Support Us

ސައިފުގެ ދަރިންގެ ފޮޓޯ ނުނެގުމަށް އެދިއްޖެ

މި މަހު ހަމަލާ ދިން ބޮލީވުޑް ތަރި ސައިފު އަލީ ހާން، އޭނާގެ ދެ ދަރިންގެ ފޮޓޯ ނުނެގުމަށް ޕަޕަރާޒީ ފޮޓޯ ނަގާ މީހުންގެ ކިބައިން އެދިއްޖެއެވެ.

ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ހާންއާ ކައިވެނިކޮށްގެން ލިބިފައިވާ އުމުރުން އަށް އަހަރުގެ ތައިމޫރު އާއި ތިން އަހަރުގެ ޖަހަންގީރުގެ ފޮޓޯ ނުނެގުމަށް އެދޭ ކަމަށް ދެމަފިރިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އަހަރެމެންގެ 12 ވަނަ ފަންގިފިލާގެ އެޕާޓްމަންޓުން ނުކުމެގެން ދާ މަންޒަރާއި އެނބުރި އަންނަ މަންޒަރުގެ ފޮޓޯ، އިމާރާތުގެ ތިރީގައި މަޑުކޮށްގެން ހުރެ ނުނެގުން އެދެން،" ބަޔާނުގައި ބުނެފައިވެއެވެ.

ކަރީނާ ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އޭނާގެ އާއިލާއަށް މާބޮޑަށް ސަމާލުކަން ލިބެންޏާ އޭނާގެ އާއިލާއަށް ނުރައްކާވެދާނެ ކަމަށެވެ.

ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ މުހައްމަދު ޝަރީފުލް އިސްލާމް ޝަހުޒާދު ސައިފުގެ ގެއަށް ވައްކަން ކުރަން ވަދެ، ސައިފާ ކުރިމަތިލި ހާދިސާގައި ސައިފުގެ ހަށިގަނޑުގެ ހަ ތަނަކަށް ވަނީ ވަޅި ޖަހައިފައެވެ.

ސައިފު އަލީ ހާން އަދި އޭނާ ކަރީނާ ކަޕޫރު ހާނާއި އާއިލާއާއެކު ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތް

ސައިފުގެ އާއިލާއަށް މިހާރު ވަނީ ފުލުހުން ރައްކާތެރިކަން ދީފައެވެ. ސަބަބަކީ މި ހަމަލާއަށް ފަހު މުމްބާއީގެ ސަލާމަތީ ކަންތައްތަކާމެދު އިންޑިއާގެ ރައްޔިތުން ސުވާލު އުފައްދައިފައިވާތީއެވެ.

ބޮލީވުޑް ތަރި ރޯނިތު ރޯއިގެ ސެކިއުރިޓީ ކުންފުންޏެއްގެ އެހީގައި ސައިފުގެ އެޕާޓްމަންޓްގެ ބެލްކަނީގައި މިހާރު ވަނީ ދަގަނޑު ދާ ޖަހައިފައެވެ.

ސައިފަށް ދިން ހަމަލާގައި އޭނާގެ މައިބަދަ ކައިރިއަށާއި ކަރަށް ވަޅި ހަރައިލައިފައިވާތީ ކުއްލި ދެ ސާޖަރީއެއް ހަދަން ޖެހުނެވެ. މިހާރު އޭނާ ވަނީ ބަންދްރާގެ ލީލާވަތީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ސައިފާއި ކަރީނާ މިހާރު އެކުގައި ބޭރަށް ދެއެވެ. މަގުމަތިން ނަގައިފައިވާ ފޮޓޯތަކުން ސައިފުގެ ވައަތް ބެންޑޭޖްކޮށްފައިވާ މަންޒަރާއި ކަރުގައި ވެސް ބެންޑޭޖް ހަރުކޮށްފައިވާ މަންޒަރު ފެނެއެވެ.

މި މަހު 19 ގައި ހައްޔަރުކުރި ޝަރީފުލް ޖުޑިޝަލް ކަސްޓަޑީ ބަންދުގައި 14 ދުވަހު ބަހައްޓަން މިހާރު ވަނީ ނިންމައިފައެވެ. ޖުޑިޝަލް ކަސްޓަޑީއަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރުމުގެ ބަދަލުގައި ކޯޓުގެ ބެލުމުގެ ދަށުގައި ބަންދުކުރުމެވެ.

ފުލުހުން ބުނީ ތަހުގީގަށް ޝަރީފުލް އެއްބާރުލުން ނުދޭ ކަމަށެވެ. ނަމަވެސް ޝަރީފުލްގެ ގާނޫނީ ވަކީލު ބުނީ ތަހުގީގު ވަނީ ނިމިފައި ކަމަށެވެ.

ޝަރީފުލްއާ ދެކޮޅަށް ކުރެވެނީ އިންޑިއާގެ އެއް ކްރޯ ރުޕީސް (1.7 މިލިއަން ރުފިޔާ) ދިނުމަށް އެދި، ސައިފަށް ހަމަލާ ދީ، ސައިފުގެ އެޕާޓްމަންޓުން ފިލައިގެން ދިޔަކަމުގެ ތުހުމަތެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *