Support Us

ސައިފު އަލީ ހާން (ވ) އަދި އޭނާއަށް ހަމަލާ ދިން މުހައްމަދު ޝަރީފުލް އިސްލާމް

ސައިފަށް ދިން ހަމަލާގައި އިތުރު ބައެއްގެ އަތެއް ވާކަމަށް ޝައްކުކުރެވޭ: ފުލުހުން

ބޮލީވުޑް ތަރި ސައިފް އަލީ ހާނަށް ހަމަލާ ދިނުމުގައި މިހާރު ހައްޔަރުކޮށްފައިވާ މީހާއަށް ކުށްކުރަން އެހީތެރިވެދިން އިތުރު ބަޔަކު އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހު 16 ގައި އުމުރުން 54 އަހަރުގެ ސައިފުގެ އެޕާޓްމަންޓަށް ވަދެ އޭނާގެ ގައިގެ ހަ ތަނަކަށް ވަޅި ޖެހުމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް އިސްލާމް ޝަހްޒާދު މުހައްމަދު ރުހިއްލާ އަމީން ފަކީރެވެ.

އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވެނީ އިންޑިއާގެ އެއް ކްރޯ ރުޕީސް (1.7 މިލިއަން ރުފިޔާ) ދިނުމަށް އެދި، ސައިފަށް ހަމަލާ ދީ، އެޕާޓްމަންޓުން ފިލައިގެން ދިޔަ ކަމުގެ ތުހުމަތެވެ. ސައިފު ވަނީ ދެ ސާޖަރީއަށް ފަހު ލީލާވަތީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ޝަރީފުލްގެ މުއްދަތު ޖަހަން ފުލުހުން އޭނާ ކޯޓަށް ގެންގޮސް ބުނީ ކުށުގައި ބައިވެރިވާ އިތުރު މީހުން އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. ކޯޓުން ވަނީ ޝަރީފުލް ތަހުގީގަށް ބަންދުގައި މި މަހު 29 އާ ހަމައަށް ބެހެއްޓުމަށް ހުއްދަ ދީފައެވެ.

"ޝަރީފުލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުމެއް ނުލިބޭ. ސައިފުގެ ގަޔަށް ހަރައިލި ވަޅި ހޯދީ ކޮން ތަނަކުން ކަމެއް ނުބުނި،" ފުލުހުން ބުންޏެވެ.

ޝަރީފުލްގެ ހެދުމުގައި ހުރީ ސައިފުގެ ލޭތޯ ބަލަން ފޮރެންސިކް ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ.

"އެޕާޓްމަންޓުން ފެނުނު އިނގިލީގެ ނިޝާން ޝަރީފުލްގެ އިނގިލީގެ ނިޝާނާ ދިމާވޭ،" ފުލުހުން ބުންޏެވެ.

ޝަރީފުލްގެ ހަރަކާތްތައް ހުރި ގޮތާއި ހަމަލާ ދިން ގޮތުގެ ތަފުސީލު ސައިފު އިއްޔެ ވަނީ ތަހުގީގަށް ކިޔައިދީފައި ކަމަށް ފުލުހުން ބުންޏެވެ.

ސައިފުގެ މައިބަދައަށާއި ކަރަށް ވެސް ވަނީ ވަޅި ޖަހައިފައެވެ. މިހެންވެ ކުއްލި ދެ ސާޖަރީ ހަދަން ޖެހުނެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ސައިފުގެ އަންހެނުން ކަރީނާ ކަޕޫރު ހާނަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *