މި ދިޔަ މަހު ސިނަމާތަކަށް އައި "ސްނޯ ވައިޓް"އަކީ ޑިސްނީ ސްޓޫޑިއޯއިން 1937 ގައި ހެދި ކާމިޔާބު ކާޓޫނު ފިލްމް "ސްނޯ ވައިޓް އެންޑް ދަ ސެވަން ޑްވޯފްސް"ގެ ލައިވް-އެކްޝަން ރިމޭކްއެކެވެ.
"ސްނޯ ވައިޓަ"ކީ 1812 ގައި ގްރިމް ދެބެއިން ލިޔުނު ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި އުޅެނީ ސްނޯއަށްވުރެ ވެސް ދޮން ކަމަށް ބުނެވޭ ޝެހެޒާދާއެކެވެ. އޭނާގެ ދޮންމަންމައަކީ ރާނީއެވެ. ރާނީ ގެންގުޅޭ ޖާދުލުގެ ލޯގަނޑަކުން ބުނަނީ ސްނޯ ވައިޓަކީ އެންމެ ދޮން އިންސާނާ ކަމަށެވެ. މި ކަމާ ގުޅިގެން ރާނީ ރުޅިއައިސްގެން ސްނޯ ވައިޓް މަރައިލަން އަމުރު ނެރުމުން ސްނޯ ވައިޓް ފިލައިގެން ގޮސް ޖަންގަލީގައި ހަތް ޑްވޯފުންނާއެކު ދިރިއުޅެން ފަށައެވެ. މިހާ ހިސާބުން ރާނީ އެހެން މީހަކަށް ހެދިގެން އައިސް ވިހަ ލައިފައިވާ އާފަލެއް ސްނޯ ވައިޓަށް ދެއެވެ. އެ ކެއުމުން ސްނޯ ވައިޓަށް ފުން ނިންޖެއް އާދެއެވެ. އެ ނިދިން ސްނޯ ވައިޓު ސަލާމަތްވެ ހޭލެވެނީ އޭނާގެ ތުންފަތަށް ޝެހެޒާދެއް ބޮސްދިނުމުންނެވެ.
ޑިސްނީން މި ދިޔަ މަހު ނެރުނު ލައިވް އެކްޝަން ރިމޭކް ބޮކްސް އޮފީހުގައި ފޭލިވުމުގައި އެތައް ސަބަބުތަކެއް ވާއިރު އޭގެ ތެރޭގައި ފިލްމްގެ މައިގަނޑު ދެ ތަރިންގެ ދެމެދުގައި ޣައްޒާ ހަނގުރާމައާމެދު ހިޔާލު ތަފާތުވުން އުފެދިފައިވާކަން މީޑިއާއިން ފާހަގަކުރެއެވެ.
ގާތްގަނޑަކަށް 270 މިލިއަން ޑޮލަރު (ހަތަރު ބިލިއަން ރުފިޔާ)ގެ ބަޖެޓަކުން ހެދި "ސްނޯ ވައިޓަ"ށް މިހާތަނަށް ދުނިޔޭގައި ލިބިފައިވަނީ 148 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އެވެ. ފިލްމަކީ ކާމިޔާބު ފިލްމަކަށްވާން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޯދަން ޖެހެއެވެ.

މި ކަމާ ހެދި "ރެޕަންޒަލް"ގެ ވާހަކަ ކިޔައިދޭ އެނިމޭޓަޑް ފިލްމް "ޓޭންގްލްޑް"ގެ ލައިވް އެކްޝަން ރިމޭކެއް ހެދުމުގެ މަސައްކަތް ވެސް ޑިސްނީން މިހާރު މެދުކަނޑައިލައިފި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާ މައްސަލަ "ސްނޯ ވައިޓް"ގެ ބޮކްސް އޮފީހަށް ހިޔަނި އެޅީ މައިގަނޑު ދެ ތަރިންގެ ދެމެދުގައި ފަލަސްތީނާއި އިސްރާއީލުގެ ކުރިމަތިލުންތަކާމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ކަމަށް ބެލެވެއެވެ. ސްނޯ ވައިޓްގެ ބައި ކުޅޭ ރޭޗެލް ޒެގްލާ ތާއީދުކުރަނީ ފަލަސްތީނަށެވެ. ނަމަވެސް ރާނީގެ ރޯލު އަދާކުރާ ގަލް ގެޑޮޓް ތަރުހީބު ދެނީ އިސްރާއީލަށެވެ. ޔަހޫދީއެއް ކަމަށްވާ ގަލްއަކީ ކުރިން އިސްރާއީލުގެ ސިފައިންގެ މީހެކެވެ.
