އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި މިޝެލް އޮބާމާ ވަރިވާން އުޅޭ ކަމަށް ފެތުރެމުންދާ ވާހަކަތަކަށް މަޖާ ގޮތަކަށް ރައްދު ދެއްވައިފިއެވެ. މި ރައްދު ދެއްވައިފައި ވަނީ މިޝެލް އާއި އޭނާގެ ބޭބެ ކްރެއިގް ރޮބިންސަން ހޯސްޓްކުރައްވާ "އައިއެމްއޯ" ޕޮޑްކާސްޓްގެ މިއަދު އެއާރ ކުރި އެންމެ ފަހުގެ އެޕިސޯޑުގައެވެ.
އާންމުންގެ ތެރޭގައި ފެތުރެމުންދާ ވާހަކަތަކާ މެދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮބާމާ، ސަމާސާއިން ފުރިފައިވާ ގޮތަކަށް ވިދާޅުވީ "އާން. މިޝެލް ނިންމީ އަހަރެންނަށް ފުރުސަތެއް ދޭން. ކުޑަ ވަގުތުކޮޅެއް ދިޔަ އެހެން ނުވެދާނެ ކަމަށް ހީވި" ކަމަށެވެ.
"އަހަރެމެން ދެމީހުން [އެއް ތަނެއްގައި] ނެތިއްޔާ މީހުން ނިންމަނީ އަހަރެމެން ވަރިވީ ކަމަށް،" އޮބާމާ ވިދާޅުވި އެއްޗާ ގުޅުވައިގެން މިޝެލް ވިދާޅުވިއެވެ.
މިކަމާ މެދު މީހުންގެ ހިތްތަކުގައި ޝައްކުތަކެއް އުފެދެން ފެށީ މިއަހަރުގެ ކުރީކޮޅު އޮބާމާ ގިނިކަންޏާ ގިނަ ރަސްމީ ޙަފްލާތަކެއްގައި ބައިވެރިވެ ވަޑައިގެންނެވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ކުރީގެ ރައީސް ޖިމީ ކާޓަރުގެ ޖަނާޒާވެސް ހިމެނެއެވެ. މިފަދަ ހަފުލާތަކަށް ކުރީގެ ރައީސުން ވަޑައިގަންނަވާއިރު އެބޭފުޅުންގެ އަނބިކަނބަލުންވެސް އެބޭފުޅުން އަރިހުގައި އުސޫލެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އާންމުންގެ ތެރޭގައި ފެތުރެންފެށި ހަބަރުތަކާ ގުޅިގެން، މިއަހަރުގެ އޭޕްރިލް މަހު މިޝެލް ވަނީ ސޯފިއާ ބުޝްއާ އެކު "ވޯކް އިން ޕްރޮގްރެސް" ނަމަކަށް ކިޔާ ޕޮޑްކާސްޓެއްގައި ބައިވެރިވެ، އެ ވާހަކަތަކުގެ ޙަޤީޤަތް ހާމަކުރައްވާފައެވެ. އެ ޝޯގައި މިޝެލް ވިދާޅުވީ، އާންމުންގެ ވިސްނުން ހުންނަނީ، މިފަދަ ކަންކަމުގައި އަމިއްލަ ގޮތެއް ނިންމުމުގެ އިޚްތިޔާރު އަންހެނުންނަށް ލިބިފައިނުވާ ކަމަށެވެ. ޚާއްޞަކޮށް، މިޝެލް ފަދައިން ދަޢުލަތުގެ މަތީ މަޤާމެއް އަދާކުރައްވާފައިވާ އަންހެން ބޭފުޅަކު، މިފަދަ ޙަފްލާތަކަށް ވަޑައިނުގަންނަވައިފި ނަމަ، އޭގެ ހަމައެކަނި ސަބަބަކީ އެ ދެމެފިރިކަނބަލުންގެ ގުޅުން ހީނަރުވެފައިވުން ކަމުގައި ގިނަ ބަޔަކު ދެކޭ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މިޝެލް މި މޭރުމުން މިކަމަށް ރައްދު ދެއްވާފައި ވީނަމަވެސް، މިއީ މި ޚަބަރުތައް ފެތުރެން ފެށުނު ފަހުން، އެ ދެ ބޭފުޅުން އެކުގައި ތިއްބަވައިގެން މި ޚަބަރުތަކަށް ރައްދު ދެއްވި މީ ފުރަތަމަ ފަހަރެވެ.
މިއަދުގެ ޝޯގައި މިޝެލް ވިދާޅުވެފައިވަނީ އާންމު ޙަފްލާތަކުގައި ބައިވެރިވުމާ މެދު މިހާރު ގޮތް ނިންމަވަނީ އެކަމަނާ އަމިއްލަފުޅަށް ކަމަށެވެ. މިހާރު އެކަމަނާގެ ބޭފުޅުން ބޮޑުވެ، އޮބާމާ ރައީސްކަމުން ވަކިވުމުން، އުފުއްލަވަން ޖެހިވަޑައިގެންފައިވާ ޒިންމާތައް ކުޑަ ވެއްޖެކަމަށާއި، އެ ލިބިވަޑައިގެންނެވކ މިނިވަންކަމުގެ އުފާ އަލަށް ހާސިލުކުރަން ފުރުސަތު ލިބިވަޑައިގަންނަވައި، އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕަވަމުން ގެންދަވާ ކަމަށެވެ.
އައިއެމްއޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ބަރަކް އާއި މިޝެލް ވަނީ އެ ދެ ބޭފުޅުންގެ ގުޅުން ވަރުގަދަކަން ޔަޤީން ކޮށްދެއްވައިފައެވެ.
"މި ކައިވެނީގައި އަދި އެންމެ ހިނދުކޮޅެއްވެސް އަދި ނާދޭ އަހަރެންގެ ފިރިމީހާއާ ދުރަށް ދާނަމޭ ހިތަށް އެރި. އަހަރެންނަށް އައިސްފައިވާ ހުރިހާ ރަނގަޅު ބަދަލެއްގެ އަސްލަކީ ބަރަކް،" މިޝެލް ވިދާޅުވިއެވެ.
އޮބާމާ ދެ ބޭފުޅުން ކައިވެނިފުޅު ބައްލަވައިގަތީ 1992 ވަނަ އަހަރުގައެވެ. މި ދެ ބޭފުޅުންނަކީ އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކަން ބޮޑު ގޮތެއްގައި އާންމުންނަށް ފާޅުކުރައްވާ ދެ ބޭފުޅުންނެވެ. މީގެ ހެއްކެއްގެ ގޮތުން މިއަހަރުގެ ވެލެންޓައިންސް ޑޭގައި އިންސްޓަގްރާމްގައި ޝާއިޢުކުރެއްވި ޕޯސްޓްތައް ފާހަގަކޮށްލެވެއެވެ.



advertisment