Support Us

ސިޓީ ފަށައިފައިވަނީ ޣައްޒާ ހަނގުރާމައިގައި ޝަހީދުކޮށްލި ހިބާ ކަމާލު އަބޫ ނަދާގެ ޅެމެއްގެ އަސަރުގަދަ ބައިތަކުން

ޣައްޒާ ޖަރީމާއަށް "ނަސްލު ނައްތައިލުން" ނޫން ބަހެއް ނުކިޔޭނެ: ލިޔުންތެރިން

ޣައްޒާގައި ހިންގަނީ ނަސްލު ނައްތައިލުމެއް ކަމަށް ބުނެ ދުނިޔޭގެ 380 އަށްވުރެ ގިނަ ލިޔުންތެރިންނާއި އެ މީހުންނާ ގުޅިފައިވާ ޖަމާއަތްތަކުން، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅައި، ޣައްޒާ ހަނގުރާމަ ހުއްޓުވައިލުމަށް ގޮވައިލައިފިއެވެ.

ބުކާ އިނާމު ފަދަ ޝަރަފުތައް ލިބިފައިވާ ލިޔުންތެރިންނާއި ޅެންވެރިންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް ފަދަ ފަރާތްތަކުން ބުނީ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ކިތައްމެ ދެކޮޅުހަދާ ބަހެއް ކަމަށް ވިޔަސް ނަސްލު ނައްތައިލުން ނުވަތަ "ޖެނޮސައިޑް"އަކީ އޭނާގެ ސަރުކާރުން މިހާރު ގަސްދުގައި ޣައްޒާގައި ހިންގާ އިންސާނީ ޖަރީމާ ކަމަށެވެ.

ސަބަބެއް ކަމަށް ލިޔުންތެރިންނާއި ޖަމިއްޔާތަކުން ދެއްކީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ހުރަސް އެޅުމުގެ އިތުރުން ޣައްޒާ ރަށްވެހިން ބަނޑަށްޖައްސައި ނައްތައިލަން ވެސް އިސްރާއީލުން މަސައްކަތްކުރާތީއެވެ.

އދ. އާއި ގާނޫނީ މާހިރުންގެ ލަފައާ ހަވަލާ ދީ ލިޔުންތެރިންނާއި ޖަމިއްޔާތަކުން ވަނީ ސިޓީއެއްގައި ސޮއިކޮށްފައެވެ. އޭގައި ބުނެފައި ވަނީ ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލައި، ފަލަސްތީންގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދީ، ވަކި ހައްދެއް ނެތި ޣައްޒާއަށް އިންސާނީ އެހީ ވައްދަން އިސްރާއީލުން ދެކޮޅު ހަދައިފި ނަމަ، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވައިލައި ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ ލިޔުންތެރިންގެ ހައިސިއްޔަތުން، ނަސްލު ނައްތައިލުމެއް ހިންގާއިރު، އެ ބަސް ބޭނުން ނުކޮށް ނުތިބޭނެ ކަމަށެވެ.

"އެހެން ނޫނީ މި ނަސްލު ނައްތައިލުމުގެ ޖަރީމާގައި އަހަރެމެން އެންމެންގެ ވެސް ބައިވެރިވުން އޮންނާނެ. މިހެންވެ، މި ނަސްލު ނައްތައިލުމުގެ ޖަރީމާއަށް އަހަރެމެން ހެކިވަން. އަދި މި ނަސްލު ނައްތައިލުމުގެ ޖަރީމާއަށް އަހަރެމެންގެ ހަމަހިމޭންކަމުން ރުހުމެއް ނުދޭނަން،" ސިޓީގައި ބުނެފައިވެއެވެ.

ޣައްޒާ ހަނގުރާމަ އޮކްޓޫބަރު 2023 ގައި ފެށި ފަހުން ޣައްޒާގެ ދެ މިލިއަނެއްހާ މީހުންގެ ތެރެއިން މިހާތަނަށް ވަނީ 54،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.

އދ. އާއި ހިއުމަން ރައިޓްސް ވޮޗާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އިސްރާއީލު އަސްކަރިއްޔާއިން ހިންގަނީ ނަސްލު ނައްތައިލުމެއްކަން "ސާފުކޮށް އެނގޭ" ކަމަށް ބުނެފައެވެ. މީގެ އިތުރުން ނަތަންޔާހޫގެ ވަޒީރުން ނެރޭ ބަޔާންތަކުން ވެސް "ނަސްލު ނައްތައިލުމުގެ ނިޔަތް ފާޅުގައި ހާމަވާކަން އެނގޭ" ކަމަށެވެ.

ސިޓީ ފަށައިވަނީ ޣައްޒާ ހަނގުރާމައިގައި 2023 ގެ އޮކްޓޫބަރު 20 ގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ގޭގައި ހުއްޓާ ޝަހީދުކޮށްލި ލިޔުންތެރިޔާ ހިބާ ކަމާލު އަބޫ ނަދާގެ ޅެމެއްގެ އަސަރުން ފުރިފައިވާ ބައިތަކުންނެވެ. އުމުރުން 32 އަހަރުގައި ޝަހީދުކޮށްލި ހިބާއަކީ ޅެންވެރިޔެއްގެ އިތުރުން އަރަބި ބަހުގެ އަދަބިއްޔާތުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ލިޔުންތެރިކަމުގެ އެވޯޑެއް ލިބިފައިވާ ވާހަކަ ލިޔުންތެރިއެކެވެ. އޭގެ އިތުރުން ޑައިޓިޝަން ކަމާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެއްގެ އިތުރުން ވިކިމީޑިއާ މަޝްރޫއުތަކަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތެކެވެ.

ސިޓީގައިވާ ހިބާގެ ބައިތުގައި ބުނަނީ "މުޅި ކައުނުގެ ހުރިހާ މަޑިކިލަނބެއްގައި އަހަރެމެންނަށް ޖާގައެއް ދެން ނެތް ނަމަ، ތިބާ ބުނާށެވެ: އަހަރެންގެ ހިތު ތެރެއަށް ވަންނާށެވެ. އެ ތާނގައި ތިބާއަށް އެންމެ ފަހުން ރައްކާތެރިކަން ލިބޭނެއެވެ."

ޅެމުގައި ހިބާ ހިޔާލަށް ގެނެސްފައިވަނީ ޣައްޒާ ރަށްވެހިންނަށް ކައުނުން ހިމާޔަތެއް ލިބޭނެ ކަމަށެވެ. މިހާރު އަބަދުމެ އެ މީހުންނަށް ކުރިމަތިވާ މަރުވާވަރުގެ ނުރައްކާތަކާ މުޅިން ތަފާތު ގޮތަކަށެވެ.

ސިޓީގައި ލިޔުންތެރިން ބުނެފައިވަނީ "ޖެނޮސައިޑް" ނުވަތަ "ނަސްލު ނައްތައިލުން" މިއީ "ޝިއާރެއް ނޫން" ކަމަށެވެ.

"މި ބަހުގައި ގާނޫނީ، ސިޔާސީ އަދި ސުލޫކީ ޒިންމާތަކެއް އެކުލެވޭ،" ލިޔުންތެރިން ބުނެފައިވެއެވެ.

ސިޓީގައި ވަނީ ދާދި ފަހުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ވެރިޔާ ނެރުނު ބަޔާނަކާ ހަވާލާ ދީ "މިއީ ނަސްލު ނައްތައިލުމެއްތޯ ނުވަތަ ނޫންތޯ ފަދަ ބަސްކޮށާރާ ބެހޭ ބަހުސްތައް ކުރިއަށް ދާއިރު، އިސްރާއީލުން ދަނީ ޣައްޒާގެ ހަޔާތް ސުންނާފަތި ކުރުން ކުރިއަށްގެންދާދިއުން ކުރިއަށްގެންދަމުންދާ" ކަމަށް ބުނެފައެވެ. އެއީ އެއްގަމާއި ވައިގެ މަގާއި އަދި ކަނޑުމަގުން ހަމަލާތައް ދީ، ގެދޮރުން ރަށްވެހިން ބޭރުކޮށްލައި، "އެއްވެސް އަދަބެއް ނުލިބޭނެކަން އެނގޭތީ، ޣައްޒާގައި މިހާރު ބާކީ ތިބި ދިރިތިބީން ގަތުލު ކުރަމުން" ކަމަށެވެ.

"މި ކަމަށް ރުހިގެން މަގުމަތީގެ އެއް ފަރާތުގައި ކުޅި ބަލާކަށް ނުތިބޭނަން. މިއީ ހަމައެކަނި އަހަރެމެން އެންމެން ހިމެނޭ އިންސާނިއްޔަތުކަމާއި ހުރިހާ ބާވަތެއްގެ އިންސާނީ ހައްގުތަކާ ގުޅޭ ކަމެއް ނޫން. މިއީ މި ޒަމާނުގެ ލިޔުންތެރިންގެ ގޮތުގައި އަހަރެމެންގެ ސުލޫކީ ހައިސިއްޔަތު މިނޭނެ ކަމެއް. މި ޖަރީމާއާ ދެކޮޅު ނުހަދާ، މި ކަމާ ދެކޮޅަށް ވާހަކަ ނުދައްކާ ތިބޭ ކޮންމެ ދުވަހަކީ މި ހައިސިއްޔަތު ފަނޑުވަމުންދާނެ ކަމެއް،" ސިޓީގައި ލިޔުންތެރިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *