ކުޅިވަރު އަންނައުނާއި ކުޅިވަރާ ބެހޭ އާލާތް އުފައްދާ ޖަރުމަނުގެ ކުންފުނި އެޑިޑަސް، އެމެރިކާގެ ލަވަކިޔުންތެރިޔާ ޔެއާ ޖެހިފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ނިންމައިފިއެވެ.
ކުރިން ކަންޔެ ވެސްޓްގެ ނަމުން މުހާތަބުކުރެވޭ ޔެގެ ޔީޒީ ބްރޭންޑާއެކު އެޑިޑަސްއިން ގާއިމުކުރި ވިޔަފާރީގެ އެއްބަސްވުން އެޑިޑަސްއިން ނިމުމަކަށް ގެނައީ ޔެ ޔަހޫދީންނަށް ބަދުބަސްބުނުމާ ގުޅިގެންނެވެ. އެތައް އަހަރެއް ވަންދެން އެޑިޑަސްއިން ޔެގެ ޔީޒީ ބްރޭންޑާ ބޭއްވި ގުޅުން ކަނޑައިލިތާ މިހާރު ދެ އަހަރުވެއްޖެއެވެ.
އެޑިޑަސްއަކީ ކުޅިވަރާ ގުޅޭ އަންނައުނާއި ކުޅިވަރާ ގުޅޭ އެހެނިހެން އާލާތްތައް އުފައްދާ ޔޫރަޕްގެ އެންމެ ބޮޑު ކުންފުންޏެވެ. އަދި އެމެރިކާގެ ނައިކީ ކުންފުނި ނަގާފައި ދުނިޔޭގެ ދެވަނައެވެ.
"ޔެ އަދި އެޑިޑަސްއަށް ވެސް އިހުސާސްކުރެވުނީ އަރައިރުންވުމުގެ ބޭނުމެއް ނެތްކަން. މިހެންވެ އެއް ބަޔަކު އަނެއް ބަޔަކަށް ފައިސާ ނުދީ މައްސަލަ ހަމަ މި ހިސާބުން ނިންމައިލީ. ހަގީގަތުގައި އެއް ބަޔަކު އަނެއް ބަޔަކަށް ދޭން ޖެހޭ ފައިސާއެއް ނެތް،" އެޑިޑަސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ބިޔޯން ގުލްޑެން ބުންޏެވެ.
އެޑިޑަސްއިން ވަނީ ބޫޓު ވިޔަފާރީގެ އެއްބަސްވުމެއް ޔެއާއެކު 10 އަހަރު ވަންދެން ކުރިއަށް ގެންގޮސްފައެވެ.
ޔެއާ ގުޅުން ކަނޑައިލުމުން އެޑިޑަސްއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ. އެ ގޮތުން 1.3 ބިލިއަން ޑޮލަރު (19 ބިލިއަން ރުފިޔާ)ގެ އަގުހުރި ޔީޒީ ބްރޭންޑްގެ ތަކެތި ނުވިކި ހުއްޓެވެ. މި ކަމުގެ ސަބަބުން 2022 ގެ ފަހު ތިން މަހުގައި އެޑިޑަސްއަށް 655 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ)ގެ ގެއްލުން ލިބުނެވެ.



advertisment