އިނގިރޭސި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އެމެރިކާގެ އޮސްކާ އިނާމަށް އިންޑިއާއިން ހުށަހެޅި ނަމަވެސް ނޮމިނޭޓް ނުވި "ލާޕަތާ ލޭޑީޒް"އަށް އިންޑިއާގެ ބައިނަލް އަގުވާމީ ފިލްމް އެވޯޑު ކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް (އައިފާ)ގެ 10 އިނާމު ލިބިއްޖެއެވެ.
"ލާޕަތާ ލޭޑީޒް"އަށް އައިފާގެ އެންމެ މޮޅު ފިލްމްގެ އެވޯޑު ލިބުމުގެ އިތުރުން ބޮލީވުޑް ސުޕަސްޓާ އާމިރު ހާންގެ ކުރީގެ އަނބިމީހާ ކިރަން ރާއޯއަށް މި ފިލްމުން ވަނީ އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑު ލިބިފައެވެ.
ކްރިޓިނުންނަށް ކަމުދިޔަ، 2023 ގައި ރިލީޒްކުރި "ލާޕަތާ ލޭޑީޒް"ގައި ދައްކައިދެނީ ކައިވެންޏާ ގުޅިގެން މޫނު ނިވާކޮށްގެން ތިބޭ ދެ އަންހެނުން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓި، ބަތަލު އޭނާ ނުދަންނަ އަނެއް މޫނު ނިވާ ކުރި އަންހެންމީހާ ރޭލެއްގައި ގޮވައިގެން އެނބުރި ވަޒަނަށް ދާ ގޮތެވެ. އޭނާގެ އަސްލު އަންހެނުން އޮޅިގެން ދޫކޮށްލައިފައި އާދެވުމުން އޭނާ ވީ ތަނެއް ބަތަލަކަށް ނޭނގެއެވެ.
ފިލްމްގައި ވާ ގޮތް ކުރިއަށް ދާ ވަރަކަށް އެނގެމުން އަންނަނީ މިއީ އަދި ފިލްމް ޕްރޮމޯޓް ކުރުމަށް މީޑިއާށް ދިން ހުލާސާއާ ތަފާތު ހާދިސާއެއް ކަމެވެ. އެހެނީ ފިލްމް ނިމޭއިރު ފިލްމްގައި އަލިއަޅުވައިލައިފައި ވަނީ އިންޑިއާގެ މުޖުތަމައުގައި ފިރިހެނުންގެ ބާރު ގަދަ ވުމުގެ މައްސަލަ ނުވަތަ "ޕެޓްރިއާކީ" އާއި ޖިންސު ނުވަތަ "ޖެންޑާ"އިން މުޖުތަމައުގައި އަދާ ކުރާ ދައުރެވެ.
"ލާޕަތާ ލޭޑީޒް" ނުވަތަ އޮސްކާ އެވޯޑަށް ހުށަހެޅިއިރު "ލޮސްޓް ލޭޑީޒް" ("ގެއްލިފައިވާ އަންހެނުން")އަށް ނަން ބަދަލުކޮށްފައިވާ މި ފިލްމަކީ ވޭތުވެދިޔަ އެތައް ދަހަރެއްގައި އިންޑިއާގެ ފިލްމްތައް ފިރިހެނުންނަށް އިސްކަން ދީގެން ހަދައިފައިވާ ފިލްމްތަކާ ތަފާތު ފިލްމެކެވެ.
"’ލާޕަތާ ލޭޑީޒް' ފަދަ ފިލްމަކުން އެވޯޑެއް ލިބުމަކީ ނާދިރު ޝަރަފެއް. މިއީ އާދަޔާ ހިލާފު ރެއެއް. މި ފަދަ ފިލްމެއް އުފެއްދުމަކީ ނާދިރު ޝަރަފެއް،" އެވޯޑު ގަބޫލު ކުރަމުން ކިރަން ބުންޏެވެ.
އިންޑިއާގެ ފިލްމްތަކުގައި ލަވަ އާއި ނެށުމާއި އަނިޔާވެރިކަމާއި ޖަޒުބާތީ ޑްރާމަތައް ހުންނަ އިރު "ލާޕަތާ ލޭޑީޒް"އަކީ މި ފޯމިއުލާތަކާ މުޅިން ތަފާތު ހިންދީ ފިލްމެކެވެ.
މި ފިލްމަށް ލިބުނު އިތުރު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ވާހަކަ، ސްކްރީންޕްލޭ އަދި ބަތަލާގެ އިނާމު ހިމެނެއެވެ.
ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ އައިފާ އެވޯޑު މި ފަހަރު ބޭއްވީ އިންޑިއާގެ ޖައިޕޫރުގައެވެ. އަދި ހަފުލާ ދެ ދުވަހަށް ދެމިގެން ދިޔައެވެ. އެއީ ހޮނިހިރުން އާދީއްތައަށެވެ.
ވިދާބަބުޅާ މި މެހެފިލްގައި އިންޑިއާގެ ސިނަމާގައި އެންމެ ދަންނަ މަޝްހޫރު ޝަހުސިއްޔަތުތައް ބައިވެރިވިއެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ސުޕަސްޓާ ޝާހް ރުކް ހާނާއި އެކްޓަރު ޝާހިދު ކަޕޫރު ހިމެނެއެވެ. މި ދެ ތަރިން ވަނީ ލަވަ އާއި މިއުޒިކަށް ނަށައިފައެވެ.
ރަސްމިއްޔާތު ހުށަހަޅައިދިނީ މަޝްހޫރު ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި އެކްޓަރު ކަރްތިކް އާރްޔާންއެވެ.
އިންޑިއާގެ ފިލްމްތަކުގެ އަގުވަޒަންކުރަން ދޭ އައިފާ އެވޯޑަކީ އިންޑިއާގެ ސެލެބްރިޓީން އެ މީހުންނަށް ކަމުދާ ފެޝަންތައް ވެސް ދައްކައިލުމަށް ލިބޭ ފުރުސަތެކެވެ. އެ ގޮތުން މި ފަހަރު މާދުރީ ޑިކްސިޓް، ކެޓްރީނާ ކައިފް އަދި ކަރީނާ ކަޕޫރު ހާން ވަނީ ފެހި ދޫލަ މަތީގައި އެ މީހުންނަށް ކަމުދިޔަ ހެދުންތަކާއި ގަހަނާތައް އަޅައިގެން ހުރެ އެ ތަކެތި ދައްކައިލައިފައެވެ.
އާމިރު ހާންގެ ފިލްމް އުފައްދައި ކުންފުނިން ޕްރޮޑިއުސް ކުރި "ލާޕަތާ ލޭޑީޒް" ނެޓްފްލިކްސްގައި ސްޓްރީމް ކުރަމުން އަދިވެސް އާދެއެވެ.