Support Us

ސައިފަށް ހަމަލާ ދިން މީހާ އެންމެ ފަހުން ފެނުނީ ރޭލު ސްޓޭޝަނަކުން

ބޮލީވުޑްގެ ތަރި ސައިފް އަލީ ހާނަށް ބުރާސްފަތި ދުވަހުގެ ދަންވަރު ވަޅިން ހަމަލާ ދިން މީހާ އެންމެ ފަހުން ފެނިފައިވަނީ ސައިފު ދިރިއުޅޭ މުމްބާއީގެ ބެންޑްރާގެ ރޭލު ސްޓޭޝަނުން ކަމަށް ފުލުހުން ބުނެފިއެވެ.

"ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ،" ފުލުހުން ބުންޏެވެ.

"ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި އޭނާ ހުރީ މޫނު ނިވާކޮށްގެން،" އޮފިސަރަކު ބުންޏެވެ.

"ފުލުހުންނަށް މިހާރު ބައިވަރު ހެކި ލިބިފައި އެބަހުރި. ޝައްކު ކުރެވޭ މީހާ ވަރަށް އަވަހަށް ހައްޔަރުކުރެވޭނެ. ތަހުގީގު ދަނީ ކުރިއަށް،" މަހަރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު ދެވެންދްރާ ފެޑްނާވިސް ވިދާޅުވިއެވެ.

ސައިފު އާއި އަންހެނުން ކަރީނާ ކަޕޫރު ހާންގެ ހަގު ދަރިފުޅު ޖަހަންގީރު ބެލެހެއްޓުމަށް އެޕާޓްމަންޓްގައި ގެންގުޅޭ ނަރުހެއް ކަމަށްވާ އެލިޔާމާ ފިލިޕްސް ބުނީ ލަފާ ކުރެވޭ ގޮތުގައި ހަމަލާ ދިން މީހާގެ އުމުރު އުޅޭނީ 35 އަހަރާއި 40 އަހަރާ ދެމެދުގައެވެ. ހަމުގެ ކުލަ އަނދިރި ކަމަށާއި ރޫފަ ހިކި ކަމަށާއި އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުރި ކަމަށް ލަފާކުރެވޭ ކަމަށް އެލިޔާމާ ބުންޏެވެ.

ފުލުހުން ބުނީ ސައިފަށް ދިން ހަމަލާ ތަހުގީގުކުރަން 35 ޓީމު އެކުލަވައިލައިފައިވާ ކަމަށެވެ.

"މި ވަގުތު ތިން މީހުންނާ މި ދަނީ ސުވާލު ކުރަމުން،" އޮފިޝަލަކު ބުންޏެވެ.

ހަމަލާ ދިން މީހާ ވަނީ 115,498 ޑޮލަރު (1.7 މިލިއަން ރުފިޔާ) ދޭން ސައިފަށް ބިރުދައްކައިފައި ކަމަށް ފުލުހުން ބުންޏެވެ.

ސައިފަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ބޮލީވުޑް ތަރި ޝާހް ރުކް ހާންގެ ގެ ވެސް ޗެކުކޮށްފައެވެ. ސަބަބަކީ މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ޝާހްގެ ގޭގެ ފާރުގައި ހަރުގަނޑެއް ލެއްގި މަންޒަރުން ސައިފަށް ހަމަލާ ދިން މީހާއާ ވައްތަރު މީހަކު ސީސީޓީވީން ފެނުނީމައެވެ. ނަމަވެސް މި ހާދިސާއާ ސައިފަށް ދިން ހަމަލާއާ ގުޅުމެއް ނުވާ ކަމަށް ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

މަހާރަޝްތުރާގެ ސްޓޭޓް މިނިސްޓަރު ޔޮގޭޝް ކަޑާމް ވިދާޅުވީ ސައިފަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ގޭންގެއް ނޫން ކަމަށެވެ.

"މިއީ ވައްކަން ކުރަން އުޅުމުގެ ހާދިސާއެއް،" ޔޮގޭޝް ވިދާޅުވިއެވެ.

ސައިފަށް ދިން ހަމަލާގައި އޭނާގެ ހަށިގަނޑަށް ހަ ފަހަރު ވަޅި ހަރައިލިއެވެ. ބުރަކަށްޓަށް ހަރައިލި ވަޅި ވަނީ ސާޖަރީ ކޮށްގެން ނަގައިފައެވެ.

"މައިބަދައިގެ ތޮރެސިކް ސްޕައިނަލް ކޯޑަށް ވަޅި ހަރައިލައިފައިވަނީ. ވަޅި ނަގަން ޖެހުނީ ސާޖަރީއެއް ހަދައިގެން. މައިބަދައިން ދިޔަ ނިކުންނަމުން ދިޔައީ،" ލީލާވަތީ ހޮސްޕިޓަލުގައި ސައިފުގެ އޮޕަރޭޝަން ކުރި ޑރ. ނިތިން ދާންގޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސައިފު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ކަމަށާއި މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

"ސައިފުގެ ވައަތަށް ވެސް ވަނީ ދެ ފަހަރަށް ފުންކޮށް ވަޅި ހަރައިލައިފައި. އަދި ކަރަށް ވަޅި ހަރައިލި ތަން ރަނގަޅު ކުރަން ޖެހުނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން،" ޑރ. ނިތިން ވިދާޅުވިއެވެ.

"މިހާރު ސައިފަށް ނުރައްކަލެއް ނެތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ސައިފުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ޑޮކްޓަރުން ގަވައިދުން އަންނަނީ ބަލަމުން ކަމަށެވެ.

ސައިފުގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ހާން ބުނީ ހޮސްޕިޓަލަށް ބައްޕަ ގެންނަން ޖެހުނީ އޮޓޯރިކްޝޯއެއްގައި ކަމަށާއި ސަބަބަކީ އާއިލާގެ ކާރު ތައްޔާރީ ހާލަތެއްގައި ނެތީމައެވެ.

"އާއިލާގެ އެހެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ،" ސައިފުގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ވަގު ކަލޭގެ އާއި ސައިފާ ދެމެދު ޒުވާބެއް ހިނގި،" މުމްބާއީގެ ފުލުހުންގެ ކޮމިޝަނަރުގެ ނައިބު ޑިކްސިޓް ގެޑަމް ބީ.ބީ.ސީ.އަށް ވިދާޅުވިއެވެ.

ސައިފުގެ ޓީމުން ބުނީ ހަމަލާ ދިން މީހާ ސައިފުގެ އެޕާޓްމަންޓަށް ވަނީ ވައްކަން ކުރަން ކަމަށް ބެލެވޭ ކަމަށެވެ.

"މިއީ މިހާރު ފުލުހުން ބަލަމުން އަންނަ މައްސަލައެއް. މީޑިއާ އާއި ފޭނުން ކެތްތެރިވުމަށް އެދެން،" ސައިފުގެ ޓީމުން ބުންޏެވެ.

"ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކި ގޮތްގޮތަށް މި މައްސަލައިގެ ވާހަކަތައް އަނބުރާ ނުލުމަށް މީޑިއާއަށް އިލްތިމާސް ކުރަން. އަދި މި މައްސަލައަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށްވުރެ އިތުރަށް ސަމާލުކަން ނުދިނުމަށް އިހުތިރާމާއެކު ޕަޕަރާޒީ ނޫސްވެރިންނަށް ގޮވައިލަން،" ކަރީނާ ބުންޏެވެ.

އޭނާ ބުނީ މި ހާދިސާއާމެދު މީހުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި ނަމަވެސް މާބޮޑަށް މީހުންގެ ސަމާލުކަން ލިބެން ފަށައިފި ނަމަ އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.

"މި ހާދިސާއިން އަރައިގަތުމަށް އަހަރެމެންގެ އާއިލާއަށް ބޭނުންވާ ޖާގަ ދިނުމަށް އިހުތިރާމާއެކު އެދެން،" ކަރީނާ ބުންޏެވެ.

ސައިފު އިންޑިއާގެ ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ތައާރަފުވީ 1993 ގައެވެ. އޭނާ މަގުބޫލުވި ފިލްމްތަކުގެ ތެރޭގައި ލޯބީގެ ފިލްމްތައް ކަމަށްވާ "ދިލް ޗާހްތާ ހައެ" އަދި "ކަލް ހޯ ނާ ހޯ" ހިމެނެއެވެ. އަދި ފަހުގެ ތާރީހެއްގައި ކުޅެފައިވާ އެކްޝަން ފިލްމްތައް ކަމަށްވާ "ތަންހާޖީ" އާއި "ދޭވާރާ"ގެ ފުރަތަމަ ބަޔަކީ ވެސް މަގުބޫލު ފިލްމްތަކެވެ.

ފިލްމަށް ފާޑު ކިޔާ ފަރާތްތަކަށް 2006 ގައި ކަމުގޮސްފައިވާ "އޮމްކާރާ"ގައި ސައިފު ކުޅެނީ ނުބައިބައި މީހެއްގެ ރޯލެވެ. މިއީ ވިލިއަމް ޝޭކްސްޕިއާގެ ވާހަކަ "އޮތެލޯ"އަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. ޝަރުމީލާ ފިލްމީ ދުނިޔެއަށް ތައާރަފުވީ އުމުރުން 14 އަހަރުގައެވެ. އެއަށް ފަހު އޭނާ ވަނީ ހިންދީ އަދި ބެންގޯލް ބަހުން ހަދައިފައިވާ މަޝްހޫރު ފިލްމްތައް ކުޅެފައެވެ. ސައިފުގެ އެއްބަނޑުއެއްބަފާ ބަތަލާ ސުހާ އަލީ ހާން ވެސް ފިލްމް ކުޅެފައިވެއެވެ. ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *