Support Us

އިންޑިއާ އެކްޓަރުން ދިވެހި ފުލުހުންގެ ލޯގޯއާއެކު ޔުނީފޯމު ލައިގެން...

ބޮލީވުޑްގައި މަކަރާއި ހީލަތުން ރާއްޖޭގެ ނަން ބޭނުންކޮށްގެން ފިލްމު ހަދަނީ

ބޮލީވުޑް މީހުން މަކަރާއި ހީލަތުން ރާއްޖޭގެ ނަން ބޭނުންކޮށްގެން ފިލްމް ހަދަނީކަން އަނެއްކާ ވެސް މި ވަނީ ފަޅާއަރައިފައެވެ.

ހުސްވި ސެޕްޓެމްބަރު މަހު 27 ގައި ސްޓްރީމް ކުރަން ފެށި ހަ އެޕިސޯޑްގެ ސީރީޒް "ހަނީމޫން ފޮޓޯގްރާފާ"އަކީ މީހެއް މަރައިލުމުގެ ތަހުގީގު ދައްކައިދޭ ވާހަކައެކެވެ.

ވިކިޕީޑިއާ، އައި.އެމް.ޑީ.ބީ އަދި ސީރީޒްގެ ޓްރެއިލާގައި ވެސް ބުނަނީ މަރައިލި މީހާ ހަނީމޫނަށް އަންނަނީ ރާއްޖެއަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރަށެއް ކަމަށް ދައްކާ ޖަޒީރާގައި ބެކްގްރައުންޑުން ފެންނަނީ ބޮޑެތި ފަރުބަދަތަކެކެވެ. އަދި މަރައިލައި ގޮނޑުދޮށުގައި ވަޅުލައިފައިވާ މީހާގެ ފައިތިލައިގެ މަންޒަރުގައި ފެންނަނީ ރާއްޖޭގެ ހުދު ދޮންވެލީގެ ބަދަލުގައި އިންޑިއާގެ ގޯވާ ކަހަލަ ބީޗުތަކުގައި ހުންނަ ކިސަޑު ވެއްޔެވެ. އަދި ދިވެހި ފުލުހުންގެ ލޯގޯއާއެކު ޔުނީފޯމުވެސް އެ މީހުން ބޭނުންކޮށްފައިވެއެވެ.

އިންޑިއާ އެކްޓަރުން ދިވެހި ފުލުހުންގެ ލޯގޯއާއެކު ޔުނީފޯމު ލައިގެން…

ވިކިޕީޑިއާގައި ބުނެފައިވަނީ މި ސީރީޒްގެ "ޕްރޮޑަކްޝަން ލޮކޭޝަން"އަކީ ރާއްޖެ ކަމަށެވެ. މާނައަކީ މި ސީރީޒު ކުޅެފައިވަނީ ދުނިޔޭގެ އެންމެ މަގްބޫލް ޓޫރިސްޓް ޑެސްޓިނޭޝަން ކަމަށްވާ ރާއްޖޭގައި ކަމެވެ. ނަމަވެސް ފެންނަ ގުދުރަތީ މަންޒަރުތަކުން އެނގެނީ މި ސީރީޒް ކުޅެފައިވަނީ ރާއްޖޭގައި ނޫން ކަމެވެ. ރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ އަގުވައްޓާލައިފައިވާ ކަމެވެ.

"ހަނީމޫން ފޮޓޯގްރާފާ"ގެ އިސްތިހާރު ޕޯސްޓަރު

"ހަނީމޫން ފޮޓޯގްރާފާ" ޑިރެކްޓްކޮށްފައިވަނީ އަރްޖުން ސްރިވަސްތަވާއެވެ. ސީރީޒްގެ ވާހަކަ ލިޔެފައިވަނީ ކަރްމަންޔާ އަހޫޖައެވެ. ޕްރޮޑިއުސްކޮށްފައިވަނީ ރިޝާބް ސޭތުއެވެ. ތަރިންގެ ތެރޭގައި ހިމެނެނީ އާޝާ ނެގީ، ރަޖީވް ސިދްހަރްތާ، އަޕެކްޝަ ޕޮރްވަލް، ސާހިލު ސަލަތިއަ، ޖޭސަން ތާމް އަދި ސަމްވެދްނަ އުވަލްކައެވެ.

މިއީ އިންޑިއާ މީހުންނަށް ރާއްޖެ "އޮޅުނު" ފުރަތަމަ ފަހަރެއް ނޫނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަލިކަށް ކުރެއްވި ޒިޔާރަތާ ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ބައެއް ރައްޔިތުންނާ ދެމެދު ސޯޝަލް މީޑިއާގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ ބައެއް މީހުން މަލިކުގެ ފޮޓޯތައް ލައި، އެއީ ރާއްޖެ ކަމަށް ބުނެފައިވެއެވެ. މި މައުލޫމާތު ރަނގަޅު ކޮށްދޭން ޖެހުނީ ސޯޝަލް މީޑިއާގައި އުޅޭ ދިވެހިންނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *