Support Us

ސައިފް އަލީ ހާން (ވ) ލީލާވަތީ ހޮސްޕިޓަލަށް ގެންގޮސްދިން ކުރޮޅި ޑްރައިވަރު ބަޖަން ސިންގް ރާނާއާއެކު ފޮޓޯއަކަށް ހުއްޓިގެން

ކުރޮޅި ޑްރައިވަރަށް ސައިފު ދިން ފައިސާގެ ހަދިޔާ ހާމަނުކުރި

ބޮލީވުޑް ތަރި ސައިފު އަލީ ހާނަށް ވަޅިން ހަމަލާ ދިނުމުން ހޮސްޕިޓަލަށް ގެންގޮސްދިން އޮޓޯރިކްޝޯގެ ޑްރައިވަރަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިން ފައިސާގެ އަދަދު ޑްރައިވަރު ހާމައެއް ނުކުރިއެވެ.

އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ ސައިފު ދިނީ އިންޑިއާގެ 50،000 ރުޕީސް (8،905ރ.) ކަމަށެވެ. ނަމަވެސް އެހެން ނޫސްތަކުން ރިޕޯޓް ކުރީ އެ އަދަދަކީ އިންޑިއާގެ 100،000 ރުޕީސް (17،811ރ.) ކަމަށެވެ.

"ސައިފު އަހަރެންގެ ގާތުގައި އެދިފައިވަނީ މި އަދަދު ހާމަނުކުރަން. އަދި އަހަރެން އެ ކަމަށް އެއްބަސްވިން. އެހެންވީމާ އެ އަދަދު ހާމައެއް ނުކުރާނަން. މީހުން ކިތައްމެ ގޮތަކަށް ލަފާކުރިޔަސް އަހަރެންނަށް ހެޔޮ،" އުމުރުން 47 އަހަރުގެ ޑްރައިވަރު ބަޖަން ސިންގް ރާނާ ބުންޏެވެ.

ލީލާވަތީ ހޮސްޕިޓަލުން ދޫކޮށްލުމުން ހޯމަ ދުވަހު ގެއަށް ދިއުމުގެ ކުރިން ސައިފު ވަނީ ހޮސްޕިޓަލުގައި ރާނާއާ ބައްދަލުކޮށް، ފޮޓޯއެއް ނަގައިފައެވެ.

ސައިފުގެ މައިބަދައަށާއި ކަރަށާއި މުޅިއަކު ހަށިގަނޑުގެ ހަ ތަނަކަށް އުމުރުން 30 އަހަރުގެ ބަނގްލަދޭޝް މީހެއް ކަމަށްވާ ޝަރީފުލް އިސްލާމް ޝަހްޒާދު މުހައްމަދު ރުހިއްލާ އަމީން ފަކީރު ވަޅި ޖެހުމުން ހޮސްޕިޓަލަށް ގެންދިއުމުގައި މުހިންމު ރޯލެއް ކުޅުނީ ސައިފުގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ހާނެވެ. ސައިފުގެ އާއިލާގެ ކާރު ތައްޔާރީ ހާލަތުގައި ނެތުމުން ސައިފުގެ އާއިލާ ދިރިއުޅޭ އިމާރާތުގެ ދޮށުން ސައިފު ލީލާވަތީ ހޮސްޕިޓަލަށް ގެންގޮސްދިނީ އެ ވަގުތު އެ ހިސާބުގައި އޮތް ކުރޮޅީގައި ރާނާއެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޝަރީފުލްގެ އަތުން ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ސައިފުގެ އަންހެނުން ކަރީނާ ކަޕޫރު ހާނަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *