އަދަބިއްޔާތަށް ފްރާންސުން ދޭ އެންމެ ޝަރަފުވެރި އިނާމު އަލްޖަޒާއިރު ދަރިކޮޅުގެ މީހަކަށް ދީފިއެވެ.
ކާމިލް ދާވޫދަށް "ގޮންކޯ" އިނާމު ލިބުނީ 1990 ގެ އަހަރުތަކުގައި ހިނގި އަލްޖަޒާއިރުގެ އަހުލީ ހަނގުރާމައާ ބެހޭ ގޮތުން ލިޔުނު ހިޔާލީ ވާހަކަ "ހޫރީސް"އަށެވެ. މިއީ "އަލްޖަޒާއިރުގެ ކަޅު ދަހަރު" ކަމުގައި ބެލެވުނު ދުވަސްވަރާ ބެހޭ ވާހަކައެކެވެ.
ފްރާންސް ބަހުން ލިޔެފައިވާ މި ފޮތަކީ އަލްޖަޒާއިރުގައި މަނާ ފޮތެކެވެ.
މި އިނާމަށް ފައިސާގެ ގޮތުގައި ލިބެނީ އެންމެ 11 ޑޮލަރު (169ރ.)އެވެ. މިހެންވެ، މި އިނާމު ލިބުނު އެހެން ލިޔުންތެރިން ފަދައިން އިނާމުގެ ގޮތުގައި ދޭ ޗެކު ކޭޝް ނުކޮށް ފްރޭމްކޮށްފައި ގޭގެ ފާރުގައި ހަރުކުރާނީ ކަމަށް ބެލެވެއެވެ.
މިހާ ކުޑަ ފައިސާގެ އިނާމެއް ދެނީ މި އިނާމު ޝަރަފުވެރިވެފައި، އެހެންވެ މި އިނާމު ލިބޭ ފޮތް އެތައް ލައްކައަކުން ވިކޭތީއެވެ.
ކާމިލު ދުނިޔެއަށް މަޝްހޫރުވީ އޭނާގެ ފުރަތަމަ ހިޔާލީ ވާހަކަ ފޮތް "ދަ މެހްސޯ އިންވެސްޓިގޭޝަން"އިންނެވެ. އެއީ އޭނާ 2013 ގައި ލިޔުނު ވާހަކައެކެވެ. އެއީ އަލްޖަޒާއިރަށް އުފަން ފްރާންސްގެ ލިޔުންތެރިޔާ އަދި ފައިލަސޫފު އަލްބެއާ ކޭމޫގެ ހިޔާލީ ވާހަކަ "ދަ ސްޓްރޭންޖާ" އިދިކޮޅު އޭންގަލުން ކިޔައިދީފައިވާ ވާހަކައެކެވެ. "ދަ މެހްސޯ އިންވެސްޓިގޭޝަން"އަށް ގޮންކޯ އިނާމުގެ "ފަސްޓް ނޮވެލް" ނުވަތަ "ފުރަތަމަ ހިޔާލީ ވާހަކަ"އިގެ ކެޓިގަރީން އިނާމު ލިބުނެވެ.
ކާމިލަކީ ކުރިން ނޫސްވެރިއެކެވެ. އަދި ކޮލަމް ލިޔާ މީހެއްގެ ގޮތުގައި ވެސް އަލްޖަޒާއިރުގައި މަސައްކަތްކުރިއެވެ. އަލްޖަޒާއިރުގެ މުޖުތަމައު ދިރާސާކުރާތީ އޭނާއަށް ފާޑުކިޔުން އަމާޒުވެއެވެ.
އަލްޖަޒާއިރަކީ 19 ވަނަ ގަރުނުގައި ފްރާންސުން އިސްތިއުމާރުކޮށްފައިވާ ގައުމެކެވެ. މި އަހަރު އަލްޖަޒާއިރުގެ އާބާދީވަނީ 46 މިލިއަނަށް އަރައިފައެވެ.

ކާމިލާ މި ފަހަރު އެންމެ ބޮޑަށް ވާދަކުރީ ރުވާންޑާއަށް އުފަން ލިޔުންތެރިޔާ، ލަވަ ލިޔެ އަދި ރެޕް ލަވަ ކިޔާ ގޭލް ފޭއެވެ. އޭނާ ލިޔުނު ހިޔާލީ ވާހަކަ "ހަތަރަންދާ" ބިނާކޮށްފައިވަނީ 1994 ގައި ރުވާންޑާގައި ހިންގި ނަސްލު ނައްތައިލުމުގެ ކާރިސާއަށެވެ. ބެލްޖިއަމުން އިސްތިއުމާރު ކުރި ފަހުން ހުރިހާ ގޮތަކުން ރުވާންޑާއާ ގާތް ގުޅުމެއް ބޭއްވީ ފްރާންސުންނެވެ. އެ ގޮތުން 1994 ގެ ނަސްލު ނައްތައިލުމުގެ ކާރިސާ ހުއްޓުވަން އދ.އިން ފޮނުވި ސުލްހަ ބަލަހައްޓާ ފައުޖުތަކާ ފްރާންސްގެ ސިފައިން ގުޅުނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރީ ރުވާންޑާގައި ހިންގި ނަސްލު ނައްތައިލުމުގެ ހަރަކާތުގައި ފްރާންސް ވެސް ބައިވެރިވިކަމަށެވެ.
ގޮންކޯ އިނާމު ލައްވާ ނުލިޔަސް އެ އިނާމާ ވިދިގެން ދިން "ރީނާދޯ" އިނާމު ގޭލްގެ "ހަތަރަންދާ"އަށް ލިބުނެވެ. މިއީ ފްރާންސްގެ އަދަބީ އިނާމުތައް ދޭ މޫސުމުގައި ދޭ އިނާމުތަކުގެ ތެރެއިން އެއް އިނާމެވެ.
ދެ ލިޔުންތެރިންނަށް މަރުހަބާ ވިދާޅުވަމުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެކްސްގައި ވިދާޅުވީ ކާމިލާއި ގޭލް "އުފުލާ އަޑުތަކުގެ ސަބަބުން ފްރާންސްގެ ބަހުގެ ރީތިކަމާއި ހިތާމަވެރިކަމާއި އަދި ހުރިހާ އިންސާނުންނަކީ ދުނިޔޭގައި އެއްބައެއްކަން ދައްކައިދޭ"ކަމަށެވެ.



advertisment