Support Us

ސައިފު އަލީ ހާނަށް ހަމަލާ ދިން މުހައްމަދު ޝަރީފުލް އިސްލާމް ޝަހުޒާދުގެ މޫނު ނިވާ ކޮށްގެން ފުލުހުން އޭނާ ކޯޓަށް ގެންދަނީ

ސައިފަށް ހަމަލާ ދިން ޝަރީފުލް ޖުޑިޝަލް ކަސްޓަޑީގައި 14 ދުވަހުގެ ބަންދަށް

ބޮލީވުޑް ތަރި ސައިފު އަލީ ހާނަށް ހަމަލާ ދިން މުހައްމަދު ޝަރީފުލް އިސްލާމް ޝަހުޒާދު ޖުޑިޝަލް ކަސްޓަޑީ ބަންދުގައި 14 ބަހައްޓަން ނިންމައިފިއެވެ. ޖުޑިޝަލް ކަސްޓަޑީއަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދު ކުރުމުގެ ބަދަލުގައި ކޯޓުގެ ބެލުމުގެ ދަށުގައި ބަންދުކުރުމެވެ.

ބަނގްލަދޭޝްގެ އުމުރުން 30 އަހަރުގެ ޝަރީފުލް، އުމުރުން 54 އަހަރުގެ ސައިފުގެ އެޕާޓްމަންޓަށް ވައްކަން ކުރަން ވަދެ، ސައިފުގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ޖަހައިފައި ފިލައިގެންދިއުމުން ހައްޔަރުކޮށްފައިވަނީ މި މަހު 19 ގައެވެ. ސައިފު ސަލާމަތްވީ މައިބަދަ އާއި ކަރުގެ ސާޖަރީއެއް ހަދައިގެންނެވެ.

މުމްބާއީގެ ބަންދުރާ ކޯޓުގެ ފަނޑިޔާރު ވަނީ ފުލުހުންގެ ބަންދަށް ޝަރީފުލް ދޫނުކުރުމަށް ނިންމައިފައެވެ.

ޝަރީފުލްގެ މައްސަލަ ތަހުގީގުކުރާ ފުލުސް އޮފިސަރު ކޯޓުގައި ބުނީ ޝަރީފުލް ސައިފުގެ އެޕާޓްމަންޓަށް ވަނީ ދުރާލާ ރާވައިގެން ކަމަށެވެ.

"ޝަރީފުލްއަށް އެހެން ބަޔަކު އެހީވިތޯ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް ކޮލްކަތާގައި މިހާރު ހަރަކާތްތެރިވަމުން އަންނަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ޝަރީފުލް އިންޑިއާއަށް ވަގަށް ވަނީ ކިހިނެތް ކަމާއި ބަނގްލަދޭޝްގައި ދިރިއުޅޭ އޭނާގެ އާއިލާއަށް ފައިސާ ފޮނުވާ ގޮތް ދެނެގަންނަން ބޭނުންވާ ކަމަށެވެ.

ޝަރީފުލްގެ ގާނޫނި ވަކީލު ބުނީ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި ފުލުހުންގެ ބަންދުގައި ޝަރީފުލް ބަހައްޓަން ނުފެންނަ ކަމަށެވެ.

ފަނޑިޔާރު ބުނީ ޝަރީފުލް ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ނުފެންނަ ކަމަށާއި މިހެންވެ ޖުޑިޝަލް ކަސްޓަޑީ ބަންދަށް ބަދަލުކުރީ ކަމަށެވެ.

ޝަރީފުލްއާ ދެކޮޅަށް ތުހުމަތު ކުރެވެނީ އިންޑިއާގެ އެއް ކްރޯ ރުޕީސް (1.7 މިލިއަން ރުފިޔާ) ދިނުމަށް އެދި، ސައިފަށް ހަމަލާ ދީ، ސައިފުގެ އެޕާޓްމަންޓުން ފިލައިގެން ދިޔަ ކަމުގެ ތުހުމަތެވެ. ސައިފު ވަނީ ދެ ސާޖަރީއަށް ފަހު ލީލާވަތީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ސައިފުގެ އަންހެނުން ކަރީނާ ކަޕޫރު ހާނަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *