ދުނިޔޭގައި އަދަބީ ދާއިރާއިން ދޭ އެންމެ މަޝްހޫރު އެއް އެވޯޑު ކަމަށްވާ "ބުކާ" މި ފަހަރު ލިބުނީ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)އާ ބެހޭ ގޮތުން އިނގިރޭސި ލިޔުންތެރިޔަކު ލިޔުނު ވާހަކައަކަށެވެ.
އިނގިރޭސި ވިލާތުން ދޭ މި އެވޯޑު ލިބުނީ އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަމަންތާ ހާވީގެ "އޯބިޓަލް" ނަމަކަށް ކިޔާ ވާހަކަ ފޮތަށެވެ.
"ޖައްވީ ސްޓޭޝަންގައި ތިބޭ އެސްޓްރޮނޯޓުންނާ ބެހޭ ގޮތުން ސަމަންތާ ލިޔެފައިވާ ފޮތަށް ބުކާ އިނާމު ދިނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން،" އިސް ފަނޑިޔާރު އެޑްމަންޑް ޑި ވާލް ބުންޏެވެ.
"ފިކްޝަން" ނުވަތަ ހަގީގީ ނޫން ހާދިސާއަށް ލިޔާ ވާހަކަ ފޮތަށް ދޭ ބުކާއަކީ އިނގިރޭސި ވިލާތުގައި އަދަބީ ރޮނގުން ދޭ އެންމެ ޝަރަފުވެރި އިނާމެވެ. ސަމަންތާއަކީ މި އަހަރު މި އިނާމަށް ޝޯޓްލިސްޓްވި ހަ މީހުންގެ ތެރެއިން ހަމައެކަނި އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާއެވެ.
އައި.އެސް.އެސް.ގައި ތިބޭ ހަ އެސްޓްރޮނޯޓުންނާ ގުޅޭ ހިޔާލީ ވާހަކައަކުން ސަމަންތާ ދައްކައިދީފައިވަނީ އަހަރެމެން ދިރިއުޅޭ ދުނިޔޭގެ "ރީތިކަމާއި ދުނިޔެ ހުށަހެޅިފައިވާ ނުރައްކަލަށް"ކަމަށް އެޑްމަންޑް ބުންޏެވެ.
ސަމަންތާ ބުނީ މި ފޮތް ޑެޑިކޭޓްކުރަނީ "ދުނިޔޭގެ ހައްގުގައި ވަކާލާތުކުރާ މީހުންނާއި އިންސާނުންނަށާއި އެހެނިހެން މަހުލޫގުންނަށް ތޯހިރު ދިރިއުޅުމެއް ދިނުމަށާއި ސުލްހައަށް މަސައްކަތްކުރާ މީހުންނަށް"ކަމަށެވެ.
"އޯބިޓަލް"ގައި ކިޔައިދެނީ އައި.އެސް.އެސްގެ ހަ އެސްޓްރޮނޯޓުން އެއް ދުވަސް ހޭދަކުރާ ގޮތެވެ. އެ ގޮތުން ދުނިޔޭގެ 24 ގަޑިއިރު ތެރޭގައި ޖައްވުގައި އައި.އެސް.އެސް.ގައި ތިބޭ އެސްޓްރޮނޯޓުންނަށް 16 ފަހަރު އިރު އެރުމާއި 16 ފަހަރު އިރު އޮއްސުން ތަޖުރިބާކުރެވެއެވެ. ސަބަބަކީ އޯބިޓުގައި އައި.އެސް.އެސް ދަތުރުކުރާލެއް ހަލުއިކަމުންނެވެ. އެ ގޮތުން އައި.އެސް.އެސް ދުނިޔެ ވަށާ ބުރެއްޖެހުމަށް ނަގަނީ އެންމެ ދޮޅު ގަޑިއިރެވެ.
އެންމެ 136 ސަފުހާގެ މި ފޮތަކީ ބުކާ އިނާމު ލިބުނު ދެވަނައަށް އެންމެ ކުރު ފޮތެވެ. ޕެނެލޮޕީ ފިޓްޒްގެރަލްޑަށް 1979 ގައި ބުކާ އިނާމު ލިބުނު "އޯފްޝޯ"އަށްވުރެ "އޯބިޓަލް" ދިގީ އެންމެ ހަތަރު ސަފުހާއިންނެވެ.
އެޑްމަންޑް ބުނީ ފަނޑިޔާރުންގެ ނިންމުމަކީ ކޮންމެހެން ވީހާވެސް ކުރު ފޮތަކަށް އިނާމު ދިނުން ނޫންކަމަށެވެ.
"’އޯބިޓަލް’އިން ކިޔައިދޭ ކަންތައްތަކަށް އެކަށީގެންވާ މިންވަރަށް ވާހަކައިގެ ސަފުހާތަކުގެ އަދަދު ހުރީ،" އެޑްމަންޑް ބުންޏެވެ.
ސަމަންތާ ބުނީ ވަކި ހިސާބަކުން "އޯބިޓަލް" ލިޔުން ހުއްޓައިލަންވެސް ހިތަށްއެރިކަމަށެވެ.
"ޖައްވަށް ނުގޮސް، ޖައްވުގެ ތަޖުރިބާއެއް ނުކޮށް، ގޭގައި އިނދެގެން ޖައްވާ ބެހޭ ގޮތުން ލިޔާ ފޮތަކަށް ކާކު ޝައުގުވެރިވާނީ؟ ޖައްވަށް އެތައް ބަޔަކު ދަތުރުކޮށް ތަޖުރިބާކޮށްފި. މިހެންވެ އަހަރެން ހިތަށްއެރީ އަހަރެން މިއީ މި މާއްދާއަށް ލިޔަން އެކަށީގެންނުވާ މީހެކޭ. ނަމަވެސް އެސްޓްރޮނޯޓެއްކަމަށްވާ ޓިމް ޕީކް މި ފޮތް ކިއި. އޭނާއަށް ރަނގަޅުކަމަށް ބުނި. އަހަރެން މައުލޫމާތު ހޯދީ ކިހިނެތްތޯވެސް އެހި،" ސަމަންތާ ބުންޏެވެ.
މި އަހަރަކީ ބުކާ އިނާމުގެ 55 އަހަރުގެ ތާރީހުގައި ފަސް އަންހެން ލިޔުންތެރިން އެއް ފަހަރާ ނޮމިނޭޓްވި ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަންހެން ލިޔުންތެރިއަކަށް މި އިނާމު ލިބުނު ފުރަތަމަ ފަހަރެވެ.
އިނާމަކަށް 50،000 ޕައުންޑް (977،660ރ.) ލިބޭ މި އެވޯޑު ލިބުމުން ސަމަންތާ ބުނީ އޭނާ މި ފައިސާ ބޭނުންކުރާނީ އާ ބައިސްކަލެއް ގަތުމަށާއި ޖަޕާނަށް ދަތުރެއް ކޮށްލުމަށް ކަމަށެވެ.
ސަމަންތާވަނީ 2009 ގައި ބުކާއަށް ލޯންގްލިސްޓްކުރެވިފައެވެ. އެއީ އޭނާ ލިޔުނު ފުރަތަމަ ފޮތް "ދަ ވިލްޑަނެސް"އަށެވެ. "އޯބިޓަލް"އަކީ އޭނާގެ ފަސްވަނަ ވާހަކައެވެ.
"’އޯބިޓަލް’އަކީ މި ވަގުތަށް އަހަރެމެންނަށް ބޭނުންވެފައިވާ ވާހަކައެއް. ފަހަރުގައި ދާއިމަށް ބޭނުންވާ ފޮތަކަށްވެސް ވެދާނެ،" އެއް ފަނޑިޔާރުކަމަށްވާ ސާރާ ކޮލިންސް ބުންޏެވެ.
"އޯބިޓަލް"ގައި އުޅޭ ހަ އެސްޓްރޮނޯޓުންގެ ތެރޭގައި ނަގާކިޔާ ވަކި ބަތަލެއް ނޫޅެއެވެ. އެންމެންނަށްވެސް ޖާގަ ދީފައިވަނީ އެއްވަރަކަށެވެ. އެ ގޮތުން ގައުމުތަކުގެ ބޯޑަރުތަކާއި ވަގުތު ތަފާތުކުރާ ޒޯންތައް، މަތިން މޫސުން ބަދަލުވާ ގޮތް ހަ އެސްޓްރޮނޯޓުންނަށް އިހުސާސްކުރެވޭ ގޮތް ކިޔައިދީފައިވެއެވެ. ސަމަންތާގެ ލިޔުން ފަށުއިވެފައި ކަންތައްތައް ވަރަށް ސާފު ބަހުރުވައިން ކިޔައިދީފައިވާކަމަށް ފަނޑިޔާރުން ބުންޏެވެ.
މި ފަހަރުގެ ބުކާ އިނާމު ދިނީ މި ދިޔަ އަހަރުގެ އޮކްޓޫބަރު އެކަކުން މި އަހަރުގެ ސެޕްޓެމްބަރު 30 އާ ދެމެދު ޝާއިއުކުރި ފޮތްތަކުގެ ތެރެއިން ފޮތަކަށެވެ. އިނާމު ދޭ ޝަރުތުތަކުގެ ތެރޭގައި ފޮތުގެ އަސްލު ލިޔެފައިވާންޖެހެނީ އިނގިރޭސި ބަހުންނެވެ. ކޮންމެ ގައުމެއްގެ ލިޔުންތެރިޔަކުވެސް ނޮމިނޭޓްކުރެވޭނެއެވެ. އިނގިރޭސި ވިލާތް ނުވަތަ އަޔަލެންޑްގައި ޝާއިއުކޮށްފައިވުމަކީވެސް ޝަރުތެކެވެ. މީގެ ކުރިން 2014 ގެ ގަވައިދުގައިވާ ގޮތުން ބުކާ އިނާމު ދެވޭނީ ހަމައެކަނި ކޮމަންވެލްތު ޖަމިއްޔާގެ ގައުމުތަކާއި އަޔަލެންޑާއި ޒިމްބާބްވޭގެ ލިޔުންތެރިންނަށެވެ.
މި ދިޔަ އަހަރު ބުކާ އިނާމު ލިބުނީ އަޔަލެންޑްގެ ޕޯލް ލިންޗް ލިޔުނު ފޮތް "ޕްރޮފެޓް ސޯންގް"އަށެވެ. ފަހުގެ ތާރީހުގައި މި އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި ސްރީ ލަންކާގެ ޝިހާން ކަރުނަތިލަކަ ހިމެނެއެވެ. ސަމަންތާގެ ކުރިން އަންހެނަކަށް މި އިނާމު ލިބުނީ 2019 ގައެވެ. އެ ފަހަރު "ޖޮއިންޓް"ކޮށް އިނާމު ދިނީ ބާނާޑީން އެވަރިސްޓާ އާއި މާގަރެޓް އެޓްވުޑްއަށެވެ.



advertisment