މި ދިޔަ މަހު 16 ވަނަ ދުވަހުގެ ދަންވަރު ބަނގްލަދޭޝްގެ އުމުރުން 30 އަހަރުގެ މުހައްމަދު ޝަރީފުލް އިސްލާމް ދިން ހަމަލާގެ ތަފުސީލު ބޮލީވުޑް ތަރި ސައިފު އަލީ ހާން ފުރަތަމަ ފަހަރަށް މީޑިއާއަށް ކިޔައިދީފިއެވެ.
ދަ ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިޔުއެއްގައި އުމުރުން 54 އަހަރުގެ ސައިފު ބުނީ ދަރިފުޅު ޖަހަންގީރުގެ ކޮޓަރިއަށް މީހަކު ވަތް ވާހަކަ ގޭގައި ގެންގުޅޭ މީހަކު ދަންވަރު ދޭއް ޖަހާކައިންހާއިރު ސައިފު ހޭލައްވާލައިފައި ބުނުމުން ޖަހަންގީރުގެ ކޮޓަރިއަށް ވަތް ވަގުތު ފެނުނީ ޝަރީފުލް ދުނި ކީހަކާއި ދެ ވަޅި ހިފައިގެން ހުރި މަންޒަރު ކަމަށެވެ.
"ޖަހަންގީރު ސަލާމަތް ކުރުމަށް އަހަރެން ޝަރީފުލް ގައިގައި ހިފެހެއްޓިން. ދެން ޝަރީފުލް އަހަރެންނަށް ދެ ވަޅިން ހަމަލާ ދިން،" ސައިފު ކިޔައިދިނެވެ.
ވައްކަން ކުރަން ވަތް ކަމަށް ތުހުމަތު ކުރެވޭ ޝަރީފުލް ވަނީ ސައިފުގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ޖަހައިފައެވެ. އަދި މި ކަމުގެ ސަބަބުން ބޮޑު ދެ ސާޖަރީ ވެސް ހަދަން ޖެހުނެވެ. އެއީ ސައިފުގެ ބުރަކައްޓަށް ޖެހި ތިން އިންޗީގެ ވަޅި މައިބަދައިގެ ބޭރު ތޮށި ފޫ އަޅުވައިލައިފައި ހުރުމުންނާއި ކަރަށް ވެސް ވަޅި ޖަހައިފައިވާތީއެވެ.

"މައި ލޭ ނާރަކަށް ހެރުނު ނަމަ އަހަރެން އެއްކޮށް ވާ ވީސް،" ސައިފު ކިޔައިދިނެވެ.
ސައިފު ވަނީ ވަގުތުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ގެންގޮސް ހަ ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
އޭނާއާއެކު ކުރޮޅިއެއްގައި ދިޔައީ އޭނާގެ ދަރިފުޅު ތައިމޫރު އާއި އެޕާޓްމަންޓްގައި ގެންގުޅޭ މީހެއް ކަމަށްވާ ހަރީއެވެ. އެއީ އެ ވަގުތު ސައިފުގެ ކާރު ޑްރައިވަރު ނިދަން ފޮނުވާލާފައިވާތީއެވެ.
"ބައްޕަ މަރުވަނީތޯ އަހަރެންގެ ގާތުގައި ތައިމޫރު އެހި. އަހަރެން ބުނިން 'ނޫނެ’ކޭ. ތައިމޫރު އަހަރެންނާއެކު ހޮސްޕިޓަލަށް އަންނަން ހިފާލާފައި ހުރި ވަރުން އަހަރެންނާއެކު އޭނާ ހޮސްޕިޓަލަށް ގެނައީ. އަހަރެން ލެއިން ތަތްތެޅިފައި ހުރި އިރުވެސް އޭނާ ހުރީ ވަރަށް މަޑުމައިތިރިވެގެން،" ސައިފު ކިޔައިދިނެއެވެ.
ސައިފު ބުނީ ހަމަލާއެއް އެރުމުން އިންސާނުންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން އެ ދޫކޮށްލާ "އެޑްރެނަލައިން" ކެމިކަލް އޭނާގެ ހަށިގަނޑުގައި ފެތުރިގެން ދިޔަ ކަމަށެވެ. އަދި މިހެންވެ އެ ވަގުތު އެއްވެސް ތަދެއް އިހުސާސް ނުކުރެވޭ ކަމަށެވެ.
"އެ ވަގުތަކު ނޭނގޭ އަހަރެންގެ ބުރަކަށްޓަށް ހަރާފައިވަނީ ވަޅިއެއްކަން ވެސް،" ސައިފު ބުންޏެވެ.
ސައިފު ބުނީ އެޕާޓްމަންޓް ތެރޭގައި އޭނާ ފުރަތަމަ ޝަރީފުލްއާ ކުރިމަތިލީ އެކަނި ކަމަށެވެ.
"އެއީ އެޕާޓްމަންޓްގައި ގެންގުޅޭ މީހަކު އަހަރެންނަށް އެހީވާން އަންނަންދެން،" ސައިފު ކިޔައިދިނެވެ.
ސައިފު ބުނީ ޖަހަންގީރުގެ ކޮޓަރިއަށް ޝަރީފުލް ވަދެ، ސައިފުގެ ދެ ދަރިން ކަމަށްވާ ޖަހަންގީރާއި ތައިމޫރު ބަލަހައްޓަން ގެންގުޅޭ އަންހެނަކުގެ ގާތުގައި ފައިސާ ދޭން ބުނުމުން އެ އަންހެން މީހާ ސައިފު އާއި ސައިފުގެ އަންހެނުން، ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ހާންގެ ކޮޓަރިއަށް އައިސް އެ ދެމަފިރިން ހޭލައްވައިލި ކަމަށެވެ.
"ޝަރީފުލް ހުރީ މޫނު ނިވާކޮށްގެން. އަތުގައި ދެ ވަޅި އޮތް. އަދި ޖަހަންގީރުގެ އެނދާ ދިމާއަށް ދުނި ކީހެއް ދިއްކޮށްގެން ހުރި،" ސައިފު ކިޔައިދިނެވެ.
އޭނާ ބުނީ އެ ވަގުތު އޭނާއަށް ކުރެވުނީ ކޮން އިހުސާސެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އައީ ކޮން ހިތްވަރެއް ކަމެއް ކަމަށާއި އެ ހިތްވަރު އައި ގޮތެއް ވެސް ނޭނގޭ ކަމަށެވެ.
"އަހަރެން ޝަރީފުލް ގައިގައި ހިފައި، ބިންމައްޗަށް އޭނާ ވައްޓައިލިން. އަހަރެންގެ ހަށިގަނޑަށް ޝަރީފުލް ވަޅި ޖަހަން ފެށީ އެ ވަގުތު،" ސައިފު ބުންޏެވެ.
އޭނާ ބުނީ ޝަރީފުލް އޭނާއަށް ދެ ވަޅިން ހަމަލާ ދޭން ފެށުމުން ޝަރީފުލް ކޮންޓްރޯލް ނުކުރެވުނު ކަމަށެވެ.
"އަހަރެންނަށް ދެން ދުއާ ކުރަން ފެށެވުނީ އެހެން މީހަކު އައިސް ޝަރީފުލްގެ ކިބައިން އަހަރެން ސަލާމަތްކޮށްދިނުމަށް. އެ ވަގުތު އެޕާޓްމަންޓައި ގެންގުޅޭ އަންހެން މީހާ ގީތާ އައިސް އަހަރެންގެ ގައިގެ މަތިން ޝަރީފުލް ދުރަށް ލި،" ސައިފު ކިޔައިދިނެވެ.
ގީތާ ޝަރީފުލް ގެންދިޔައީ ޖަހަންގީރުގެ ކޮޓަރިއަށެވެ. އޭގެ ކުރިން ކަރީނާ ވަނީ ޖަހަންގީރު ރައްކާތެރިކުރަން ޖަހަންގީރު ތައިމޫރުގެ ކޮޓަރިއަށް ގެންގޮސްފައި ކަމަށް ސައިފު ބުންޏެވެ.
"ޝަރީފުލް އެ ކޮޓަރީގައި ބަންދުކުރިން. ނަމަވެސް އޭނާ ވަނީ ދަރިފުޅުގެ ފާހާނާއިން ފެން ހުސްކުރާ ޑްރެއިންޕައިޕުން ފިލައިފައި. އަހަރެމެންގެ އެޕާޓްމަންޓަށް ވަނީ ވެސް އެ ހޮޅިން،" ސައިފު ކިޔައިދިނެވެ.
ތައިމޫރާއި ސައިފު ހޮސްޕިޓަލަށް ނައްޓައިލުމުން ކަރީނާ ވަނީ އޭނާގެ ދައްތަ، ބޮލީވުޑް ތަރި ކަރިޝްމާ ކަޕޫރުގެ ގެއަށް ޖަހަންގީރު ގެންގޮސްފައެވެ.
ސައިފު ބުނީ ސައިފަށް ލިބިފައިވާ ޒަހަމްތަކުގެ ސީރިއަސްކަން އެނގުނީ ޑޮކްޓަރުން އޭނާ ބެލުމުން ކަމަށެވެ.
"މައި ބަދައިން ދިޔަ ފައިބަމުން ދިޔަ ކަމަށް ޑޮކްޓަރުން ބުނި. މި ކަމާ ގުޅިގެން އަހަރެންގެ ފައި ވަނީ އައްސިވެފައި. އަހަރެންގެ ހަޔާތުގައި އެންމެ ގިނަ ވަގުތު ހޭދަކުރަން ޖެހުނު ސާޖަރީ ހެދީ އެ ރޭ،" ސައިފު ކިޔައިދިނެވެ.
އޭނާ ބުނީ އޭނާގެ ހަށިގަނޑުގައި މިހާރު ތިރީހަކަށް ފާރުގަނޑު އެބަހުރި ކަމަށެވެ.
"ނަމަވެސް އަހަރެންގެ މުހިންމު ލޭ ހޮޅިތަކާއި ލޭ ނާރުތައް ސަލާމަތްވި. އެއީ މުއުޖިޒާތެއް. އަހަރެންގެ ކަރަށް ވަޅި ޖަހައިފައި ހުރި ގޮތުން އެއީ ހަމަ މަރުގެ އެތިފަހަރެއް. އަހަރެންގެ ކަރަށް ވަޅި ޖަހައިފައިވާ ގޮތަށް ވަޅި ޖަހައިފި ނަމަ މަރު ނުވެ ނުދާނެ. ނަމަވެސް އަހަރެންނަށް މިހާރު އިހުސާސް ކުރެވެނީ ހަމައެކަނި މަސްގަނޑުގައި ހުންނަ ކުޑަ ރިހުމެއް،" ސައިފުގެ ވާހަކަ ނިންމައިލަމުން ބުންޏެވެ.
ސައިފު އާއި ކަރީނާއަށް މިހާރު ވަނީ ފުލުހުން ރައްކާތެރިކަން ދީފައެވެ. އަދި ބޮލީވުޑް ތަރި ރޯނިތު ރޯއީގެ ސެކިއުރިޓީ ކުންފުންޏެއްގެ އެހީގައި ސައިފުގެ އެޕާޓްމަންޓްގެ ބެލްކަނީގައި ވަނީ ދަގަނޑު ދާ ޖަހައިފައެވެ.
ސައިފަށް ހަމަލާ ދިނީ ޝަރީފުލްކަން ފޮރެންސިކް ހެކިތަކުން ކަށަވަރު ވުމުން ޝަރީފުލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގެ ބަދަލުގައި ކޯޓުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ.

ސައިފާއި ކަރީނާ މިހާރު ވަނީ އާދައިގެ ދިރިއުޅުމަށް އަލުން ނުކުމެފައެވެ. އެ ގޮތުން ކަރީނާ ފިލްމެއްގެ ޝޫޓިންއަށް ދިޔަ މަންޒަރުގެ ވީޑިއޯއެއް މިހާރު ވަނީ ފެންމަތިވެފައެވެ. މޭކަޕް ނުކޮށް ހުރި ކަރީނާގެ މި ވީޑިއޯއަށް އޭނާގެ ފޭނުން ވަނީ ތަރުހީބު ދީފައެވެ.
ސައިފުގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ހާން ބޮލީވުޑަށް ތައާރަފުވި ފިލްމް "ނާދާނިޔާން" މިހާރު ވަނީ ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށައިފައެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.
ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.
ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.