Support Us

ސައިފަށް ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވޭ މީހާ ކަމަށް ބުނެ ފުލުހުން އާއްމުކޮށްފައިވާ ސީސީޓީވީ ވީޑިއޯތަކުގެ ފޮޓޯތަކެއް

ސައިފުގެ މައްސަލައިގައި ހައްޔަރު ކުރެވުނީ ނުބައި މީހެއް؟

މީގެ ނުވަ ދުވަސް ކުރިން ބޮލީވުޑް ތަރި ސައިފް އަލީ ހާނަށް ދިން ހަމަލާގައި ހައްޔަރު ކުރީ ނުބައި މީހެއް ކަމަށް ޝައްކު އުފެދިއްޖެއެވެ.

ބަނގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު ރޫހުލް އަމީން ބުނީ، ފުލުހުން ހައްޔަރު ކުރި މީހަކީ ޝަރީފުލް އިސްލާމް ފަކީރު ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުންޏަސް، ހައްޔަރުކޮށްފައިވަނީ ރޫހުލް އަމީންގެ ދަރިފުޅު ޝަރީފުލް އިސްލާމް ސައްޖާދު ކަމަށެވެ.

"ޔޫޓިއުބް ވީޑިއޯތައް ދުށިން. އަހަރެންގެ ދަރިފުޅު ހައްޔަރުކޮށްފައިވަނީ ހަމަލާ ދިން މީހާއާ ސިފަ ވައްތަރުވީމާ. ފުލުހުން އާއްމު ކުރި ސީސީޓީވީ ފުޓެޖުން ފެންނަނީ އަހަރެންގެ ދަރިފުޅެއް ނޫން،" ރޫހުލް އަމީން ބުންޏެވެ.

އޭނާ ބުނީ ބަނގްލަދޭޝްގެ ހާރިޖީ ވުޒާރާއަށް ގޮސް ޑިޕްލޮމެޓިކް ޒަރީއާއިން އޭނާގެ ދަރިފުޅު ދޫކޮށްލާތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ މަހަރަޝްތުރާ ސްޓޭޓްގެ ވެރިޔާ ނާނާ ޕަޓޯލޭ ވެސް ވިދާޅުވީ ހައްޔަރު ކުރި މީހާ އާއި ސީސީޓީވީން ފެންނަ މީހާއަކީ ދެ މީހެއް ކަމަށެވެ.

"އަހަރެންނަށް ފޮޓޯތައް ވެސް ފެނިފައިވަނީ. ވީ އެންމެ އަވަހަކަށް ފުލުހުން މި މައްސަލަ ސާފުކޮށްދޭން ޖެހޭ،" ޕަޓޯލޭ ވިދާޅުވިއެވެ.

ފުލުހުން ކޯޓުގައި ބުނީ ފަކީރުގެ ސިފައާ ސައްޖާދުގެ ސިފަ ދިމާވޭތޯ އަދި ޓެސްޓެއް ނުހަދާ ކަމަށެވެ.

ސައިފުގެ މައިބަދައަށާއި ކަރަށާއި މުޅިއަކު ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ޖެހުމުން ހޮސްޕިޓަލަށް ގެންގޮސް، ދެ ސާޖަރީ ހަދައިފައި ސައިފު މިހާރު ވަނީ އަރާމުކުރަން ގެއަށް ފޮނުވައިފައެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ސައިފުގެ އަންހެނުން ކަރީނާ ކަޕޫރު ހާނަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *