ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ޙައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ޙައްޖާޖީންނަށް ދެއްވި ޚާއްޞަ މެހުމާންދާރީއަށާއި އެ ޤައުމުގައި ތިބުމަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގައި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތަޢުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ޤައުމުގައި ތިއްބަވަނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.



advertisment