީދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް އެ އެއްވުމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބުނެ މީގެ ކުރިން ވެސް ރައީސް ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުތަކެއް ކޮށްފައެވެ. އެހެން ނަމަވެސް އެފަހަރު ރައީސް ވަހީދު ވަނީ ގާނޫނީ ވަކީލަކާ އެކު މައްސަލަ އައިގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ އިދާރާއަށް ދެވަނަ ފަހަރަށް ހާޒިރުވެވަޑައިގަތުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ވަހީދު މިއަދު ވިދާޅުވީ އެ އެއްވުމުގައި އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފްވެފައިވާ ކަމަށް ގަބޫލްފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ އެއްވުމުގައި މާސްކް ނާޅުއްވާ ހުންނެވި ކަމަށް ފުލުހުން ބުނެ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މިކަމަކީ ސީޔާސީ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ނޫން ވެސް އެކިއެކި ސިޔާސީ ބޭފުޅުން މާސްކް ނާޅުއްވާ ތިއްބެވި ކިތަންމެ ފޮޓޯތަކެއް ވެސް ފެނިގެން ގޮސްފައިވާއިރު އެއިން ބޭފުޅަކާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

"އާއްމުކޮށް މިހެން މަގުމަތީގައި އުޅޭ މީހުންނާއި އަޅުގަނޑާ ތަފާތުވި ސަބަބަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށްވާތީ، ސިޔާސީ ބަޔަކު އެއްވެފައި ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކައެއް ދެއްކީމަ އެމައްސަލަ ބޮޑު މައްސަލައަކަށް ވެގެން އުޅެނީ. އެހެން ނޫނިއްޔާ އާއްމުކޮށް މަގުމަތީގައި މާސްކް ނާޅާ އުޅޭ މީހުންގެ ފޮޓޯ ނަންގަވާފަ ފުލުސް އޮފީހަށް ފޮނުވިޔަސް އަޅުގަނޑަކަށް ހިއެއްނުވޭ ހުރިހާ އެންމެން ގެންދަވާނެހެނެއް. އެހެންވެ ދެންނެވެން އޮތީ ސިޔާސީ ކަމެކޭ މިއީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

މާސްކް ނާޅުއްވާ ހުންނަވައިގެން ރައީސް ވަހީދު ޖޫރިމަނާކުރި ނަމަވެސް އެމަނިކުފާނު އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފްވެފައިނުވާނެ ކަމަށާއި މާސްކް ނާޅުއްވާ އާއްމު ތަނެއްގައި ނުހުންނަވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ދުވަހުގެ އެއްވުމުގައި ވާހަކަ ދެއްކެވިއިރު މާސްކް ތިރިކޮށްލެއްވިއިރު އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ އޮފީސް އިމާރާތުގެ ތެރޭގައި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ކޯލީޝަންގެ މުޒާހަރާއާ ގުޅިގެން މީގެ ކުރިން ވަނީ ޕީ.އެން.ސީގެ ރައީސް އަބްުދުއްރަހީމާއި ނައިބު ރައީސް އިބްރާހިމް ސުޖާ އާއި އަހުމަދު ޝިޔާމު ވެސް 1000ރ. އިން ޖޫރިމަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *