Support Us

ކ-ވ: ޕެޓްރީޝިއާ، މަރާޔާ އަދި އެލިސަން

މަރާޔާ ކެރީގެ މަންމަ އާއި ދައްތަ މަރުވީ އެއް ދުވަހަކު

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރާޔާ ކެރީ ނުވަ އަހަރު ވަންދެން ހިފަހައްޓައިގެން ހުރި ސިއްރެއް އެންމެ ފަހުން ހާމަކޮށްފިއެވެ. ޕީޕްލް މަޖައްލާއަށް ދިން އިންޓަވިޔުއެއްގައި މަރާޔާ ބުނީ އޭނާގެ މަންމަ ޕެޓްރީޝިއާ އާއި ދައްތަ އެލިސަން މަރުވީ 2015 ގައި އެއް ދުވަހެއްގައި ކަމަށެވެ.

މަރާޔާއަށް އެއިރު ކުރިމަތިވި މި ހިތްދަތި ހާދިސާ މިހާރު ހާމަކުރި ނަމަވެސް، މަންމަ އާއި ދައްތަ މަރުވި ސަބަބު ހާމައެއް ނުކުރެއެވެ. މިއުޒިކް ސިނާއަތުގެ އެންމެ މަޝްހޫރު އެވޯޑު ކަމަށްވާ ގްރެމީ ލިބިފައިވާ އުމުރުން 55 އަހަރުގެ ލަވަކިޔުންތެރިޔާ ބުނިހާ ވެސް ވާހަކައަކީ އޭނާގެ މަންމަ އާއި ދައްތަ މަރުވީ "ހިތާމަވެރި ގޮތަކަށް" ކަމަށެވެ.

"ހުރިހާ އެންމެންގެ ފަރާތުން އަހަރެންނަށް ލިބެމުން އަންނަ ލޯތްބާއި ތަރުހީބާއި އިހުތިރާމާއި ޕްރައިވެސީއަށް ޝުކުރުވެރިވަން. މަންމަ މަރުވި ހަފުތާގައި މަންމައާއެކު ވަގުތު ހޭދަކުރެވުނީތީ އަހަރެން އުފާކުރަން،" އެމެރިކާގެ މީޑިއާއަށް އިއްޔެ މި ހަބަރު އެރުމާއެކު މަރާޔާ ދިން ބަޔާނެއްގައި ބުންޏެވެ.

މަންމަ ޕެޓްރީޝިއާ ކުރިން އިނދެގެން އުޅުނީ އޮޕެރާ ލަވަކިޔުންތެރިޔާ އަލްފްރެޑް ރޯއި ކެރީއާއެވެ. ދެމަފިރިންނަށް ލިބުނު ދަރިންނަކީ އެލިސަން، މަރާޔާ އަދި މަރާޔާގެ ފިރިހެން ކޮއްކޮ މޯގަންއެވެ. ޕެޓްރީޝިއާ އާއި އަލްފްރެޑް ވަރިވީ މަރާޔާގެ އުމުރުން ތިން އަހަރުގައެވެ.

މަރާޔާ 2020 ގައި ލިޔުނު ބަޔޯގްރަފީގައި ބުނެފައިވަނީ އޭނާ އާއި އޭނާގެ މަންމަ އާއި އެލިސަން އަދި މޯގަންގެ ދެމެދުގައި ވަނީ އެހާ "ފަސޭހަ ގުޅުމެއް ނޫން" ކަމަށެވެ. ނަމަވެސް މަންމައާއެކު އޮތީ ހަލަބޮލި ގުޅުމެއް ކަމަށް ވިޔަސް އެ ގުޅުން ރަނގަޅަށް ކުރިއަށް ގެންދެވޭތޯ މަރާޔާ މަސައްކަތްކުރި ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ ހުރިހާ ކަމެއްގެ ތެރޭގައި ވެސް މަންމައަށް ވީ އެންމެ ރަނގަޅަކަށް މަންމަ އަހަރެންނަށް ކަންތައްތައް ކޮށްދިންކަން. އަދި އަހަރެން ވެސް އަހަރެންނަށް ވެވުނު އެންމެ ބޮޑު ލޯތްބެއް އަބަދުވެސް މަންމަ ދެކެ ވާނަން،" ބަޔޯގްރަފީގައި މަރާޔާ ލިޔެފައިވެއެވެ.

"އެލިސަން އާއި މޯގަން އާއެކު ވެސް ޖަޒުބާތީ ގުޅުމެއް އެއިރު ބޭއްވުން އެހާ ރަނގަޅު ކަމެއް ކަމަކަށް އަހަރެންނަށް ގަބޫލެއް ނުކުރެވުނު،" މަރާޔާ ލިޔެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *