Support Us

ބްރިޖް އެއޮތީ އީވައިސީންނާއި ރައީސް ޔާމީން ފައިނަލްކުރެއްވި ގޮތަށް، ފަހުން ބަދަލެއް ނާދޭ: އަދީބު

ސިނަމާލެ ބްރިޖު އެ އޮތީ ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް (އީވައިސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފައިނަލް ކުރެއްވި ގޮތަށް ކަމަށާއި ބްރިޖުގެ ލޭނުގެ އަދަދަށް ފަހުން އެއްވެސް ބަދަލެއް ނާންނަ ކަމަށް ބްރިޖު މަޝްރޫގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ސަރުކާރުގައި އީވައިސީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އަދީބު މީސްމީޑިއާގައި އިއްޔެ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ލޭނެއް "ގެއްލިގެން" އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެތައް ބަޔަކު އޭނާއަށް ގުޅަމުން ގެންދާތީ އެކަމުގެ ހަގީގަތް އެނގި ހުރި މީހެއްގެ ގޮތުން އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"އިކޮނިމިކް ކައުންސިލުން ފައިނަލް ކުރި ގޮތަށް އެ އޮތީ ބްރިޖްގެ ލޭންތަކާއި ފީސިބިލިޓީއާއި ބޯހޯލް ސްޓަޑީއާ އެއީ ބަދަލު ކުރެވޭނެ ކަންތައްތަކެއް ނޫން،" އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ބޮޑު ޖޫރިމަނާއަކާއި ދިގު މުއްދަތުގެ ޖަލު ހުކުމެއް އައި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ދެއްވުމުން ރާއްޖެ ދޫކުރައްވައި ވަޑައިގެން ސިންގަޕޫރުގައި ދިރިއުޅުއްވަމުން ގެންދަވާ އަދީބު ވިދާޅުވި އެވެ.

ބްރިޖްގެ މައްސަލާގައި މިހާރު އެންމެ އޮޅުންއަރައިގެން އުޅެނީ ބައިސްކަލް އަދި ޖޮގިން ލޭން ކަމަށާއި އެ ލޭންގައި ބައިސްކަލް ދުއްވަން ނުޖެހޭނެ ކަމާއި އެތަން ބޭނުންކުރަން ޖެހޭނީ ދުވާ ތަނެއްގެ ގޮތުގައިކަން ނިންމެވީ ވެސް ރައީސް ޔާމީން ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެއީ ވަރަށް ފުރިހަމަ ބްރިޖެއް ކަމަށާއި އެ ބްރިޖްގެ އެ ލޭންގެ މައްސަލަ ރައީސް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ޔާމީން އުޅުއްވިޔަސް އެއީ އެއްވެސް ހަގީގަތެއް ނޫން ކަމަށާއި އެ ލޭންގެ ވާހަކަ އެގޮތަށް ރައީސް ޔާމީން ދެއްކެވުމަކީ ޗައިނާއިން ކޮށްދިން ކަންތައްތަކާ މެދު ވެސް ބުނެވޭ ބަދުބަހެއް ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެ ބްރިޖްގެ މަަޝްރޫއު ޗައިނާ ސަރުކާރާ ހަވާލުކުރަން ނިންމިއިރު ވެސް އެ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބައެއް މިނިސްޓްރީން އިއުލާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އިއުލާން ނުކޮށް ޗައިނާ ސަރުކާރާއެކު ވާހަކަދެއްކުމަށް ފަހުން ނިންމެވި ކަމަށް އަދީބު ވިދާޅުވި އެވެ.

"އޭރު ވެސް ރައީސް ޔާމީން އުޅުއްވީ ގިނައިން ތާސްކުޅުއްވުމާއި ސިންގަޕޫރުގައި ޝޮޕިންގައާއި އެހެން ކަންކަމުގައި. އަޅުގަނޑުމެން މީޓިން އަކަށް އަރަން ބުނީމަ ވެސް ވަރަށް އުނދަގުލުން މީޓިންއަށް (ރައީސް ޔާމީން) ވަޑައިގެންނަވަނީ،" އަދީބު ވިދާޅުވި އެވެ.

އެހެންކަމުން ޗައިނާ ސަރުކާރާ އެކު ބްރިޖްގެ މަޝްވަރާތައް ކުރައްވަމުން ގެންދެވީ އަދީބު އިސްވެ ހުންނަވައިގެން ކަމަށާއި އެކަން އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ހެކިވެވަޑައިގެންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

"ޗައިނާގެ ރައީސްއާ އެކު ބައްދަލުވުންތަކުގައި ރައީސް ޔާމީން ހިމެނިވަޑައިގެން. އެހެން ނަމަވެސް އެއަށްފަހު ހުރިހާ މަޝްވަރާތަކެއްގައި އުޅެފައިވާނީ އަޅުގަނޑުމެން،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ބައިވެރިވުން ބްރިޖްގެ މަޝްވަރާތަކާއި ޕްލޭނިންގެ ސްޓޭޖްގައި ވަރަށް ކުޑަ ކަމަށާއި ބްރިޖުގެ ހުރިހާ މަޝްވަރާތަކެއްގައި އުޅުއްވީ އޭނާ ކަމަށެވެ.

ޗައިނާގެ ރައީސް އަރިހުގައި އެ ބްރިޖްގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށް ރައީސް ޔާމީން އަރިހުގައި އެދިވަޑައިގަތުމުން އެކަން ކުރަން ވެސް ހަވާލުކުރެއްވީ އޭނާއާ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ޖަސްޓިފައި ކުރަން ލިބުމުން އަޅުގަނޑު ދެންނެވިން ޗައިނާ ބޭފުޅުން ކައިރީގައި މި ބްރިޖް ހަމައެކަނި އަޅުގަނޑުމެންގެ ޓްރާންސްޕޯޓަށް ބޭނުންވާ ބްރިޖެއް ނޫނޭ. އަޅުގަނޑުމެންނަށް ކޮންމެ ތަނަކަށް ވެސް ފެރީގައި ދާ ބައެކޭ.. މި ބްރިޖުން ގުޅާލީމަ ދިވެހިންނަށް ފިކުރީ އިގުތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ދެންނެވިން.. ބްރިޖާއެކީ ތަރައްގީގެ ވިސްނުމުން އަތޮޅުތެރެއިން ވެސް ބްރިޖްގެ ޑިމާންޑް އަންނާނެ ކަމަށް ދެންނެވިން. އަޅުގަނޑު ޖަސްޓިފައިކޮށްދިނިން މި ބްރިޖް ގުޅާލުމުން އެއާޕޯޓާއި މާލެ އާއި ހުޅުމާލޭގެ ޕަވާކޭބަލްސް އާއި ފެނާއި އޮޕްޓިކަލް ކޭބަލްސް އިންޓަނެޓާ ގުޅުނީމަ އިގުތިސާދު ފުޅުކުރެވިގެންދާނެކަން،" އަދީބު ވިދާޅުވި އެވެ.

ސިނަމާލޭގެ ބްރިޖްގެ މަޝްރޫއުގެ މަޝްވަރާތަކުގައި އެ މަޝްރޫއުގެ އެއްބައި ލޯން އެހީގައި އަނެއްބައި ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައި، އިކޮނޮމިކް ކައުންސިލުން އޭގެ ބޯހޯލް ސްޓަޑީޒް ހަދަން އެދުނީމަ އޭގެ އިންޓަވިއު ދިނުމާއި އެމްއޯޔޫގައި ސޮއިކުރަން ޖެހުނީމަ އެކަން ވެސް ކުރެއްވީ އޭނާ ކަމަށް އަދީބު ވިދާޅުވި އެވެ.

"އެ ބްރިޖްގެ ލޯންޗްކުރުން، ޑިޒައިން ފައިނަލްވީމަ އަޅުގަނޑު ދެންނެވިން ރައީސް ޔާމީންނަށް ސްޕީޗްދެއްވާ ލޯން ކުރަން، އެހެން ނަމަވެސް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ އަދީބު ކުރިއަށް ގެންދާށޭ، އެއީ ރައީސް ޔާމީން ވެސް ގަބޫލެއް ނުކުރައްވާ ބްރިޖް އެޅޭނެ ކަމަކަށް،" އަދީބު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖް އެޅޭނެ އެއްޗެއް ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ގަބޫލް ނުކުރައްވާ ކަމަށާއި އެ ބްރިޖަކީ އެޅޭނެ އެއްޗެއްކަން ގަބޫލްކުރެއްވީ އިންޖީނިއަރިން އެނގިވަޑައިގެންނަވާ ރައީސް ޑރ. މުއިއްޒު ފަދަ ބޭފުޅުން ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ޑރ. މުއިއްޒަކީ އޭރު ވެސް އީވައިސީގައި ބައިވެރިކުރަން ޖެހޭ ވަޒީރެއް ކަމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށާއި ނަމަވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޑރ. މުއިއްޒު ރައީސް ޔާމީންގެ އަރިސް ކޮންމެވެސް ބައެއްގެ ޕާކެއް ބަންދުކުރި މައްސަަލައެއްގައި ރައީސް ޔާމީން ހުންނަވަނީ ރައީސް ޑރ. މުއިއްޒާ ޒާތީވެފައި ކަމަށް އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި އެމްޑީއޭއިން ހުށަނޭޅި ނަމަ ޑރ. މުއިއްޒުއަށް ހައުސިން މިނިސްޓަރުކަން ވެސް ނުދެއްވާނެ ކަމަށާއި ރައީސް ޔާމީން ހުންނެވީ ޑރ. މުއިއްޒު ވަރަށް ބޮޑަށް އެކަހެރިކޮށްފައި ކަމަށް އަދީބު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *