Support Us

ފުލުހުންގެ އިތުބާރު ޤާއިމުކުރުމަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އެދިވަޑައިގެންފި

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް އެ މަޢުލޫމާތެއް ޙިއްޞާކުރުމަށެވެ. އަދި ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ގެނަސްދިނުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށާއި، ފުލުހުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންގެ ޒިންމާދާރު މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ސިޔާސީ ބޭނުންތަކަށާއި އެކިއެކި ބޭނުންތަކަށް ނަހަމަ މަޢުލޫމާތު ފެތުރުންވެސް ދުރުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ރައްޔިތުންނާ ގާތްކޮށް މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. އަދި އެގޮތަށް ފުލުހުންގެ މުއައްސަސާ ކުރިއަށްގެންދިއުމުގައި އަދި ރައްޔިތުންގެ ތެރޭގައި ފުލުހުންނާމެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމަށް ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ ފަޚުރެއް ކަމަށެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވަޞީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ޤައުމުގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފުލުހުންގެ ފުރިހަމަ ޚިދުމަތް ރައްޔިތުނަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު މި ސަރުކާރު އައި ހިސާބުން ފެށިގެން ތިން އަހަރަށް ބަހާލައިގެން 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި ބޭނުންވާ އެހެނިހެން ކަންކަން ކޮށްދިނުމަށްވެސް ވަރަށް އިސްކަންދެއްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި، ފުލުހުންގެ އިސްވެރިންނާއި، އޮފިޝަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް "އޮނަރ ގަރޑް" އެއް އެރިވިއެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *