Support Us

ސައިފު އަލީ ހާން (ވ) އަދި އޭނާއަށް ހަމަލާ ދިން މުހައްމަދު ޝަރީފުލް އިސްލާމް

ސައިފަށް ހަމަލާ ދިން ވާހަކަ: ވަގުކަލޭގެގެ ދުލުން

ބޮލީވުޑް ތަރި ސައިފު އަލީ ހާންގެ ގައިގެ ހަ ތަނަކަށް ވަޅި ޖެހި މީހަކީ އުމުރުން 30 އަހަރުގެ ބަނގްލަދޭޝް މީހެއް ކަމަށްވާ ޝަރީފުލް އިސްލާމް ޝަހްޒާދު މުހައްމަދު ރުހިއްލާ އަމީން ފަކީރުއެވެ.

ހައްޔަރުކޮށްފައިވާ ޝަރީފުލް ފުލުހުންގެ ތަހުގީގަށް ބުނީ އޭނާ ކުށުގެ ވެއްޓަށް ވަނީ ހައްދުފަހަނަޅާ ވަރަށް އޭނާ ފަގީރު ވީމާ ކަމަށްވާތީ ކަމަށެވެ.

ޝަރީފުލް ބުނީ އޭނާ ސައިފުގެ އެޕާޓްމަންޓަށް ވަނީ އެއީ ވަކި ސައިފު ދިރިއުޅޭ ތަން ކަމަށް އެނގޭތީ ނޫން ކަމަށާއި ނަމަވެސް ޖެހުނު ތަނަކުން ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އަހަރެން އުޅުނީ ގޭތެރެ ބަލަހައްޓާ މީހެއްގެ ވަޒީފާއެއްގައި. މި ދިޔަ މަހު އަހަރެންގެ ވަޒީފާ ގެއްލުނު. ސައިފުގެ އެޕާޓްމަންޓަށް ވަނީ ފައިސާ ވަގަށް ނަގަން. އެއީ އަހަރެންގެ މަންމަ ބަލިވެފައިވާތީ މަންމައަށް ފަރުވާ ކުރުމަށް،" ޝަރީފުލް ތަހުގީގަށް ކިޔައިދިން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާއަށް ފަރުވާ ކުރުމަށް ފަހު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުން ސައިފު ދޫކޮށްލީ އިއްޔެއެވެ. އުމުރުން 54 އަހަރުގެ ސައިފު ވަނީ ކުއްލި ދެ ސާޖަރީއެއް ކޮށްފައެވެ. އެއީ ކަރަށް ލިބިފައިވާ ޒަހަމާއި މައިބަދައިގެ ކައިރިއަށް ހަރައިލައިފައިވާ ގާތްގަނޑަކަށް ތިން އިންޗި ހުރި ވަޅި ނެގުމަށެވެ.

ސައިފު ދިރިއުޅެނީ ސަތުގުރު ޝަރަން ނަމަކަށް ކިޔާ އިމާރާތެއްގައެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ އެނބުރި އެޕާޓްމަންޓަށް އައުމުގެ ކުރިން ފުލުހުން ވަނީ ޝަރީފުލް އެ އެޕާޓްމަންޓަށް ގެންގޮސް، އޭނާ ކަންތައް ކުރި ގޮތް އަލުން ކުޅުވައިފައެވެ. އެއީ ތަހުގީގުގެ ބޭނުމަށެވެ.

އިންޑިއާއަށް ވަގަށް ވަދެގެން އުޅޭ ޝަރީފުލް ބުނީ އޭނާ ސައިފު ދިރިއުޅޭ 11 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަށް ވަނީ ހުޅުވައިފައި ހުރި ކުޑަދޮރަކުން ކަމަށެވެ. އެއީ ފާހާނާގެ ބޮކި ދިއްލައިފައި ހުރި ތަން ފެނިގެން ކަމަށެވެ.

"މީހަކަށް ދެރައެއް ދޭކަށް އަހަރެންގެ ނިޔަތެއް ނެތް. އަހަރެންގެ ހަމައެކަނި ބޭނުމަކަށްވީ ފައިސާ ހޯދުން. ނަމަވެސް ސައިފުގެ ގަޔަށް ވަޅި ޖެހީ ސައިފު އަހަރެން ހިފެހެއްޓުމުން އަހަރެންނަށް ހާސްކަން އިހުސާސްކުރެވުމުން،" ޝަރީފުލް ބުނި ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ބުނީ އެޕާޓްމަންޓް ތެރެއިން ސައިފުގެ ދެ ދަރިން ބަލަހައްޓާ ސްޓާފް ނަރުހެއް ކަމަށްވާ އެލިޔާމާ ފިލިޕްއާ ދިމާވުމުން އެއް ކްރޯ ރުޕީސް (ނުވަ މިލިއަން ރުފިޔާ) ބޭނުން ކަމަށް އެލިޔާމާގެ ގާތުގައި ޝަރީފުލް ބުނި ކަމަށެވެ.

"ޝަރީފުލްއަށް ހީވީ އެއީ ދެ ތިން ބަންޑެލީގެ ނަގުދު ފައިސާ ކަމަށް. މި ކަމުން ދޭހަވަނީ އޭނާއަކީ އެހާ ތޫނުފިލި މީހެއް ނޫންކަން،" ފުލުހުން ބުންޏެވެ.

ޝަރީފުލް ސަތުގުރު ޝަރަން އިމާރާތަށް ވަނީ ޖެހިގެން ހުރި އިމާރާތުގެ ހަތަރު ފޫޓު އުސް ފާރެއްގެ މަތިން އަރައިގެންނެވެ. އެ ވަގުތު ސެކިއުރިޓީ ގާޑު އިނީ ނިދާފައިކަމަށް އޭނާ ބުންޏެވެ.

ޝަރީފުލް ސައިފުގެ އެޕާޓްމަންޓަށް ވަނީ "ޑަކްޓް"ތަކާއި ހޮޅިތަކުގެ ތެރެއިން ފިރުކިފައެވެ. އަދި ނިކުތީ ވެސް އެ ގޮތަށެވެ.

"ފިލައިގެން ދިއުމަށް ފަހު ސަތުގުރު ޝަރަންގެ ތެރޭގައި ހުރި ބަގީޗާއެއްގައި ޝަރީފުލް ކުޑަ އިރުކޮޅަކު އަރާމުކުރި. ދެން ހޮޓަލަކަށް ގޮސް، އޭގެ ފަހުން ނެޝަނަލް ކޮލެޖް ކައިރީގައި ހުރި ބަސް ސްޓޭޝަނަކަށް ދިޔަ. އެއީ ފަތިހު ހަތަރެއް ޖެހިއިރު. އެއަށް ފަހު ބަންދްރާ ރޭލު ސްޓޭޝަނަށް ގޮސް، ފަތިހު ހައެއް ޖަހާކަންހާއިރު ރޭލަކަށް އަރައިގެން، ވުރްލީއަށް ދިއުމަށް ދަދަރްއަށް މިސްރާބު ބެހެއްޓި ރޭލަކަށް އެރި،" ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރީ އިމާރާތް ކުރަމުންދާ ތަނަކުން ކަމަށް ފުލުހުން ބުންޏެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޝަރީފުލްގެ އަތުން ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ސައިފުގެ އަންހެނުން ކަރީނާ ކަޕޫރު ހާނަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *