Support Us

ޔަހޫދީންނަށް ފާޑުކިޔުމުން ޔޭގެ އެކްސް އެކައުންޓް ބަންދުކޮށްފި

މި ދިޔަ މަހު އަންހެނުން ބިއަންކާ ސެންސޯރީގެ 30 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެ އައި އެމެރިކާގެ ލަވަކިޔުންތެރިޔާ ޔޭ ނުވަތަ ކުރީގެ ނަމުން ނަމަ ކާންޔޭ ވެސްޓް ޔަހޫދީންނަށް ބަދުބަސްތަކެއް ބުނުމުން އޭނާގެ އެކްސް ނުވަތަ ޓްވިޓާ އެކައުންޓް މިއަދު ބަންދުކޮށްފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އިލޯން މަސްކްގެ ސޯޝަލް މީޑިއާ މި ޕްލެޓްފޯމަށް މިއަދު ހެނދުނު ވަނުމުން ފެންނަނީ "މި އެކައުންޓް ނެތް"ކަމުގެ މެސެޖެކެވެ.

ޔޭގެ މި ފަދަ އަމަލެއްގެ ސަބަބުން އޭނާގެ އެކްސް އެކައުންޓް 2023 ގައި ވެސް ވަނީ ބަންދުކޮށްފައެވެ. އެއީ ދެވަނަ ބޮޑު ހަނގުރައިމައިގެ ދުވަސްވަރު ހަ މިލިއަން ޔަހޫދީން މަރައިލި ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރަށް ތާއީދުކޮށް، އިސްރާއީލު ދިދަ އާއި ހިޓްލަރު ޕްރޮމޯޓްކުރި ސްވާސްޓިކާ ލޯގޯ މަސްހުނިކުރި ފޮޓޯއެއް އެކްސްއަށް ލުމުންނެވެ. ނަމަވެސް ޔޭގެ އެކައުންޓް އަށް މަސް ފަހުން ވަނީ މަސްކު އަލުން ހުއްދަކޮށްފައެވެ.

އުމުރުން 47 އަހަރުގެ ޔޭ މި ފަހަރު ވަނީ ޔަހޫދީންނަށް ފުލުފުލުގައި ބަދުބަސް ބުނެފައެވެ. އެ ގޮތުން އޭނާ ވަނީ އޭނާއަކީ ހިޓްލަރުގެ ހައްދުފަހަނަޅާފައިވާ ނާޒީ ޕާޓީގެ މީހެއް ކަމަށް ބުނެފައެވެ.

"އަހަރެންނަކީ ނާޒީއެއް. އަހަރެން ހިޓްލަރު ދެކެ ލޯބިވޭ. އަހަރެންގެ ބައެއް ގާތް ރަހްމަތްތެރިންނަކީ ޔަހޫދީން. އަހަރެން އެ މީހުންނަކަށް އިތުބާރެއް ނުކުރަން،" ޔޭ އެކްސްގައި ލިޔުނެވެ.

މި ފަދަ ކޮމެންޓްތަކާ ހުރެ ޔޭއަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު "ފްރެންޑްސް" ޓީވީ ސީރީޒްގެ ބަތަލު ޑޭވިޑް ޝްވިމާ އާއި ނޫސްވެރިއެއް ކަމަށްވާ ޕިއާސް މޯގަން ހިމެނެއެވެ.

"ތައައްސުބުން ފުރިފައިވާ ސިކުނޑި ހަމަނުޖެހޭ މީހެއް ލަމުންދާ ނަފުރަތާއި ޖާހިލުކަމުގެ ހޮޑު އަހަރެމެންނަކަށް ނުހުއްޓުވޭނެ. ނަމަވެސް އޭނާ އަޑުގަދަ ކުރަން މެގަފޯނެއް ނުދޭން މަސްކަށް ގޮވައިލަން. ޔޭގެ އެކްސްގައި 32.7 މިލިއަން ފޮލޮވަރުން އެބަތިބި. އެއީ މި ވަގުތު ދިރިހުރި ޔަހޫދީންގެ ދެ ގުނަ އިތުރު އަދަދެއް. އޭނާގެ ވިހައިން ފުރިފައިވާ ނަފުރަތުގެ ވާހަކަތަކުގެ ސަބަބުން ޔަހޫދީންނަށް ހަގީގީ ދުނިޔޭގައި އަނިޔާވެރިކަން ތަހައްމަލުކުރަންޖެހޭ،" ޝްވިމާ ބުންޏެވެ.

ޝްވިމާ ބުނީ ޔޭއަކީ ނާޒީއެއް ކަމަށް އޭނާ އަމިއްލައަށް ބުނުމުން އޭގެން ދޭހަވަނީ އަޣުލަބިއްޔަތު ނެތް ހުރިހާ މުޖުތަމައުތަކެއް ނައްތައިލަން ޔޭ ތާއީދުކުރާ ކަމަށެވެ. މީގެ ތެރޭގައި ޔޭގެ އަމިއްލަ ކަޅު ނަސްލު ވެސް ހިމެނޭ ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ މީގެން އެންމެ ނުރައްކާތެރީ ކޮން ކަމެއް ކަމެއް. ސަބަބަކީ ޔޭ ހުރިހާ ސޯޝަލް މީޑިއާއިން ދުރުކުރުމަށް ގޮވާލާ މީހުންގެ އަޑު އެހާ ގަދައެއް ނޫން. ހަނުހުރުމަކީ އޭނާއަށް ތާއީދުކުރުން،" ޝްވިމާ ބުންޏެވެ.

އެމެރިކާގެ ޔަހޫދީންނާ ބެހޭ އެމެރިކަން ޖުވިޝް ކޮމިޓީން ޔޭ ކުށްވެރިކުރަމުން ބުނީ ޔަހޫދީންނަށް ނަފުރަތުގެ ބަސްތައް އަމާޒުކުރަން ޔޭ އޭނާގެ ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށެވެ. ޔަހޫދީ ނަސްލަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރާ ކެމްޕޭން އަގެއިންސްޓް އެންޓައިސެމިޓިސިޒަމްއިން ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކައިފައެވެ.

"ޔޭގެ އެކްސް އެކައުންޓް ބަންދުކޮށްގެން ހިތާމަ ފާޅުކުރި އެކަކު ވެސް ނެތް. މޮޅު ރެޕް ލަވަކިޔުންތެރިއެއްގެ ގޮތުން މަޝްހޫރު ވުމަށް ފަހު އޭނާ މިހާރު ވެފައިވަނީ ސިކުނޑި ހަމަނުޖެހޭ މީހަކަށް. އަހުލާގު ދަށް، ނަސްލީ ތައައްސުބު ގެންގުޅޭ، އަދި ޔަހޫދީންނާ ދެކޮޅު ވުމުގެ އިތުރުން އަންހެނުންނަށް ބަދުބަސް ބުނެ އަނިޔާވެރިކަން ޕްރޮމޯޓްކުރަން މިހާރު ޔޭ މަސައްކަތް ކުރަނީ. މިއީ ހިތާމަވެރި އަދި ތާކުންތާކު ނުޖެހޭ ވެއްޓުމެއް،" މޯގަން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *