މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑޮކްޓަރ ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ރުޒައިނަރ ބިން ރަމްލީ، މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ އެމްބެސެޑަރ ބަދްލީ ހިޝާމް އަޙްމަދު، އަދި، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅައިފައި ހުންނަވާ އެމްބެސެޑަރ ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދެވެ.
ރައީސުލްޖުމްހޫރިއްޔާ އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.
މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



advertisment