ހައިޓީން އެމެރިކާއަށް ހިޖުރަކުރާ މީހުން އެމެރިކާ ރައްޔިތުން ޕެޓުންގެ ގޮތުގައި ގެންގުޅޭ ބުޅަލާއި ކުއްތާ ކާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ ތުހުމަތު ކުރައްވައިފައެވެ. މި ކަމާ ގުޅިގެން ދެކުނު އެފްރިކާގެ މީހަކު ހެދި މަޖާ ލަވައެއް މިހާރު ވަނީ ވައިރަލްވެފައެވެ.
ޓްރަމްޕް މިގޮތަށް ތުހުމަތުކުރެއްވީ އަންނަ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަކުރައްވާ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާއެކު ބޭއްވި ބަހުސްގައެވެ.
މި ކަމާ ގުޅިގެން ދަ ކިފްސް ނުވަތަ އަސްލު ނަމުން ނަމަ ޑޭވިޑް ސްކޮޓް ހެދި މަޖާ ލަވަ "އީޓިން ދަ ކެޓްސް" ވަނީ ޔޫޓިއުބްގައި މަގުބޫލުވެފައެވެ. އެ ގޮތުން 12 ދުވަހުގެ ތެރޭގައި 8.7 މިލިއަން ވިއުސް ލިބިފައިވެއެވެ.
ޕެޓްސްއަށް ލޯބިކުރާ އަދި ހުސް ވަގުތުގައި މިއުޒިކް ކުޅޭ ސްކޮޓް މި ލަވައިގައި އެމެރިކާގެ ރައްޔިތުން އޭނާގެ ބުޅާ ނުކެއުމަށް އިލްތިމާސް ކުރެއެވެ. އަދި ބްރޮކޮލި، އެވޮކާޑޯ، ކުކުޅި ބިސް ފަދަ ބަދަލުގައި ކެވިދާނެ ކާބޯތަކެތި ދައްކާ ބޯޑެއް އޭނާ ދައްކައިލައެވެ.
ސްކޮޓްއަކީ ޕެޓްސް އާއި ކުޑަކުދިންނާ އޮންނަ ގުޅުމަށް ލަވަކިޔާ މީހެކެވެ.
"ޕެޓްސް އާއި ކުޑަކުދިން އެކަކު އަނެކަކުގެ ދެމެދުގައި އޮންނަ ގުޅުންތައް ރަނގަޅުކޮށްދޭ،" ސްކޮޓް ބުންޏެވެ.
އޭނާ ބުނީ މި ލަވައިން އޭނާ ވަކި މީހަކަށް "ހަމަލާ ދެނީ ނޫން" ކަމަށާއި ނަމަވެސް އިންސާނުންގެ މެދުގައި ބައިބައިވުން އުފައްދާ ޓްރަމްޕް ކަހަލަ މީހުންގެ "ނުބައި ހަކަތަ" ނައްތައިލަނީ ކަމަށެވެ.
"އަހަރެން ބޭނުމީ އަހަރެންގެ މިއުޒިކްގެ ސަބަބުން މީހުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުވުން. އެހެންވެ ޖަނަވާރުން ހިމެނޭ ގޮތަށް މިއުޒިކް ހަދަން ފެށީ. ސަބަބަކީ ޖަނަވާރުންނަކީ އިންސާނުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށްދޭ ހައިވާނުން،" އުމުރުން 36 އަހަރުގެ ސްކޮޓް ބުންޏެވެ.
ކޭޕް ޓައުނަށް އުފަން ސްކޮޓް ބުނީ މި ލަވައިން މިހާރު ވެސް 20،000 ޑޮލަރު (308،400ރ.) ޖަމާކުރެވިފައިވާ ކަމަށާއި މި ފައިސާ ބޭނުންކުރާނީ ސްޕްރިންގްފީލްޑް ސިޓީގެ ޕެޓްސް އާއި ގެދޮރު ނެތް ބުޅަލާއި ކުއްތާއަށް އެހީވުމަށްކަމަށެވެ.
"މި ކަހަލަ ކަމެއް މީގެ ކުރިން އަހަރެން ނުދެކެން. އެމެރިކާގެ ދެ ސިޔާސީ ޕާޓީ ކަމަށްވާ ޑިމޮކްރެޓްސް އާއި ރިޕަބްލިކަން ޕާޓީ ވެސް މި ލަވައަށް ޝައުގުވެރިވެއްޖެ،" ސްކޮޓް އޭ.އެފް.ޕީ.އަށް ބުންޏެވެ.
ސްޕްރިންގްފީލްޑްގެ މޭޔަރާއި ފުލުހުންނާއި އޮހާޔޯ ސްޓޭޓްގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގަވަރުނަރު ބުނީ އެ ސަހަރަށް ހައިޓީން ހިޖުރަކޮށްފައިވާ މީހުން ބުޅަލާއި ކުއްތާގެ މަސް ކާކަމުގެ ހެއްކެއް ނެތް ކަމަށެވެ.
ނަމަވެސް ޓްރަމްޕްގެ ރަނިން މޭޓަކަށް ކަނޑައަޅުއްވައިފައިވާ ޖޭ.ޑީ ވާންސް ވިދާޅުވީ ހައިޓީ މީހުން ބުޅަލާއި ކުއްތާ ކާ މަންޒަރުތައް ފެނިފައިވާ ކަމަށް މީހުން އޭނާ ގާތުގައި ބުނި ކަމަށެވެ.
ޓްރަމްޕް މި ފަދަ މޭރުމަކުން ވާހަކަދެއްކެވީ އިންޓަނެޓުގައި މި ކަހަލަ ވާހަކަތަކެއް އުޅޭތީ ކަމަށް ބެލެވެއެވެ.
ސްޕްރިންގްފީލްޑްގެ ހައިޓީ މީހުން އިއްޔެ ވަނީ ޓްރަމްޕާއި ވާންސްއާ ދެކޮޅަށް ކޭސްއެއް ރަޖިސްޓްރީކޮށްފައެވެ.



advertisment