ސޯޝަލް މީޑިއާގައި ފާޅުގައި ރޭޗެލް ފަލަސްތީނަށް ތާއީދުކުރެއެވެ. އެ ގޮތުން ފިލްމްގެ ޓްރެއިލާ ރިލީޒުކުރި ހިސާބުން ވެސް، ފަލަސްތީނަށް އާއްމު ގޮތެއްގައި ތާއީދުކުރާ ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ކޮލޮމްބިއާއަށް އުފަން ރޭޗެލް ވަނީ "ފްރީ ފަލަސްތީން" ނުވަތަ "ފަލަސްތީން މިނިވަންކުރޭ" މި އިބާރާތް އޭނާގެ ސޯޝަލް މީޑިއާގައި ޖަހައިފައެވެ.
އޮކްޓޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު ގަލް ވަނީ އިސްރާއީލަށް ތާއީދުކުރާކުރުން މިހާރު މާ ވަރުގަދަވެފައި ކަމަށް ބުނެފައެވެ. އަދި ޔަހޫދީ ނަސްލާ ދެކޮޅު ތައައްސުބު ކަމަށް ބެލެވޭ "އެންޓި-ސެމިޓިސަމް"އާ ދެކޮޅަށް ވެސް ވާހަކަ ދައްކައިފައެވެ.

ދެ ބަތަލާއިންގެ ދެމެދުގައި ޣައްޒާ މައްސަލައިގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ފިލްމް ޕްރޮމޯޓު ކުރުމަށް އެކި ތަންތަނަށް ޒިޔާރަތްކުރިއިރު ދެ ތަރިން ވަނީ އެކަކު އަނެކަކާ އަނގައިން ނުބުނެ، ދެ މީހުންގެ ދެމެދުގައި ދުރުކަމެއް ބަހައްޓައިފައެވެ.
ފަލަސްތީނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ ފިލްމް ބޯއިކޮޓް ކުރުމަށް ވެސް ގޮވައިލައިފައެވެ. ގަލް އިސްރާއީލަށް ތާއީދުކުރާތީއެވެ. އަނެއްކޮޅުން ރޭޗެލް ފަލަސްތީނަށް ތާއީދުކުރާތީ ފަލަސްތީނާ ދެކޮޅު މީހުން ވަނީ މި ފިލްމް ނުބަލަން ގޮވައިލައިފައެވެ.
ދެ ބަތަލާއިންނާއި ދެ ބަތަލާއިންގެ ސަޕޯޓަރުންނާ ދެމެދު ހިނގަމުންދާ "ޣައްޒާ ޒުވާބު"ގެ އިތުރުން ވެސް ފިލްމް ނާކާމިޔާބުވި އެހެން މައްސަލަތަކެއް ވެސް ވެއެވެ.
އެއް ކަމަކީ ސްނޯ ވައިޓްގެ ރޯލަށް ރޭޗެލް ލުމެވެ. ކޮލޮމްބިއާއަކީ ދެކުނު އެމެރިކާގެ ގައުމެކެވެ. އަދި ރޭޗެލްއަކީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ޕޮލެންޑްގެ ނަސްލަށް ވެސް ނިސްބަތްވާ ތަރިއެކެވެ. މިހެންވެ "ސްނޯ ފަދަ ހުދު ކަމެއް" ރޭޗެލްގެ ހަމުގެ ކުލައިގައި ނެތް ކަމަށް ފިލްމަށް ފާޑުކިޔާ ބައެއް މީހުން ބުނެއެވެ.

އަނެއް ކަމަކީ ފިލްމްގައި އަސްލު ޑްވޯފުން ނުވަތަ އިސްކޮޅުން ކުރު މީހުން ބޭނުން ކުރުމުގެ ބަދަލުގައި ކޮމްޕިއުޓަރުން ހަތް ޑްވޯފް "ކުރަހައިފައިވާ"ކަމެވެ. މި ކަމާ ހިތްހަމަނުޖެހިގެން "ގޭމް އޮފް ތުރޯންސް" ޓީވީ ސީރީޒުން މަޝްހޫރުވި އަސްލު ޑްވޯފެއް ކަމަށްވާ ޕީޓާ ޑިންކްލޭޖް މި ފިލްމަށް ފާޑުކިޔެވެ. ފިލްމްގައި ޑްވޯފްތައް ދައްކުވައިދޭ ގޮތް ވެސް ކާޓޫނު ފިލްމްގައި ދައްކުވައިދިން ގޮތާ ހިލާފެވެ.
"ވަރަށް ބޯދާ ވާހަކައެއް ވެސްމެ 'ސްނޯ ވައިޓަ’ކީ،" ޕީޓާ ބުންޏެވެ.
ހަމަ މި މޭރުމުން ވެސް ރޭޗެލް މި ފިލްމަށް ފާޑުކިޔެއެވެ. އޭނާ ބުނީ ކާޓޫނު ފިލްމަކީ "ބޯދާ" ފިލްމެއް ކަމަށާއި އޭގެ ލޯބީގެ ވާހަކައަކީ ވެސް ހަމަނުޖެހޭ ވާހަކައެއްކަމެވެ. މި ކަމާ ކާޓޫނު ފިލްމްގެ ފޭނުން ވަނީ ހިތްހަމަނުޖެހިފައެވެ. އެއީ ކާޓޫނު ފިލްމަށް ރޭޗެލް އިހްތިރާމު ނުކުރާތީ ކަމަށް ބުނެފައެވެ.
ޣައްޒާ ޒުވާބުގެ އިތުރުން ބައެއް ކްރިޓިކުން ބުނީ ފިލްމް ނާކާމިޔާބުވުމުގައި ފިލްމަށް ފާޑުކިޔާމީހުންގެ މެދުގައި ފިލްމާ ދޭތެރޭ ހިޔާލު ތަފާތުވެފައިވުމަކީ ވެސް ސަބަބެއް ކަމަށެވެ.

"ކޮމްޕިއުޓަރުން ހެދި ސްޕެޝަލް އެފެކްޓްސް ވެސް އެހާ ފެންވަރު ރަނގަޅެއް ނޫން. ވާހަކައިގައި ވެސް ރޫހެއް ނެތް. އެކްޓް ކުރުން ވެސް އެހާ ރަނގަޅެއް ނޫން،" ކްރިޓިކަކު ބުންޏެވެ.
ބައެއް މީހުން ބުނަނީ ޑިސްނީ ސްޓޫޑިއޯގެ ހުރިހާ ކާޓޫނެއް ލައިވް އެކްޝަން ރިމޭކްތަކެއްގެ ގޮތުގައި ގެނެސްދޭން ފެށުމުން މިއީ ވެސް މީހުން ފޫހިވެ، ބަލަން ވަރުބަލިވެފައިވާކަމުގެ ނިޝާނެއް ކަމަށެވެ. "ދަ ލިޓްލް މާމެއިޑް"، "ބިއުޓީ އެންޑް ދަ ބީސްޓް" އަދި "އަލާއުއްދީން" ފަދަ ކާޓޫނު ފިލްމްތަކުގެ ލައިވް އެކްޝަން ރިމޭކްތައް ބޮކްސް އޮފީހުގައި ކާމިޔާބު ނަމަވެސް ބައެއް ކްރިޓިކުން ބުނީ އެންމެ ހިތްހަމަޖެހޭ ފެންވަރެއްގައި ނެރުނީ "ސިންޑަރެއްލާ"ގެ ލައިވް އެކްޝަން ރިމޭކް ކަމަށެވެ.

ފިލްމާ ބެހޭ ވެބްސައިޓެއް ކަމަށްވާ އިންޓަނެޓް މޫވީ ޑޭޓާބޭސް (އައި.އެމް.ޑީ.ބީ)ގައި "ސްނޯ ވައިޓަ"ށް ނިސްބަތުން ލިބިފައިވަނީ 10 އިން 1.6 ތަރީގެ ރޭޓިންއެކެވެ. ގިނައީ ހަމައެކަނި އެއް ތަރީގެ ރޭޓިންއެވެ. މި ކަމާ ގުޅިގެން މި ވެބްސައިޓު ހިންގާ މީހުން ބުނެފައިވަނީ މި ފިލްމަށް ގޮތް ނޭނގޭ ވޯޓުތަކެއް ލިބެމުންދާ ކަމަށް ފެންނަ ކަމަށާއި މިއީ "ރިވިއު ބޮމްބިން" ކަމަށްވެދާނެ ކަމަށެވެ. ރިވިއު ބޮމްބިންއަކީ ފިލްމެއް ނުބަލައި، ނަމަވެސް އެ ފިލްމްގެ އަގުވައްޓައިލައި، އެ ފިލްމްގެ ވިޔަފާރި ވައްޓައިލުމުގެ ނިޔަތުގައި، ފިލްމް ކަމުނުދާ ކަމަށް ބުނެ މީހުން ރިވިއު ލިޔުމެވެ. "ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ރިމޭކު ވެސް ރިވިއު ބޮމްބިންގެ ޝިކާރައަކަށްވިއެވެ. އެއީ މާމެއިޑުގެ ބަޔަށް ކަޅު އަންހެނެއް ކަމަށްވާ ހެލީ ބެއިލީ ލީމައެވެ.
އައި.އެމް.ޑީ.ބީގައި "ސްނޯ ވައިޓު"ގެ ރޭޓިން ދަށް ނަމަވެސް ރޮޓަން ޓޮމާޓޯސް ވެބްސައިޓުގައި ފިލްމަށް ލިބުނު ތަރުހީބު ބޮޑެވެ. އެ ގޮތުން އެ ވެބްސައިޓުގައި "ސްނޯ ވައިޓަ"ށް ވަނީ 100 އިން 73 ޕަސެންޓްގެ ރޭޓިންއެއް ލިބިފައެވެ.
ޣައްޒާ މައްސަލައިގައި "ސްނޯ ވައިޓު"ގެ ދެ ބަތަލާއިންގެ ދެމެދުގައި ހިޔާލު ތަފާތުވުމުން މި ފަހަރު މި ވަނީ މި ފިލްމަށް ދެ ފަރާތުގެ ސަޕޯޓަރުންގެ ވެސް ހިތްހަމަނުޖެހުން އަމާޒުވެފައެވެ. ސަބަބަކީ ފަލަސްތީނާއި އިސްރާއީލުގެ ސަޕޯޓަރުން ވެސް އެއްވެސް މީހަކު މި ފިލްމް ބަލަން ދާން ހިތްހަމަ ނުޖެހޭތީ، މި ފިލްމް ބަލަން ނުދިޔުމަށް ގޮވައިލައިފައިވާތީއެވެ. މީގެ އިތުރުން ފިލްމްގެ ރަނގަޅުކަމާމެދު ބެލުންތެރިންގެ ހިޔާލުތަފާތުވުމާއި ފިލްމްގައި ހުރި މައްސަލަތަކާއި އަދި ފަހަކަށް އައިސް ރިމޭކްތައް ގިނަވެގެން ދިޔަދިޔައިނުން ފިލްމް ބަލާ މީހުން ފޫހިވުން ވެސް މިއީ "ސްނޯ ވައިޓް" ބޮކްސް އޮފީހުގައި ފްލޮޕްވުމުގެ ސަބަބުތައް ކަމަށްވެދާނެއެވެ.