މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދެ ހާސް ސޯޅަ ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް، ތަފާތު އެކިއެކި ސަބަބުތަކާ ހުރެ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މި މަސައްކަތްތައް ވަނީ އަލުން ފަށައިގަނެވިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
"މިގޮތުން، މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ، 20 އިންޗި ޑައިމީޓަރ، ފަސް ކިލޯމީޓަރ ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ފެށިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި ޤާއިމްކުރެވޭ ޓްރާންސްފަރ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާ އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ވަނީ ފެށިފައެވެ. މިގޮތުން، މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ %25 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ." އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.
"ޕަމްޕް ސްޓޭޝަންތަކުގެ ޢިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މާރޗް މަހުގެ ނިޔަލަށެވެ. ޢިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓާ ނިމުމަށްފަހު 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ގައި މި ނިޒާމްގެ ބޭނުންކުރަން ފެށުމަށްވަނީ އަމާޒު ކުރެވިފައެވެ. ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢު ނިމުމުން، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ."
"އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު ޚިދުމަތުގެ ފެންވަރާއި ކަށަވަރުކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރުމެވެ."