ބޮލީވުޑް ދެމަފިރިންކަމަށްވާ އަބިޝެކް ބައްޗަން އާއި އައިޝްވަރްޔާ ރާއީ ބައްޗަންގެ އުމުރުން 13 އަހަރުގެ އަންހެން ދަރިފުޅު އާރާދްޔާ ބައްޗަން ގޫގުލް ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ.
އަބިޝެކްގެ އެހީއާ ލައިގެން ހުށަހަޅައިފައިވާ މައްސަލައިގައި އާރާދްޔާ ބުނެފައިވަނީ ގޫގުލްއިން ހިންގާ ޔޫޓިއުބްގެ ބައެއް ޗެނަލްތަކުގައި އޭނާގެ ސިއްހަތާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެ ގޮތުން ބައެއް ޗެނަލްތަކުން ރިޕޯޓްކުރަނީ އޭނާއަށް ސީރިއަސް ބައްޔެއް ޖެހިފައިވާ ކަމަށެވެ. އަދި އަނެއް ބައި ޗެނަލްތަކުން ބުނަނީ އޭނާ މިހާރު ނިޔާވެފައިވާ ކަމަށެވެ.
ވެރިރަށް ދިއްލީގެ ހައި ކޯޓުން މިހާރު ނިންމައިފައިވަނީ މި މައްސަލަ ފުރިހަމަ ޝަރީއަތަކާ ނުލައި ކުރިއަށް ގެންދިއުމަށެވެ.
އާރާދްޔާ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޔޫޓިއުބްގައި އޭނާއާ ބެހޭ ގޮތުން ފަތުރަމުންދާ ދޮގު ހަބަރުތަކާ ބެހޭ ވީޑިއޯތައް ނަގައި، ފުހެލަން ގޫގުލްގެ މައްޗަށް އަމުރު ނެރުމަށެވެ.
ކޯޓުން މިހާރު މި އަމުރު ވަނީ ނެރެދީފައެވެ. އެ ގޮތުން ބޮލީވުޑް ޓައިމްސް ފަދަ ހަބަރު ފަތުރާ ފަރާތްތަކަށް ވަނީ އާރާދްޔާގެ ސިއްހަތާ ބެހޭ ދޮގު މައުލޫމާތު ހުރި ރިޕޯޓާއި ވީޑިއޯ އިންޓަނެޓުން ނެގުމަށް އަންގައިފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވަން ހަމަޖައްސައިފައިވަނީ އަންނަ މަހު 17 ގައެވެ. މީގެ ކުރިން، 2023 ވަނަ އަހަރުގެ އެޕްރިލް މަހު ވެސް މި ފަދަ އަމުރެއް ދިއްލީ ހައި ކޯޓުން ގޫގުލްގެ މައްޗަށް ނެރެފައިވެއެވެ.
ފަނޑިޔާރު މިނީ ޕުޝްކަރްނާ ވިދާޅުވީ މި މައްސަލައިގައި ގޫގުލް ތަމްސީލުކުރާ ވަކީލުން ހާޒިރު ނުވާތީ އެ ފަރާތްތައް ނައި ނަމަވެސް އަޑުއެހުން ކުރިއަށްގެންދަވާނެ ކަމަށެވެ.
ބޮލީވުޑް ޓައިމްސްގެ އިތުރުން ބޮލީ ޕަކޯރާ، ބޮލީ ސަމޯސާ އަދި ބޮލީވުޑް ޝައިންއަށް ވެސް ވަނީ އާރާދްޔާގެ ވީޑިއޯތައް ޑިލީޓް ކުރުމަށް އަންގައިފައެވެ.
"މި މައްސަލައިގައި ފުދޭވަރެއްގެ ހެކިތަކެއް ލިބިފައިވޭ. މިހެންވެ އާރާދްޔާއަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތް ހަދަން މި ފިޔަވަޅު އެޅީ،" ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ ޔޫޓިއުބްގައި ހުރި ބައެއް ވީޑިއޯތަކުގައި އާރާދްޔާގެ ސިއްހަތާ ބެހޭ ގޮތުން ދޮގު މައުލޫމާތު ހުރުމުގެ އިތުރުން ބައްޗަން އާއިލާގެ އަގު ވެއްޓޭ ފަދަ މައުލޫމާތު ވެސް ހުރި ކަމަށެވެ.
"އޭނާގެ އާއިލީ ނަމަކީ ބްރޭންޑެއް ގޮތަށް ރައްކާތެރި ކުރެވިފައިވާ އެއްޗެއް. ސުލޫކީ ގޮތުން އެންމެ މަތީ މިންގަނޑުތައް އެ އާއިލާއިން ދަމަހައްޓާ،" ކޯޓުން ބުންޏެވެ.
އާރާދްޔާގެ ޒާތީ ދިރިއުޅުމާއި ޕްރައިވެސީއަށް ނޭދެވޭ އަސަރު ފޯރުވޭނެ ގޮތަށް ނަންގަނެވުނު ޗެނަލްތަކުން މަސައްކަތްކޮށްފައިވަނީ އެ ޗެނަލްތައް ކުއްލިއަކަށް މަޝްހޫރުވޭތޯ މަސައްކަތް ކުރުމަށް ކަމަށް ކޯޓުން ބުންޏެވެ.
އާރާދްޔާ އުފަންވީ 2011 ގައެވެ. އޭނާގެ ކާފައަކީ ބޮލީވުޑްގެ ދެވަނައެއް ނެތް ތަރި އަމީތާބް ބައްޗަންއެވެ. އަދި މާމައަކީ ހަމައެހާމެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޖާޔާ ބައްޗަންއެވެ.
ބޮލީވުޑްގެ މިހާ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާތީ އާރާދްޔާ އުފަންވީއްސުރެ އޭނާއަށް އުޅެންޖެހިފައިވަނީ މީޑިއާގެ ސަމާލުކަމުގައެވެ.
އާރާދްޔާއަކީ ކުޑަކުއްޖެއް ނަމަވެސް އޭނާގެ ހަބަރުތައް ފަލަ ސުރުހީތަކަށް އަރައެވެ. މިސާލަކަށް، ފްރާންސްގެ ކާން ފިލްމް ފެސްޓިވަލަށް އައިޝްވަރްޔާ ދާއިރު އާރާދްޔާ ވެސް ގެންދާއިރުއެވެ.
އާރާދްޔާ ކިޔަވަނީ މުމްބާއީގައި ހުންނަ ދިރުބާއީ އިންޓަނޭޝަނަލް ސްކޫލްގައެވެ. އޭނާގެ ރައްކާތެރިކަމަށް އައިޝްވަރްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެ ގޮތުން އާރާދްޔާ ތަންތަނަށް ދާއިރު އައިޝްވަރްޔާ އޭނާއާ އެކުގައި ދެއެވެ. މީޑިއާއިން ހައްދުފަހަނަޅާ މިންވަރަކަށް އާރާދްޔާގެ ހައްގުތަކަށް އަރައިގެންފާނެތީއެވެ.