Support Us

ސައިފު އަލީ ހާން (ވ) އަދި އޭނާއަށް ހަމަލާ ދިން މުހައްމަދު ޝަރީފުލް އިސްލާމް

ސައިފުގެ ހަގު ދަރިފުޅު ވަގަށްނަގަން މަސައްކަތްކުރި ކަމަށް އިއުތިރާފުވެއްޖެ

ބޮލީވުޑް ތަރި ސައިފު އަލީ ހާންގެ ހަގު ދަރިފުޅު ޖަހަންގީރު އަލީ ހާން ކިޑެންޕް ކުރަން މަސައްކަތް ކުރިކަމަށް ސައިފަށް ހަމަލާ ދިން މީހާ އިއުތިރާފު ވެއްޖެއެވެ.

އިންޑިއާއަށް ވަގަށް ވަދެގެން އުޅޭ ބަނގްލަދޭޝްގެ މުހައްމަދު ޝަރީފުލްއިސްލާމް ޝަހުޒާދު ބުނީ ސައިފުގެ ގަޔަށް ހަ ފަހަރަށް ވަޅި ޖެހީ އުމުރުން ހަތަރު އަހަރުގެ ޖަހަންގީރު ސަލާމަތްކުރަން ސައިފު އުޅުނީމާ ކަމަށެވެ.

ވިޖޭ ދާސްގެ ނަމަށް އިންޑިއާގައި ނަން ބަދަލުކޮށްގެން އުޅޭ ޝަހުޒާދު ފުލުހުންގެ ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު ފަސް ދުވަސް ދީފައެވެ.

ސައިފުގެ މައިބަދައިން ވަޅި ނެގުމަށް ކާމިޔާބު ސާޖަރީއެއް ކޮށްފައި ޑޮކްޓަރުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"އޭނާ ދޫކޮށްލާނީ އަދި އެއް ދުވަހު ހާލު ބެލުމަށް ފަހު،" ލީލާވަތީ ހޮސްޕިޓަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޑރ. ނިރާޖް އުއްޓަމަނީ މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސައިފަށް ލިބިފައިވާ ޒަހަމްތަކުގެ ގޮތުން އޭނާ ވަރަށް ބޮޑަށް އަރާމުކުރަން ޖެހޭ ކަމަށެވެ.

"ސައިފުގެ ހާލު ވަރަށް ބޮޑަށް ރަނގަޅު ވަމުން އަންނަނީ. އާއިލާގެ ހިޔާލު ހޯދައިފައި ހޮސްޕިޓަލުން ޑިސްޗާޖް ކުރާނީ،" ޑރ. ނިރާޖް ވިދާޅުވިއެވެ.

"މައިބަދައިގެ ތޮރެސިކް ސްޕައިނަލް ކޯޑަށް ވަޅި ހަރައިލައިފައިވަނީ. ވަޅި ނަގަން ޖެހުނީ ކުއްލި ސާޖަރީއެއް ހަދައިގެން. މައިބަދައިން ދިޔަ ނިކުންނަމުން ދިޔައީ،" ސައިފުގެ އޮޕަރޭޝަން ކުރެއްވި ޑރ. ނިތިން ދާންގޭ ވިދާޅުވިއެވެ.

"ސައިފުގެ ވައަތަށް ވެސް ވަނީ ދެ ފަހަރަށް ފުންކޮށް ވަޅި ހަރައިލައިފައި. އަދި ކަރަށް ވަޅި ހަރައިލި ތަން ރަނގަޅު ކުރަން ޖެހުނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން،" ޑރ. ނިތިން ވިދާޅުވިއެވެ.

ޝަހުޒާދު އިއްޔެ ހައްޔަރުކުރީ މުމްބާއީ ފުލުހުންނާއި ކްރައިމް ބްރާންޗުން ގުޅިގެން ހިންގި އޮޕަރޭޝަނަކުންނެވެ. އޭނާ ހައްޔަރުކުރީ އިމާރާތް ކުރަމުންދާ ތަނަކުންނެވެ.

"އޭނާ އިންޑިއާއަށް ވަނީ ގޭގެއިން ވައްކަން ކުރުމުގެ ނިޔަތުގައި،" ފުލުހުން ބުންޏެވެ.

ސައިފުގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓަށް ވަނީ އޭގެ ކުރިން ބޮލީވުޑް ތަރިން ކަމަށްވާ ޝާހް ރުކް ހާން އާއި ސަލްމާން ހާން ދިރިއުޅޭ ތަންތަން ވެސް ހުރި ނެތް ގޮތް ބަލައިފައި ކަމަށް ޝަހުޒާދު އިއުތިރާފުވިއެވެ.

"ޖަހަންގީރު ވަގަށް ނަގައިފައި ސައިފުގެ އާއިލާގެ ފަރާތުން ފައިސާ ހޯދުމަށް ޝަހުޒާދު ނިންމައިގެން ހުރީ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ސައިފަށް ހަމަލާ ދިނީ ސައިފު އޭނާއާ ކުރިމަތިލުމުން ބިރުން ކަމަށެވެ. އެއަށް ފަހު ފިލައިގެން ދިޔައީއެވެ.

ސައިފުގެ އަންހެނުން، ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ހާން އިންސްޓަގްރާމްގައި ބުނީ ސައިފު ފިޔަވާ އާއިލާގެ އެހެން މެންބަރަކު ޒަހަމް ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *