އިނގިރޭސި ފިލްމަށް ދޭ އެންމެ ލަދުވެތި އެވޯޑު ކަމަށްވާ ގޯލްޑަން ރާސްޕްބެރީ ނުވަތަ ރެޒީ އެވޯޑުގެ އެންމެ ކަމުނުދާ ޑިރެކްޓަރުގެ އެވޯޑު މި ފަހަރު ލިބުމުން އެ ކަމާ އުފާކުރާ ކަމަށް އިނގިރޭސި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާ އެވޯޑު އެތައް ފަހަރަކު ލިބިފައިވާ ޑިރެކްޓަރު ފްރޭންސިސް ފޯޑް ކޮޕޮލާ ބުނެފިއެވެ.
މި އަހަރުގެ އޮސްކާ އެވޯޑު އާދީއްތަ ދުވަހު ދިން އިރު ރެޒީ އެވޯޑު ދިނީ އޭގެ އެއް ދުވަސް ކުރިންނެވެ.
"ދަ ގޯޑްފާދާ" އާއި "އެޕޮކެލިޕްސް ނައު" ފަދަ ފިލްމްތަކުން އޮސްކާ އެވޯޑާއި ފިލްމް ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ، ދިރިހުރި ލެޖެންޑެއް ގޮތަށް ބެލެވޭ ފިލްމީ ދުނިޔޭގައި ދެވަނައެއް ނެތް އަދި އެހާމެ ފުންނާބު އުސް ކޮޕޮލާއަށް މި ފަހަރުގެ ރެޒީ އެވޯޑު ދިނީ އޭނާގެ އަމިއްލަ އާމްދަނީން 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އުފައްދައި ޑިރެކްޓްކުރި "މެގަލޯޕޮލިސް"އަށެވެ.
އެއްވެސް ގޮތަކަށް ކަމު ނުދާ ފިލްމެއް ކަމަށް ފިލްމަށް ފާޑު ކިޔާ ބައެއް ކްރިޓިކުންނާއި ފިލްމް ބެލުންތެރިން ބުނެފައިވާ "މެގަލޯޕޮލިސް"އަކީ "ވަރަށް ލޯތްބާއެކު ހެދި، ވަރަށް ހިތާ ގުޅިފައިވާ އަމިއްލަ މަޝްރޫއެއް" ކަމަށް ކޮޕޮލާ ބުންޏެވެ.

"ނަމަވެސް މި ޕްރޮޖެކްޓް ހެދުމަށް އެއްވެސް ފިލްމް ސްޓޫޑިއޯއަކުން ހަރަދުކުރާކަށް އެއްބަހެއް ނުވި. މި ފަހަކަށް އައިސް ފިލްމަށް ސްޓޫޑިއޯތަކުން ބަޖެޓު ދެނީ ރެސްލިން ކުޅިވަރަށް ހަރަދުކުރާ އުސޫލުން،" ކޮޕޮލާ ބުންޏެވެ.
އުމުރުން 85 އަހަރުގެ ކޮޕޮލާ ބުނީ މަޖަލަކަށް ހަދައިފައި ދޭ ރެޒީ އެވޯޑު އޭނާ ބަލައިގަތުމުން ދޭހަވަނީ މި ޒަމާނުގެ ހޮލީވުޑްގެ ޑިރެކްޓަރުންގައި ނެތް ހިތްވަރެއް އޭނާގައި ހުރި ކަމަށެވެ.
"މެގަލޯޕޮލިސް" މި ދިޔަ އަހަރު ފްރާންސްގެ ކާން ފިލްމް ފެސްޓިވަލުގައި ޕްރިމިއާ ކުރުމާއެކު ކްރިޓިކުން ވަނީ ދެ ބަޔަކަށް ބެހިފައެވެ. ގިނަ ކްރިޓިކުންވަނީ މި ފިލްމަކީ އެއްގޮތަކަށް ވެސް ކަމު ނުދާ ފިލްމެއް ކަމަށް ބުނެފައެވެ.

"މި ޒަމާނުގައި މުޅި ދުނިޔެ ހަލާކުވެފައިވާ ދުވަސްވަރެއްގައި ފިލްމް އުފައްދާ ގޮތުގެ ސަގާފަތާ ދެކޮޅަށް އަހަރެންނަށް މަސައްކަތް ކުރުމުގެ ހިތްވަރު ލިބުމުން މި ފަދަ އެވޯޑެއް ވެސް އުފަލާއެކު ގަބޫލުކުރަން. މިހާރު 'އާޓަ’ށް އެވޯޑު ދެނީ ޕްރޮފެޝަނަލް ރެސްލިން ކުޅިވަރަށް މާކްސް ދޭ ގޮތަށް،" ހުކުރު ދުވަހު ކޮޕޮލާ ބުންޏެވެ.
"އެތައް ޒުވާން ޓެލެންޓެއް ލިބެން ހުއްޓައި ވެސް ފައިދާއެއް ނުވެދާނެތީ ޖެހިލުންވާ ފިލްމް އިންޑަސްޓްރީން ގާއިމުކޮށްފައިވާ ފިނޑި ގަވައިދުތަކަށް އިޖާބަ ނުދޭން އަހަރެން ނިންމީ. މިހާރުގެ ފިލްމް ސިނާއަތުގައި ހަރަކާތްތެރިވާ ސްޓޫޑިއޯތަކަކަށް ނުކެރޭ އަދުގެ މުޖުތަމައާ ގުޅޭ، އަދި ކުރިއަށް އޮތް ބައި ގަރުނަށް ވެސް ފެތޭނެ ކަހަލަ ފިލްމްތައް ހަދާކަށް،" ކޮޕޮލާ އިތުރަށް ބުންޏެވެ.
"މެގަލޯޕޮލިސް" ހެދީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި އޮތް ކޮޕޮލާގެ މޭބިސްކަދުރު ދަނޑެއްގައިވާ ހިއްސާއެއް އޭނާ ވިއްކައިލުމަށް ފަހުއެވެ. ނަމަވެސް ވަރަށް ބޮޑަށް އިސްތިހާރުކޮށްފައި މި ދިޔަ އަހަރުގެ މެއި މަހު ކާންގައި ޕްރިމިއާ ކުރި ހިސާބުން ފެށިގެން އެމެރިކާގެ ފިލްމް އިންޑަސްޓްރީ ވަނީ ކޮޕޮލާއާ ދެކޮޅަށް ރުޅިވެރިކަމާއި ނަފުރަތު ފާޅުކޮށްފައެވެ.

"މެގަލޯޕޮލިސް"ގައި ދައްކައިދެނީ ޖާދުލުގެ ބާރެއް ލިބިފައިވާ އާރުކާޓީއެއް ކަމަށްވާ، ފަހުގެ "ސްޓާ ވޯސް" ފިލްމްތަކުގައި ނުބައިބައި ކުޅުނު އެޑަމް ޑްރައިވާ، ފަނާވަމުންދާ ސަހަރެއް އަލުން ބިނާ ކުރަމުން އަންނަ އިރު، އޭނާގެ އެ މަސައްކަތަށް އެ ސިޓީގެ މޭޔަރު ޖިއެންކާލޯ އެސްޕަސިޓާ ހުރަސްއަޅާ ގޮތެވެ. ފިލްމްގައި މަޝްހޫރު ތަރިން ކަމަށްވާ އާބްރީ ޕްލާޒާ، ޝަޔާ ލަބަފް އަދި ޑަސްޓިން ހޮފްމަން ވެސް ހަރަކާތްތެރިވެއެވެ.
ފިލްމް ކަމުދިޔަ ކްރިޓިކުން ބުނެފައިވަނީ "މެގަލޯޕޮލިސް"އަކީ "މި ޒަމާނުގެ ހަގީގީ ކުޅަދާނަ މަސައްކަތެއް" ކަމަށެވެ. ނަމަވެސް ފިލްމް ކަމުނުދިޔަ ކްރިޓިކުން ބުނެފައިވަނީ މިއީ ބޮޑުވެގެންވާ "ކާރިސާ"އެއް ކަމަށެވެ.
ފިލްމަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ރެޒީ އެވޯޑު ދޭ ޖަމިއްޔާގައި ބައިވެރިވެވެއެވެ. އެ ގޮތުން މި ފަހަރުގެ އެވޯޑު ދިނުމުގައި 1،200 މެންބަރުން ބައިވެރިވިއެވެ. މި ޖަމިއްޔާ ގާއިމުކުރީ އަމިއްލަ މޮޅުކަން ދައްކަން ހޮލީވުޑުން ބައިވަރު އެވޯޑު ހަފުލާ ބާއްވާތީ އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މި އަހަރުގެ ރެޒީ އެވޯޑުގައި އެންމެ ސަކަރާތް ފިލްމްގެ އެވޯޑު ދިނީ "މެޑަމް ވެބް"އަށެވެ. އަދި އެންމެ ކަމުނުދާ ބަތަލާގެ އެވޯޑު ދިނީ މި ފިލްމްގެ ޑެކޯޓާ ޖޯންސަންއަށެވެ. އެންމެ ކަމުނުދާ ބަތަލުގެ އެވޯޑު ދިނީ "އަންފްރޮސްޓެޑް"އިން ޖެރީ ސައިންފެލްޑްއަށެވެ. "ޖޯކާ"އިން އެންމެ މޮޅު ބަތަލުގެ އޮސްކާ އެވޯޑު ލިބުނު ހުއަކިން ފީނިކްސްއަށް މި ފަހަރު ވަނީ ރެޒީ އެވޯޑު ދީފައެވެ. އެއީ އެ ފިލްމްގެ ދެވަނަ ބައިކަމަށްވާ ބޮކްސް އޮފީހުގައި ބޮޑު ތަނުން ފްލޮޕްވި "ޖޯކާ: ފޮލީ އެ ޑޫ"އިންނެވެ. ހުއަކިން އަށް ލިބުނީ މި ފިލްމްގެ ބަތަލާ ލޭޑީ ގާގާއާއެކު އެންމެ ސަކަރާތް ފިލްމީ ޖޯޑުގެ އެވޯޑެވެ.