އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނަރަޔަން އޭނާގެ ފޭނެއްގެ ތުންފަތުގައި ކިސް ކުރުމުން ބޮޑު މައްސަލައަކަށް ވެއްޖެއެވެ.
އުމުރުން 69 އަހަރުގެ އުދިތު ކޮންސެޓެއްގައި އޭނާގެ ފޭނަކަށް މި ގޮތަށް ބޮސް ދިން ވީޑިއޯއެއް މިއަދު ވަނީ ވައިރަލް ވެފައެވެ. މި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
"އޭނާގެ އުމުރު ހުރި ގޮތުން ކަންނޭނގެ،" އުދިތަށް ފާޑުކިޔަމުން ސޯޝަލް މީޑިއާގައި ފެޝަނަށް ފާޑުކިޔާ މަޝްހޫރު ޔުރްފީ ޖާވިދު ބުންޏެވެ.
ނަމަވެސް އުދިތު ވަނީ އޭނާގެ މި އަމަލުގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ.
"އަހަރެންނަކީ އަހުލާގު ރަނގަޅު މީހެއް،" އުދިތު ބުންޏެވެ.
ވައިރަލްވި ވީޑިއޯގައި ފެންނަނީ "ޓިޕް ޓިޕް ބަރްސާ ޕާނީ" މި ލަވަ ކިޔަނިކޮށް ފޭނުންތަކެއް ސްޓޭޖް ކައިރިއަށް ޖަމާވެ ސެލްފީ ނަގަން މަސައްކަތް ކުރާ މަންޒަރެވެ. ދެން އެ ތަނުން ފޭނެއް ވަރަށް ގާތްވެލުމުން އޭނާގެ ތުންފަތަށް އުދިތު ދޮނެއް ދެއެވެ.
މި އަމަލުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. އިންޓަނެޓްގެ އަހަލުވެރިން މިހާރު އަންނަނީ ސްޓޭޖެއްގެ މަތީގައި އުދިތު މި ދެއްކި އަހުލާގު އެއީ ބަލައިގަނެވޭނެ އަމަލެއްތޯ ސުވާލު އުފައްދަމުންނެވެ.
"ބައެއް މީހުން އެ މީހުން ވާ ލޯބި ދައްކުވައިދޭނީ އެކި ގޮތަށް. އެ ކަން އެހާ ބޮޑު ކޮށްލުމުގެ ބޭނުމެއް އެބައޮތްބާ؟ ފޭނުންނަށް އެ ފަދަ ވަގުތެއްގައި އިހުސާސް ކުރެވޭނީ އެ މީހުންނަށް އަހަރެމެންނާ ބައްދަލު ކުރެވެނީ ކަމަށް. ބައެއް ފޭނުން އަތާއިއަތްޖޯޑުކޮށް ސަލާން ކޮށްލަން އަތް ދިއްކޮށްލާނެ. އަނެއް ބައި ފޭނުން އަތަށް ދޮން ދޭނެ. މިއީ އެ މީހުން ކުރާ ތާއީދު އެ މީހުން ދައްކާ ގޮތް. މި ކަމަށް އެހާ ބޮޑު ސަމާލުކަން ދޭކަށް ނުޖެހޭ،" ހިންދުސްތާން ޓައިމްސްއަށް އުދިތު ބުންޏެވެ.
ލަވަކިޔުންތެރިޔާ އަބީޖީތު ވަނީ އުދިތުގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ.
"އޭނާއަކީ އުދިތު ނަރަޔަން! އޭނާގެ ފަހަތުން އަންހެނުން ދުވަމުން ދިޔައީ. ނަމަވެސް އެއިން އެއްވެސް އަންހެނަކު އޭނާ އަމިއްލައަށް އޭނާއާ ގާތްކޮށްފައެއް ނުވޭ. އަހަރެންނަށް ޔަގީން އުދިތު ލަވަކިޔަން އަރާ ކޮންމެ ފަހަރަކު އޭނާއާއެކު އޭނާގެ އަންހެނުން ވެސް ލަވަކިޔަން އަރާނެކަން،" ނިއުސް 18 އަށް އަބީޖީތު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ލިބިފައިވާ ކާމިޔާބީތައް ތަޖުރިބާ ކުރުމަށް އުދިތަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"އުދިތަކީ ލޯބީގެ ލަވަތައް ކިޔާ ލަވަކިޔުންތެރިއެއް. އޭނާއާ ކުޅެން ނޫޅޭތި،" އަބީޖީތު ބުންޏެވެ.
އުދިތު ކިޔައިފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދިލް ތޯ ޕާގަލް ހައެ"، "ކުޗް ކުޗް ހޯތާ ހައެ" އަދި "ކަހޯ ނާ ޕްޔާރް ހައެ" ހިމެނެއެވެ.