އިންޑިއާގެ ރޫޕޭ ކާޑު ރާއްޖެއަށް ތައާރަފްކުރި ހަބަރު މީޑިއާތަކުގެ ފަލަ ސުރުހީ އަށް މިދިޔަ ހަފުތާގައި އެރިއެވެ. ނަމަވެސް ރޫޕޭ ކާޑަކީ ކޮން އެއްޗެއް ކަމާއި އެ ކާޑު ރާއްޖެ އަށް ތައާރަފް ކުރުމުން ދިވެހީންނަށް ލިބޭނީ ކޮން ފައިދާއެއްކަން އަދި އެނގެނީ މަދު ބަޔަކަށެވެ.
ކުރު ގޮތަކަށް ބުނަނީ ނަމަ ރޫޕޭ ކާޑަކީ ވިސާ، މާސްޓަރ، އެމެރިކަން އެކްސްޕްރެސް ފަދަ، ހަމަ އެހެންވެސް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު ފަދަ، ކާޑެކެވެ. އެއީ މީގެ 16 އަހަރު ކުރިން، 2008 ވަނަ އަހަރު ޤާއިމް ކުރި ނޭޝަނަލް ޕޭމްންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެން.ޕީ.ސީ.އައި) އިން އުފައްދައިފައިވާ ބައިނަލްްއަޤްވާމީ މާލީ އަދި އަގުދެއްކުމުގެ ޙިދުމަތްދޭ ނިޒާމެކެވެ. މި ނިޒާމްގެ ދަށުން އެމެރިކަން އެކެސްޕްރެސް ފަދަ އެހެނިހެން ކާޑު ފަދައިން އިންޑިއާގެ ބޭންކްތަކުގައި ރުފީސް އެކައުންޓް ހުޅުވައިގެން ދުނިޔޭގެ އެކި ޤައުމުތަކުން ވިޔަފާރި ކުރެވޭނެއެވެ. ސިންގަޕޫރާއި ޔޫ.އޭ.އީ ފަދަ ކުރިއަރާފައިވާ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ 180 އެތައް ޤައުމެއްގައި ރޫޕޭ ކާޑު ބޭނުން ކޮށްގެން މުދަލާއި ހިދުމަތުގެ އަގު އަދާކޮށް، އަދި މަނީ ޓްރާންސްފަރ ކުރެވެއެވެ.
މި އޮކްްޓޯބަރު މަހުގެ 6 އިން 10 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި، ރާއްޖެއަށް ރޫޕޭ ކާޑުގެ ހިދުމަތް ތައާރަފް ކުރެވުމާ ގުޅިގެން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "މި ހިދުމަތުގެ ސަބަބުން ދެ ގައުމުގެ މާލީ މުއާމަލާތްތައް އިތުރަށް ވަރުގަދަވެ، އިންޑިއާއާ އެކު ވިޔަފާރިކުރުމުގައި ލުއިތަކެއް ލިބޭނެ" ކަމަށެވެ. ނަމަވެސް ލިބޭނެ ކަމަށް ބުނެފައިވާ ފައިދާތަކުގެ މާބޮޑު ތަފްސީލެއް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައެއް ނުވެއެވެ.
ފާހަގަކޮށްލަން ޖެހޭ އެއް ނުކުތާ އަކީ ރާއްޖޭގައި ރޫޕޭ ކާޑު ތައާރަފްކުރިއަސް، އެ ކާޑުން ރާއްޖޭގައި އަދި މުއާމަލާތްކުރެވޭނީ ހަމައެކަނި އިންޑިއާ މީހުންނަށް ކަމެވެ. އަދި، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީއަށާއި ވިޔަފާރި ކުރަން ގޮސް އުޅޭ ގައުމެއް ކަމުގައި ވިއަސް، ދިވެހިންނަށް އިންޑިއާގައި މި ކާޑު އަދި ބޭނުން ނުކުރެވޭނެކަން ވެސް ފާހަގަކުރެވެއެވެ. ރޫޕޭ ކާޑު ރާއްޖޭގައި ތައާރަފް ކުރުމުން އިންޑިއާ މީހުންނަށް ރާއްޖޭގައި އެ ކާޑު ބޭނުން ކުރެވިފައި ދިވެހީންނަށް އެ ކާޑު އިންޑިއާގައި ބޭނުން ނުކުރެވުމަކީ ކުރިމަގުގައި ރަނގަޅު ކުރަން ޖެހޭނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ. އެހެން ނޫންނަމަ މިކަން ވާނީ ރާއްޖެ އަންނަ އިންޑިއާ މީހުންނަށް ފަސޭހަތަކެއް ލިބި، އިންޑިއާ އަށް ދާ ދިވެހީންނަށް އޭގެން އެއްވެސް ފަސޭހައެއް ނުލިބޭ ކަމަކަށެވެ. ރޫޕޭ ކާޑުގެ ހިދުމަތް ރާއްޖޭގައި ފުޅާވެގެން އަންނައިރު މިއީ ސަރުކާރުން ވިސްނައި، އިސްލާހުކުރަން ޖެހޭނެ ކަމެއް ކަމަށް ފެނެއެވެ.
ދުނިޔޭގެ ވިޔަފާރިއާއި މާލީ ހިދުމަތްތަކުގެ ވަރަށް ބޮޑު ބައި މިހާތަނަށް ކޮންޓްރޯލް ކުރަމުން އައިސްފައި ވަނީ އެމެރިކާއިންނެވެ. ދުނިޔޭގެ އެއް ޤައުމުން އަނެއް ޤައުމަށް ފޮނުވާ ކިތަންމެ ކުޑަކުޑަ ޕޭމަންޓަކުންވެސް އެމެރިކާ އަށް ބައެއް އެޅެއެވެ. އެންމެ ކުޑަމިނުން އަޅުގަނޑުމެން ދިވެއްސަކު އަލީ އެކްސްޕްރެސް އިން އެންމެ ޑޮލަރަކަށް ޓިޝޫ ޕެކެޓެއް ފަދަ ކުޑަ އެއްޗެއް ގަތަސް އެ މުއާމަލާތުން އެމެރިކާ އަށް ބައެއް އެޅެއެވެ. ސަބަބަކީ، ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަނީ ވިސާ އާއި އެމެރިކަން އެކްސްޕްރެސް އާއި މާސްޓާރ ކާޑު ފަދަ އެމެރިކާގެ ކާޑުތައް ކަމުގައި ވެފައި، ގިނަ ބޭންކުތަކުން ބައިނަލްއަޤްވާމީ ފައިސާގެ މުއާމަލާތް ކުރަނީ އެމެރިކާގެ މާލީ ނިޒާމާއި އެމެރިކާގެ ބޭންކްތައް މެދުވެރިކޮށް ކަމުގައި ވާތީ އެވެ. އިންޑިއާއިން ޔުުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫ.ޕީ.އައި) އާއި ރޫޕޭ ކާޑު ފަދަ މާލީ ހިދުމަތްތައް ތައާރަފްކުރީ އެމެރިކާގެ މާލީ އަޅުވެތިކަމުގެ ހިޔަނިން ސަލާމަތްވެ، އަމިއްލަ މާލީ މިނިވަންކަން ހޯދުމުގެ ގޮތުންނެވެ.
ކުރިއަށް އޮތް ތާނގައި ދިވެހީންވެސް ދިވެހީންގެ އަމިއްލަ ކްރެޑިޓް އަދި ޑެބިޓް ކާޑެއް އުފައްދައި، އެ ކާޑަށް "ފައިސާ ކާޑު" ނުވަތަ "ދިޕޭ" ފަދަ ދިވެހި ނަމެއް ދިނުމަކީ މާލީ ގޮތުން މިނިވަންކަން ހޯދުމަށް ވަރަށް މުހިއްމު ކަމަކަށް ވާނެއެވެ. ދެހާސް ސާޅީސް ވަނަ އަހަރު އަންނަންވާ އިރަށް ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ރައީސް ޑރ. މުއިއްޒު އިއުލާން ކުރައްވާފައިވާ ތަސައްވަރު ހާސިލް ކުރުމުގައި ވެސް ދިވެހީންގެ އަމިއްލަ ބައިނަލްއަޤްވާމީ ޕޭމަންޓް ނިޒާމެއް ޤާއިމްކުރުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ.
އަވަސް ކުރިމަގެއްގައި، ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އިގްތިސާދުން ލިބޭ އާމްދަނީ ކަމުގައި ހަދަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވާ ވިދާޅުވުމަކީ ހަމައެކަނި ފޮނި ބަސްތަކަކަށް ނުވެ، އަމަލީ ތަސައްވަރަކަށް ހެދޭނީ ވެސް ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތައް ރާއްޖޭގެ ކަނޑުއޮޅިތަކުން ބޭރަށް ގޮސް، އެންމެ ކުޑަމިނުން ސްރީލަންކާ އާއި އިންޑިއާ ފަދަ އަވައްޓެރި ޤައުމުތަކުގައި ބީ.އެމް.އެލްގެ ގޮފިތައް ޤާއިމްކުރެވި، ދިވެހީންގެ އަމިއްލަ ކްރެޑިޓް ކާޑް ޕޭމެންޓް ސިސްޓަމެއް ވެސް ޤާއިމް ކުރެވިގެންނެވެ.
ތުރުކީ ވިލާތަށާއި ޗައިނާ އަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށް ފަހު އިއުލާން ކުރެއްވި މުހިއްމު ބައެއް ކަންތައްތަކުގައި ވެސް އަދި އަމަލީ ކުލަ ނުޖެހި އެބަހުއްޓެވެ. ބައިނަލްއަޤްވާމީ ކަންކަން އެހާ އަވަހަށް ނުފެށުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. ނަމަވެސް އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހުޅުވިގެން ދިޔަ ގިނަ ދޮރުތަކާއި އިއުލާނު ކުރެވުނު ބޮޑެތި ކަންތައް ތަކަކީ ހަމައެކަނި ސިޔާސީ ކްރެޑިޓް ހޯދަން އަޅާލާ ސުރުހީ ތަކަކަށް ނުވެ، ދިވެހީންނަށް ހަޤީޤީ ފައިދާ ކުރާ ކަންތައްތަކެއް ކަމުގައި އަވަސް ގޮތެއްގައި ހެދުމަކީ މުހިއްމު ކަމެކެވެ. އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫނާރާ ގޮތަށެވެ.
އިންޑިއާ ދަތުރުފުޅުގެ ތެރެއިން އަޑުއިވިގެން ދިޔަ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމަށް ދެ ޤައުމުން މަޝްވަރާ ކުރި ވާހަކަ އަކީ އައްޑޫ ސިޓީގެ ގިނަ ބަޔަކު ކަންބޮޑުވި ވާހަކައެކެެވެ. އިންޑިއާގެ ކޮންސިލޭޓެއް އައްޑޫގައި ޤާއިމްކޮށް، އައްޑޫގައި އިންޑިއާގެ ކޮންސުލް ޖެނެރަލަކު ހުރެއްޖެ ނަމަ އައްޑޫގައި ހިނގާ ރަސްމީ ހުރިހާ ހަރަކާތްތަކަކަށް އިންޑިއާގެ ކޮންސުލް ޖެނެރަލް ވަދެވަޑައިގެން، ސްކޫލްތަކަށް ކޮމްޕިޓަރު ފަދަ ތަކެތި ބައްސަވައި، އައްޑޫގެ ހުރިހާ މުއައްސަސާތަކާއި ކަމުވޮށިގެންވާ އެންމެން އެފަދަ ބޭފުޅެއްގެ މުށުތެރައަށް ލައްވާނެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އެހެންކަމުން އިންޑިއާ އާއި ރާއްޖެއާ ގުޅުން އިތުރަށް ބަދަހިވިއަސް އެމް.ޑީ.ޕީގެ ވެރިކަމުގައި އައްޑޫގައި ހަދަން އުޅުނު ކޮންސިއުލޭޓް އޮފީސް ހެދުމަކީ އަދި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެއެވެ.
އިންޑިއާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ބައެއް ފިލްމީ ތަރީންނާއި ރައީސް މުއިއްޒު ބައްދަލު ކުރައްވައި ބޮލީވުޑް ފިލްމުތައް ޝޫޓްކުރަން ރާއްޖެ އައުމަށް ބޮލީވުޑަށް ދައުވަތު ދެއްވިކަން ވެސް ފަހާގަ ކޮށްލެވެއެވެ. ނަމަވެސް ބޮޑު ސްކްރީން ފިލްމް ޝޫޓް ކުރަން ބޭނުންވާ އެއްވެސް އިންފްރާސްޓްރަކްޗަރެއް ނެތް، އަދި ފިލްމު ކްރޫން ބޭނުްވާނެ އެކަމަޑޭޝަން އެހާ އަގު ބޮޑު ޤައުމެއްގައި ބޮލީވުޑް ފިލްމް ޝޫޓް ކުރާކަށް އިންޑިއާ މީހުން ރާއްޖެ ނާންނާނެއެވެ. އެކަން ކުރާނަމަ އެކަމާ ގުޅޭ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، މެދުފަންތީގެ އެކަމަޑޭޝަން އަގުހެޔޮ ކުރަން ޖެހެއެވެ. އިގްތިސާދީ އަދި ވިޔަފާރީގެ ވާހަކަވެސް ދައްކަން ޖެހެނީ ހަޤީގަތަށް ވިސްނައި، ދެކޮޅުޖެހޭ ގޮތަށެވެ.
ތަރައްޤީވެފައިވާ ޤައުމަކަށް 2040 ގައި ރާއްޖެ ހެދުމާއި، ޑިޖިޓަލް އިގްތިސޯދެއް ބިނާ ކުރުން ފަދަ ބޮޑެތި ތަސައްވަރު ގެންގުޅުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އުޑުން ތަރިއެއް ބޭލޭތޯ މައްޗަށް އަތް ދިއްކުރުމަކުން މައްސަލައެއް ނެތެވެ. ތަރިއެއް އަތުނުޖެހުނަސް ފަހަރުގައި އުދުހިފައިދާ ދޫންޏެއްވެސް އަތުޖެހިދާނެއެވެ. އެއްވެސް ކަމެއް ނުކޮށް ހުސްއަތާ ހުރުމަށް ވުރެ އެގޮތް ވެސް ރަނގަޅެވެ. ބަސް މަދުކޮށް އަމަލު ގިނަކުރުމަކީ ލީ ކުއާން ޔޫ، މަހާތުމާ ގާނދީ އަދި ރައީސް އިބްރާހިމް ނާސިރު ފަދަ ވިޝަނަރީ ލީޑަރުންގެ ގޮތެވެ. ރައީސް ޑރ. މުއިއްޒުވެސް އެ މިސްރާބު ހިޔާރު ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެވެ. އިންޑިއާގެ ފުރަމާނަ ދަތުރުފުޅު ކިތައްމެހާވެސް ފުރިހަމަ އެވެ. ދެން އޮތީ ބަސްތައް އަމަލަށް ހެދުމުގެ ބުރަ މަރުހަލާ އެވެ. ވެލްކަމް ބެކް ހޯމް މިސްޓަރ ޕްރެޒިޑެންޓް!
One Response
ލިޔުންތެރިޔާ ކޮންސިއުލޭޓުގެ މައްސަލަ ކުރިން ލިޔުނުއިރު ހުރި ޕްރެޝަރެއް މިހާރު ނެތި ފިނި ބޮޑުވީ ކީއްވެހެއްޔެވެ؟