Support Us

ސްޓިޗްޑް ބައި ސުއި: ސުއިގެ ހަޔާތުގައި އާ ފޭރާމެއް

މާފަންނުގެ ހަލަބޮލި މާހައުލަކުން ވަދެވޭ ހަނި ގޯޅިއެއްގައި އޮންނަ އެއަށްވުރެ ހަނި ގޯޅިއަކުން ވަދެވޭ ގެއެއްގެ އަނދިރި ސިޑިތަކާއި ކޮރިޑޯތަކެއް ގިރާކޮށްފައި ވަދެވޭ ކުޑަކުޑަ އެޕާޓްމަންޓެކެވެ. މި އެޕާޓްމަންޓުގައި ހުރި ފަހާފޮއްޓެއް ކައިރީގައި އިނދެ ސުއި އޭނާގެ ހުވަފެންތަކުގައި އެ ގެންދަނީ ކުލަ ޖައްސަމުންނެވެ.

އަހަރެން ސުއި ދަންނަތާ މިހާރު ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރު ވެއްޖެއެވެ. އޭނާއަކީ އަހަރެންގެ ހަޔާތުގައި ދެގޮތެއް ނުވެ ހުރެދެމުން އަންނަ އެކަކެވެ. ވަފާތެރިއެކެވެ. ތެދުވެރިއެކެވެ.

ފާޠިމަތު ސުއިޒާ، ނުވަތަ ގިނަ މީހުންނަށް އެނގޭގޮތުން ނަމަ "ފަހާ ސުއި" އަކީ ނަން މަޝްހޫރު ފެހުންތެރިއެކެވެ. ސުއި ނޭނގޭ މީހަކަށް, ތިރީގައި މިވާ، އިންސްޓަގްރާމް ޕޭޖު "ސްޓިޗްޑް ބައި ސުއި" އަށް ދިޔުމުން އޭނާގެ މަސައްކަތް ވަރަށް ކުލަކޮށް ފެންނާނެއެވެ.

ސުއިގެ އިންސްޓަގްރާމް ބަލައިލަން

ސުއިގެ ހަޔާތުގައި އޭނާ ނުފަހާ ދުވަހެއް އޭނާގެ ހަނދާނަކަށް ނާދެއެވެ. ސުއިގެ މަންމައާއި ބައްޕައަކީވެސް ފަހާ މީހުންނެވެ. އެހެން ކަމުން ވަރަށް ޅަ އިރުއްސުރެން ފެށިގެން ސުއިގެ ކިބައިގައި މި ފަންނުވެރިކަން އައީ އަށަގަންނަމުންނެވެ.

އިޖާ: (ވަރަށް ސީރިއަސްކޮށް) އަޅުގަނޑަށް ބުނެދެއްވަފާނަންތޯ އެންމެ ފުރަތަމަ ފަހާ ހަނދާނަކަށް އަންނަ ކަމެއް؟

ސުއި: ސާބަސް! މަށާ އައިސްތުއާ ދެމީހުން އަހަރުމެންގެ ބުދުތަކަށް ކުޑައިރުގައި ހެދުން ފަހަން އުޅޭ ހަނދާން.

ސުއިގެ ކުޑައިރުގެ ރަޙްމަތްތެރިޔާ އައިސްތުއަކީ މަޝްހޫރު ފެހުންތެރިޔާ، ހ. ޝަފީޤުގޭ އާއިޝަތު ޝަފީޤެވެ. އޭރު ކުޅެން ވެގެން ކުރަމުންދިޔަ ކަންތައް ދެމީހުންގެވެސް ފަންނުވެރިކަމުގެ ބިންގަލަކަށް ވެދާނޭ ކަމަކަށް އެ ދެމީހުންކުރެ އެކަކު ވެސް ހިޔެއްނުކުރެއެވެ.

މިގޮތަށް ހޮބީއެއްގެ ގޮތުން ފަހަމުން އައިސް، ރައްޓެހިންނާއި ރަޙްމަތްތެރިންނަށް ހެދުން ފަހައިދޭން ފެށީ ސުއިގެ އުމުރުން 16 އަހަރުގައެވެ. މިހާރު ސުއިގެ އުމުރުން 60 އަހަރު ވާން ވަނީ ގާތްވެފައެވެ.

ސުއި ބުނާ ގޮތުގައި އޭނާ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް އޮތެވެ: އޭނާއަށް އެނގިފައިވާ ހުނަރު އެހެން މީހުންނަށް ދަސްކޮށްދިނުމެވެ. އެކަން މި އަހަރު އޭނާ ވަނީ ހަގީގަތަކަށް ހަދައިފައެވެ.

އަހަރެން މިއަދު ސުއިމެންގެއަށް އައިސް މީނީ އެ ވާހަކަ ދައްކާލާށެވެ. މި ގޭތެރެ އަށް ވަންނަ ކޮންމެ މީހަކަށް އޭނާއަކީ އާދަޔާ ހިލާފު އުފެންދުންތެރި ހުނަރުވެރިއެއްކަން އެނގޭނެއެވެ. އޭނާގެ ފަހާ ސްޓޫޑިއޯ ހިންގާ ސިޓިން ރޫމު ހީވަނީ ހޯމް ޑެކަރޭޝަން މެގަޒިނަކުން ނަގައިފައިވާ ފޮޓޯއެއްހެނެވެ. ފާރުތަކުގައި ހަރުކޮށްވިފައިވަނީ އޭނާގެ ޢާއިލާއާއެކުގައި ނަގައިފައިވާ ފޮޓޯތަކާއި ލޯބިވާ މީހުން ދީފައިވާ އެކި ފާޑުފާޑުގެ ކުރެހުންތަކެވެ. ތަނަށް ރީތިކަން ގެނެސްދޭން ބޭނުންކޮށްފައިވާ ތަކެތީގެ ކުލަތައް އެއްކުލަ އަނެއް ކުލައާ ފުށުމެއް ނާރައެވެ. އެކި ދިމަދިމާލުގައި ބެހެއްޓިފައިވާ ގަސްތަކުން ތަނަށް އިތުރު ތަނަވަސްކަމެއް ގެނެސްދެއެވެ. ތަނުގައި އަބަދުމެ ހުންނަނީ މީރުވަސް ދުއްވާ އެއްޗެއް އަންދާފައެވެ. އެޕާޓްމަންޓަށް ވަންނަން ޖެހޭ ކުޑަކޮށް ބިރުވެރި މަރުހަލާ ކަޑަތުކުރުމަށް ފަހުގައި މި ފިނި އެޕާޓްމަންޓަށް ވަދެއްޖެ ކޮންމެ މީހަކުވެސް، ހިތްފުރިގެން ފުން ނޭވާއެއް ލާނެކަން ޔަގީނެވެ.

ސުއި (ކ) އާއި އޭނާގެ އާއިލާ…

ސުއިގެ ސިކުނޑީގައި ފަހާ ކުލާހެއް ހިންގުމުގެ ޚިޔާލު އެނބުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެ ހުވަފެނުގައި މިހައިތަނަށް އޮތީ ކުލަ ނުޖެހިފައެވެ.

ސުއި: ފަސްއަހަރު ވެއްޖެދޯ؟ ހަމަ ފައްޓަން ފައްޓަން. ފައްޓަން ހަދާނެ ގޮތެއް ނޭނގޭތީވެ މަޑުކޮށްލައިގެން ހުރީ.

މި ޚިޔާލު އޭނާއަށް އެންމެ ފުރަތަމަ އައީ ދިރިއުޅުމުގައި ދިމާވި ބައެއް ކަންކަމާ ގުޅިގެންނެވެ.

ސުއި: އެއް ދުވަހަކު ފަހަން އިނދެފައި ގޮނޑިން ތެދުވަން އުޅުނު ތަނާ ސީދާނުވެވުނީ. ދެން އެނގިއްޖެ އުމުރުން ދުވަސްވާ ވަރަކަށް އަދި މިކަހަލަ ކަންކަން އިތުރުވާނެކަން. އެއް ތަނެއްގައި އިށީނދެގެން ގިނައިރު މިގޮތަށް ފަހާކަށް ނީދެވޭނޭކަން.

އެފަދަ ދުވަހެއް އަޔަސް، ސުއި ބޭނުންވީ އޭނާ ކުރާ ހިތްވާ ކަމެއް ކުރުމުގައި ދެމިހުންނާށެވެ. އެހެން މީހުންނަށް ފަހަން ދަސްކޮށްދޭން ނިންމީ އެ ހިސާބުންނެވެ.

ފަހާ ކުލާސްތަކެއް ފަށައިގަތް ހިސާބަށް ކަންތައް އައުމަށް އޭނާގެ ހަޔާތުގެ ވަރަށް ގިނަ ކަންކަން ހަމައަކަށް އެޅެން ޖެހުނެވެ. އޭނާގެ ސިކުނޑީގައި މިކަމާމެދުގައި ރަނގަޅަށް ވިސްނާލަން ޖާގަ ހެދުނީ އޭނާގެ އެންމެ ހަގު ދަރިފުޅު މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފަހުގައި ޒަވާޖީ ހަޔާތެއް ފެށުމުންނެވެ. އޭރު އޭނާގެ ތިން ދަރިންގެ ލަފާގެ މަތިން ސުއި ވަނީ އޭނާގެ ވިޔަފާރި ރަޖިސްޓަރީކޮށްފައެވެ. "ސްޓިޗްޑް ބައި ސުއި"ގެ ނަމުގައެވެ.

އެއަށް ފަހު ކަންތައްތައް ދާން ފެށީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. ބޮޑު ވެޑިންއެއްގެ ހެދުންތައް ނިންމުމަށްފަހު އަރާމުކޮށްލަން ލިބުނު ދުވަހު ސުއި އޭނާގެ ގާތް ރައްޓެއްސަކާއެކުގައި ބޭރަށް ނުކުމެ ފަހާފޮށިތަކާއި ފަހާ ސެޓަޕަށް ބޭނުންވާ ހުރިހާ ސާމާނެއް ގަނެގެން ގެއަށް އައެވެ.

ދެން ގޭތެރޭގައި ފޮށިތައް އަތުރާލުމަށްފަހު މާ ބޮޑު ވިސްނުންތަކެއް ނުވިސްނައި، ފަހާކުލާސްތައް ފަށަން އުޅޭ ކަމުގެ އިޢުލާން ސޯޝަލް މީޑިއާގައި ކޮށްލީއެވެ. ހަމަ ވަގުތުން ސުއިގެ ޕޭޖު ފޮލޯކުރާ އެންމެން ތެޅިގަތެވެ. އޭނާގެ ފެހުން ދުރާއިގާތުން ބަލަމުންދިޔަ މީހުން މިކަމަށް ބޭނުންވެފައިވާ މިންވަރު ސުއިއަށް އެނގުނީ ދެނެވެ. ދެ ދުވަސްތެރޭގައި ހުރިހާ ކުލާހެއްގެ ސްލޮޓުތައް ފުރިއްޖެއެވެ. ކުލާސްތައް ފެށިއްޖެއެވެ.

އެންމެ ފުރަތަމަކޮޅުގައި ސުއި ވަރަށް ބިރުގަތެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟

ސުއި: ފަހަން ކިތަންމެ މޮޅަސް ކިޔަވައިދޭން މޮޅުވެދާނޭ ކަމާމެދުގައި ޝައްކުވާތީ. އެންމެ ފުރަތަމަ ކުލާހުންވެސް އަހަރެންނަށް އެނގިއްޖެ އަހަރެން ވިސްނި ސްޕީޑަށް ކްލާސްތަކެއް ނުގެންދެވޭނޭކަން.

އެތަކެއް އަހަރުގެ ތަޖުރިބާއިން ސުއިއަށް ވަރަށް ފަސޭހައިން ކޮށްލެވޭ ކަމެއް ބައިވެރިންނަށް ކުރަން އުނދަގޫވެދާނެއެވެ. ސުއިއަށް މިކަން އެނގުމާއެކުގައި ކްލާހުގެ ސިލަބަސް ދަރިވަރުންގެ ސްޕީޑަށް އެޖަސްޓުކޮށްލިއެވެ.

އެންމެ ފުރަތަމަ ފެށިއިރުގައި ވެސް ސުއި ނިންމާފައިވަނީ ކުލާސްތައް ކުޑަ ގްރޫޕުތަކަށް ބަހާލައިގެން ނަގައިދިނުމަށެވެ.

ސުއި: (އަޖައިބުވެފައިވާ ރާގަކަށް) އިޖާ! އަހަރެންނަކަށް ނޭނގޭ ކިހިނެއްކަމެއް އެހެން މީހުން އެހާ ބައިވަރު މީހުން ލައިގެން ކޯސް ހިންގަނީ. ކިހިނެއްތަ އެހާ މީހުން ގިނަވީމައި ވަކިވަކިން އެންމެންނަށް ދޭންޖެހޭ ސަމާލުކަން ދެނީ؟

ސުއިގެ ވިސްނުން މިކަމުގައި ގެންގުޅުނީ ބުއްދިވެރި ކޮށެވެ. އެހެންކަމުން ސުއިގެ މި ނިންމުމުގެ ނަތީޖާ ވަރަށް ފޮންޏެވެ. ކޮންމެ ބެޗެއް ނިމޭއިރު އެ ބެޗުގެ ބައިވެރިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަނީ އުފެދިފައެވެ. އެހެންވެ ފަހާފޮށީގެ "ޓަކަޓަކަ" އަޑާއެކުގައި ކުލާސް ހިނގަމުންދާ ގަޑީގައި އެ ގޭތެރެއިން ހޭ އަޑު މެދުކެނޑުމެއް ނެތި އިވެމުންދެއެވެ. އެ އަޑަކީ ސަކަރާތް ޖަހާ އަޑެއް ނޫނެވެ. އެއީ ސުއި ދުރާލާ ރާވައިގެން ކިޔަވައިދޭ ކަރިކިއުލަމް ދަރިވަރުންނަށް ދަސްވަމުން އަންނަ އަޑެވެ.

މި ކުލާސްތައް އެހެން ކުލާސްތަކާ ތަފާތުވާ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވެއެވެ. ސުއި ދެކޭގޮތުގައި މި ކުލާސްތަކުގެ ބައިވެރިންނަށް ދަސްވެނިވާއިރު އެނގޭނޭ އެންމެ އަގުހުރި ހުނަރަކީ މިންނަގައިގެން ފަހަން އެނގުމެވެ.

ފުރަތަމަ ކުލާހުގައި ފޮތިގަނޑެއްގައި ސީދަލަށް ފައްޗެއް ޖަހަން ނޭނގޭ ކުދިން 18ވަނަ ކުލާހުގައި އެމީހުންގެ އަމިއްލައަށް ފެހި ހެދުންތައް ލައިގެން އެހެން ބައިވެރިންނަށް ދައްކާލުމެއް ބާއްވައެވެ.

ސުއި: އެވަގުތު އެމީހުންގެ މޫނުމަތިން އެ ފެންނަ އުފާވެރިކަމާއި ފަޚުރުވެރިކަން އެއީ އަހަރެންގެ މަސައްކަތުގެ އަސްލު އަގުލިބޭ ވަގުތަކީ.

ސުއި ކައިރިން ފަހަން ދަސްކުރަން މީހުން ބޭނުންވާ ވަރަށް ބޮޑު އެހެން ސަބަބެއް ވެސް ވެއެވެ. ސުއިއަކީ އެއްވެސް މީހެއްގެ ހަށިގަނޑުގެ ބޮޑުކުޑަމިނަށް، ބައްޓަމަށް ތަފާތުކުރުމެއް ނެތި ކޮންމެ މީހެއްގެ ގަޔަށް ވެސް އެންމެ ރީތިވާނޭ ގޮތަށް ހެދުން ފަހައިދޭ، ރާއްޖޭގައި އުޅޭ މަދު މީހުންގެ ތެރެއިން އެކަކަށް ވުމެވެ. ހުރިހާ ބައްޓަމަކަށް ތިބޭ މީހުން އެމީހުންގެ ހެދުން ފަހަން ސުއި ކައިރިއަށް އަންނަ އެންމެ ބޮޑު ސަބަބަކީ މީއެވެ. އެއީ ސުއި ފަހައިދޭ ހެދުންތައް ލީމައި އެމީހުންނަށާއި އެހެން މީހުންނަށް އެމީހުން ރީތިވާތީއެވެ. ސުއި ގެންގުޅޭ މި ރީތި އުސޫލުތައް ފަހާ ކޯސްތަކުގައި ބައިވެރިވާ މީހުންގެވެސް ބިންގަލަކަށް ވަނީ ވާން ފަށައިފައެވެ.

ކުލާހުގެ ބައިވެރިޔެއް: (ފޯނުން) ސުއިއަށް އެނގޭ އެމީހަކަށް އެންމެ ފިޓުވާގޮތަށް ހެދުން ފަހާނޭ ގޮތް ކިޔައިދޭން. މި ބުނީ އަސްލުވެސް ވަރަށް ރީތިކޮށް މީހާގެ ހަށިގަނޑަށް ފިޓުވާގޮތަށް.

ފަހާ ކުލާސްތައް ފަށައިގެން ސުއިގެ ހަޔާތަށް އައި ބަދަލުގެ ސަބަބުން ވަރަށް އުނދަގޫވިތޯ އަހަރެން ސުވާލު ކޮށްލީމެވެ.

ސުއި: ފުރަތަމަ ދުވަސްކޮޅު ވަރަށް ވަރަށް އުނދަގޫވި. ފަހަން ދަސްކޮށްދީފައި ފަހަން އިށީންނާނޭ ވަގުތެއް ނުލިބޭ. ކިތަންމެ ފަހަރަކު ހިތަށް އެރި ހުއްޓާލައިފާނަމޭ ވެސް. އަހަރެންގެ ލޯބިލޯބި ކަސްޓަމަރުންގެ އޯޑަރުތައް އޭރު ނުނެގޭތީ ވަރަށް ދެރަވި.

އިޖާ: ދެން މިހާރޯ؟

ސުއި: ދެން ކޮންމެ ކަމެއްވެސް އާދަވީމައި ފަސޭހަވެއެއްނު. މިހާރު އުނދަގުލެއް ނުވާނޭހެން ކްލާސްތައް ޝެޑިއުލްކުރަން އެނގޭ.

ސުއި މިހާރު ކްލާސްތައް ރާވަނީ ވަކި ދުވަހަކަށް ފަށަން ވިސްނައިގެނެއް ނޫނެވެ. ކޮންމެ ކްލާހަކަށް ފަހެއް ނޫނީ ހަ ކުދިން ނަންނޯޓު ކުރުމުން ކްލާސް ފަށަނީއެވެ.

ފަހާ ކުލާސްތައް ފުރަތަމަ ފަށައިގެން އިރު ސުއި ވިސްނައިފައި އޮތީ ކޮންމެ އަހަރަކު ގިނަވެގެން ދެ ފަހަރު ކޯސް ހިންގުމަށެވެ. ނަމަވެސް މި އަހަރު ދެބައިވި އިރު މިހާރު ކުރިޔަށް ދަނީ ހަތަރުވަނަ ބެޗެވެ. މިހައިތަނަށް ތިރީހަށްވުރެ ގިނަ ކުދިން ވަނީ ސުއި ކައިރިން ދަސްވެނިވެ، ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ސުއި މިއަދު އެންމެ އުފާވަނީ އޭނާ ކައިރިން ދަސްކޮށް، އެ ކުދިން ގޭގައި ފެހުމުގެ މަސައްކަތް ފަށައިގަތް ކުދިންގެ އަދަދު ގިނަވުމުންނެވެ. އަދި އެއަށްވުރެ ވެސް އުފާވަނީ އެ މަސައްކަތުން އެ ކުދިންގެ ދިރިއުޅުން ތަނަވަސްވެ، އާމްދަނީގެ ތިނޯހަށް ސުއިއަށް ރޮދި ލައްވައިދެވުމުންނެވެ.

ސުއި: ދެން މި ކަންތައް އިތުރަށް ފުޅާކުރާކަށް ނަހަދާނަން އިނގޭ. މިވަރުން މަށަށް ފުދޭ.

ސުއިގެ ހަޔާތުގައި ކަންކަން އޭނާ ބަހައްޓަނީ އެއްކަމެއްގެ ސަބަބުން އެހެން ކަންކަމަށް ބުރޫ ނާރާނޭ ގޮތަށެވެ. އޭނާއަށް އެންމެ މުހިންމީ އޭނާގެ ދަރިންނާ އެކުގައި ހޭދަކުރަން ލިބޭ ވަގުތުތަކެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު މި ގޭގައި އެންމެން އެއްވެ ބާއްވާ ކެއުން އެއީ ސުއި އެންމެ އިންތިޒާރުކުރާ ވަގުތުކޮޅެވެ.

ސުއި: އެއީ ދޯ ޙަޤީޤީ އުފަލަކީ!!

އަހަރެން މި ތާނގައި އިންދާ މީހަކު ސުއިއަށް ކާއެއްޗެއް ހިފައިގެން އަތުވެއްޖެއެވެ.

އައި މީހާ: ސުއި މިއީ އެއްކަލަ ފްރޯޒަން ހެދިކާ. މަ އޯޑަރު ދިންއިރު ސުއިއާ ލައިގެން އޯޑަރު ދިނީ.

މިއީ ވަރަށް އާންމު ކަމެކެވެ. މިގޮތަށް އަމިއްލައަށް ފެނިގެން ކާއެއްޗެހި ސުއިއަށް ގެނެސްދޭ، އަދި އެކި ގޮތްގޮތުން ހަޔާތަށް ސަޕޯޓުދޭ ވަރަށް ބައިވަރު އަންހެނުން އޭނާގެ ހަޔާތުގައި އުޅެއެވެ. ސުއި އެންމެ ބޭނުންވާ ވަގުތުތަކުގައި އެމީހުންގެ އެހީތެރިކަން އަބަދުވެސް ލިބިލިބި ހުރެއެވެ.

ސުއި: އަސްލު އަހަރެން ވަރަށް ނަސީބުގަދަ. މި ހެދުމުގެ ފިޓިންއަށް އިރުކޮޅަކުން މި ކަސްޓަމަރު އަންނާނެ. އޭނާ ދިޔައީމައި ކައިގެން ދޯ ދާނީ؟

އިންސާނުންގެ ޠަބީޢަތުގައި އެމީހުންނަށް އެނގިފައިވާ ޢިލްމަކާއި ހުނަރެއް އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ އެދުން ވަނީ އެމީހުންގެ ނަފުސުގެ އެންމެ ފުނުގައި ބިންވަޅުނެގިފައެވެ. އެ ފުރުސަތު ލިބިގެން އެ ކަންތައް ކުރަން ފަށައިގަންނަ ހިނދު އެމީހުންނަށް އެކަމުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމަކީ ބަޔާންކޮށްދޭން ދަތި އިހުސާސެކެވެ. އެއީ އިންސާނީ ދިރިއުޅުމުގެ މަގުސަދުގެ ވަރަށް ބޮޑު ބައެއްކަން ޔަގީނެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ސުއި އޭނާގެ ކޯހުގެ ބައިވެރިންގެ އުފެއްދުންތަކުގެ ފޮޓޯތައް އަހަރެންނަށް ދައްކަން އިންއިރު އޭނާގެ މޫނުމަތިން އެ ފެންނަމުންދިޔަ އުފާވެރިކަން އެއީ އަދި އަހަންނަށް ދުވަހަކުވެސް ސުއިގެ މޫނުމަތިން ނުފެންނަ އަސަރެކެވެ. އެއީ ހިތްހަމަޖެހުމެވެ. އުފަލެވެ. ހިނިތުންވުމެވެ. އުންމީދެވެ.

ސުއިއާ ވާހަކަ ދައްކައިލުމަށްފަހު، އޭނާގެ އެޕާޓްމަންޓުން ނުކުމެ، އަނދިރި ސިޑިތަކާއި ކޮރިޑޯތައް ގިރާކޮށްފައި، ހަނި މަގުތަކުން އަހަރެން މި ދަނީއެވެ. ފަހާފޮށީގެ ދިރިއުޅުމައިގެން ކުރިއަށް ދާން ސުއިއަށް ވަގުތު ދީފައެވެ. ވިއްސާރަދުނީގެ އުޖާލާ ކުލަތަކުގެ ފޭރާންތަކުން ހެދުންތައް ފެހުމުގައި އޭނާ ވަރުބައްޔެއް ނުވާނެއެވެ. ފޫއްސެއްވެސް ނުވާނެއެވެ. އެހެންވެ ސުއި އަށް ފެންނަން އޮތީ ފުޅާ މަގެކެވެ. އަލި ކުރިމަގެކެވެ. ކުރިއަށްދާށެވެ. ބަރަނި ހުސްވިޔަ ނުދެއްޗެވެ. އަހަރުމެން މި ތިބީ ހިތްވަރުދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
15
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ވަރަށް ހިތްހެޔޮ، ވަރަށް ފަރުވާތެރިކޮށް މަސައްކަތްކުރާ ވަގުތަށް މަސައްކަތް ނިންމާ ވަރަށް ހުނަރިވެރި ކަނބަލެކެވެ. ހެޔޮ ދުޢާ!

  2. އަޅުގަނޑުގެ މަންމައަކީ އަޅުގަނޑު އިނގޭ އެންމެ ގަދަ މީހާއެވެ. މަންމަ ކަންކަމުގައި ބަހައްޓަވާ ފަރުވާތެރިކަމާއި މަސައްކަތަށް ދެއްވާ ޝައުގުވެރިކަން އަޅުގަނޑަށް ކުޑައިރުންސުރެން ދިޔައީ ފެންނަމުންނެވެ. މި އާޓިކަލްގެ ސަބަބުން މަންމަގެ ހުނަރަށާއި ގެންގުޅުްވާ ވައްޓަފާޅިތަކަށް މީހުންގެ ސަމާލުކަން ލިބޭތީވެ އަޅުގަނޑުވަރަށް އުފާ ވެއްޖެއެވެ. މި އާޓިކަލްގައި އެކަން މިހާ ރީއްޗަށް ގެނެސް ދެއްވާފައި އޮތީތީވެ އިޖާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *