ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް ނަން ދީފިއެވެ.
"މުހައްމަދު މުއިއްޒު ސާޖިދާ މުހައްމަދު" އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ "ވީ.އައި.ޕީ އޯކިޑްސް" ކަލެކްޝަންގައެވެ.
އޯކިޑަށް ނަންދިނުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ޒިޔާރަތުގައި ގާޑަންގެ ތާރީޚީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ހިއްސާކުރައްވައި ގާޑަންގެ އެކި ތަންތަން ވަނީ ދައްކަވައިލައްވައިފައެވެ.
ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީޚުގައި ހިނގަމުން އަންނަ ޘަޤާފަތެކެވެ. ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ޤައުމުތަކުގެ ވެރިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.



advertisment