އެމް.ޑަބްލިޔު.އެސް.ސީ އިން ރ. ފައިނުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ.
ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދާއި ވަޒީރުންނާއި، ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
މި މަޝްރޫޢުގެ ދަށުން ފައިނުގައި ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިން ޤާއިމްކޮށް، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ ދެ އާރު.އޯ ޕްލާންޓް ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި، 130 ގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، 490 ޓަނުގެ އެއް ފެން ތާނގީއާއި، 175 ޓަނުގެ ފެން ރައްކާކުރެވޭ ދެ ފެން ތާނގީ ވަނީ ބަހައްޓައިފައެވެ. އަދި ނަރުދަމާގެ އިދާރީ ބިލްޑިންގާއި ތިން ޕަންޕް ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މާރިޗު 2021 އެވެ. އމި މަސައްކަތް ނިންމައި ކޮމިޝަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗުގައެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 62.4 މިލިއަން ރުފިޔާއެވެ.