Support Us

"މރ. ބީން": ހުވަފެންތައް ދޫނުކޮށްލި އެކްޓަރު ރޯވަން އެޓްކިންސަން

ރޯވަން އެޓްކިންސަން މި ނަން ބުނުމުން ބައެއް މީހުންނަށް އެއީ ކާކުކަން ނޭނގިދާނެއެވެ. ނަމަވެސް "މރ. ބީން"ގެ ނަން ބުނާއިރަށް އެއީ ކާކުކަން ގިނަ މީހުންނަށް އެނގެއެވެ.

މިއީ އިނގިރޭސި ވިލާތަށް އުފަން ކޮމެޑީ އެކްޓަރުގެ ހަޔާތުގެ ވާހަކައެވެ:

އުމުރުން 69 އަހަރުގެ ރޯވަންއަކީ އިނގިރޭސި ވިލާތުގެ ޝަރަފު، ކޮމާންޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔާ (ސީ.ބީ.އީ) ލިބިފައިވާ ރައްޔިތެކެވެ.

ރޯވަން އުފަންވީ މެދު ފަންތީގެ އާއިލާއަކަށެވެ. ދޫއޮޅޭތީ ކުޑައިރު އުޅުނީ ވަރަށް ހާލުގައެވެ. އަދި އޭނާގެ މޫނުމަތީގެ ސިފަ ހުންނަ ގޮތުން ސްކޫލް ދައުރުގައި އޭނާވަނީ ހަނގާކުރުމުގެ ޝިކާރައަކަށްވެފައެވެ. ހަނގާކުރި ސްކޫލްކުދިން ބުނަމުން އައީ އޭނާ ވައްތަރީ އެހެން ޕްލެނެޓަކުން އައިސްފައިވާ "އޭލިއަން"އަކާ ކަމަށެވެ.

މި ކަމުގެ ސަބަބުން އޭނާ ލަދުގަންނަން ފެށިއެވެ. ރަހްމަތްތެރިން ހޯދުމުގެ މަސައްކަތް ހުއްޓައިލިއެވެ. އަދި އެއަށްފަހު ސައިންސް އިލްމްގެ ތެރެއަށް ފީނަން ފެށިއެވެ.

"އޭނާގެ އާދަޔާހިލާފު ކަމެއް ނެތް. އޭނާ މޮޅު ސައިންސްވެރިއަކަށް ވާނެ ކަމަށް ހިއެއް ނުކުރަން. ނަމަވެސް އޭނާއަށް ފާޑުކިއި ހުރިހާ އެންމެން އަނގަބަންދުކޮށްލި،" ރޯވަންގެ މުދައްރިސަކު ބުންޏެވެ.

މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީގައި ކިޔަވަން ފެށި ދުވަސްވަރު ރޯވަން ދިޔައީ އެކްޓް ކުރުމަށް ޝައުގުވެރިވަމުންނެވެ. ނަމަވެސް ވާހަކަދެއްކުމުގައި ހުރި ތުރުތުރުއަޅާ ކަހަލަ އައިބުގެ ސަބަބުން އެކްޓް ކުރުމަށް ހުރަސްއެޅުނެވެ.

އިލެކްޓްރިކަލް އިންޖިނޭރިން ދާއިރާއިން މާސްޓާސް ޑިގްރީއެއް ރޯވަން ހާސިލުކުރިއެވެ. އެއީ ފިލްމާއި ޓީވީ ޝޯތަކުގައި އެކްޓް ކުރުމުގެ ކުރިންނެވެ.

ކިޔަވައި ނިންމައިލުމަށް ފަހު އޭނާ ނިންމީ އޭނާ ދެކެމުން އައި އެކްޓް ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އެހެންކަމުން ކޮމެޑީ ގްރޫޕަކާ ގުޅުނެވެ. ނަމަވެސް އަނެއްކާވެސް ކުރިމަތިވީ އޭނާގެ ވާހަކަދެއްކުމުގައި ހުރި ތުރުތުރުއެޅުމުގެ މައްސަލައެވެ.

ޓީވީ ޝޯތައް ހަދާ ވަރަށް ގިނަ ފަރާތްތަކުން އޭނާއަށް އެކްޓް ކުރުމުގެ ރޯލެއް ދޭން ދެކޮޅުހެދިއެވެ. މި ކަމުން އޭނާއަށް ފުން ހިތާމައެއް ލިބުނެވެ. ނަމަވެސް އޭނާއަށް ހުރިހާ އެންމެން ކަހަލަ ގޮތަކަށް "ނޫނެ"ކޭ ބުނަމުން ދިޔަ ނަމަވެސް އޭނާގެ ނަފުސަށް އޭނާ ކުރަމުން އައި އިތުބާރު ދޫކޮށެއްނުލައެވެ.

މީހުން ހެއްވާލުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމެކެވެ. އެކަން އޭނާއަށް ވަރަށް ރަނގަޅަށް ކުރެވޭކަން އޭނާއަށް އެނގެއެވެ. އޭނާ ފެށީ އޭނާގެ އަމިއްލަ ހިޔާލުތަކުގެ މައްޗަށް ކޮމެޑީތަކެއް އުފައްދައިށެވެ. އަދި ދާދި އަވަހަށް އެނގިގެން ދިޔައީ ކޮމެޑީ ރޯލެއް ކުޅެން ފަށާއިރަށް އޭނާއަށް ރަނގަޅަށް ވާހަކަ ވެސް ދެއްކޭ ކަމެވެ. ތުރުތުރު އަޅަމުން ވާހަކަ ދެއްކުން ހުއްޓައިލުމަށް އޭނާއަށް މަގެއް ފެނުނީއެވެ. އަދި މި ކަމުން އޭނާ އެކްޓްކުރުމުގެ ހުނަރު ވެސް ލިބިގަތީއެވެ.

މރ. ބީންގެ ޝަހުސިއްޔަތު ރޯވަން އުފެއްދީ ރިޗަޑް ކާޓިސްއާ ގުޅިގެންނެވެ. ފުރަތަމަ އެޕިސޯޑް ނެރުނީ 1990 ވަނަ އަހަރުއެވެ. މރ. ބީންގެ ޝަހުސިއްޔަތު އުފެއްދިއިރު ވެސް ރޯވަން ދިޔައީ މާސްޓާސް ޑިގްރީއަށް ކިޔަވަމުންނެވެ.

އެހެން ޝޯތަކުގައި ވެސް ރޯވަން ކާމިޔާބު ހޯދިއެވެ. މުޅި ދުނިޔެއަށް އޭނާ މަޝްހޫރުވެގެންދިޔައެވެ. އޭނާ ހުންނަ ސިފަ އާއި ވާހަކަ ދެއްކުމުގައި އައިބެއް ހުރި ނަމަވެސް އޭނާގެ ހަޔާތުން ފެނިގެންދިޔައީ ސިފަ ރީތި ހަށިގަނޑެއް ނެތް ނަމަވެސް، ނުވަތަ ހޮލީވުޑުން ބޭނުންވާ ކަހަލަ ޗާލު މޫނެއް ނެތަސް، ދުނިޔޭގެ އެތައް ބަޔަކު އެންމެ ލޯބިވާ އަދި އިހުތިރާމްކުރާ އެކްޓަރަކަށް ވެވިދާނެކަމެވެ.

ރޯވަންގެ ދިރިއުޅުމުން ހާމަވެގެންދިޔައީ އެތައް އިބުރަތްތެރި ފިލާވަޅުތަކެކެވެ. ހަޔާތުގައި ކާމިޔާބު ހޯދޭނެކަމުގެ ފިލާވަޅެވެ. އެ ކަމަށް އެންމެ މުހިންމީ ލޯތްބާއި ޝައުގުވެރިކަން ކަންތައްތަކަށް ބެހެއްޓުން ކަމެވެ. ބުރަ މަސައްކަތްކުރުމެވެ. ބޭނުންވާ ކަންތައްތަކާ ދިމާއަށް އަމާޒު ބެހެއްޓުމެވެ. އެއްވެސް ކަމެއް އަތުން ދޫކޮށްނުލުމެވެ. އަހަރެމެންގެ ޖަޒުބާތުތަކަށް ފަރުވާތެރިވެ، ނިކަމެތި ސިފަތަކަށް ފާރަވެރިވެ ތިބުމެވެ.

ރޯވަންގެ ހަޔާތުން އެނގުނު ކަމަކީ އެއްވެސް މީހަކު އުފަން ވަނީ "ޕާފެކްޓް" ނުވަތަ ފުރިހަމަ އިންސާނެއްގެ ގޮތުގައި ނޫން ކަމެވެ. މިހެންވެ، ތިބާ ވެސް ބިރުނުގަންނާށެވެ. ސަބަބަކީ އަމިއްލަ ނަފުސުގައި ހުރި ނިކަމެތި ސިފަތަކާއި ކަންތައްތަކުން ފޭލިވުމުގެ ފުރުސަތު އޮންނައިރު ވެސް ކޮންމެ ދުވަހަކު ވެސް އާދަޔާ ހިލާފު ކާމިޔާބީތައް އިންސާނުންނަށް ހޯދެއެވެ. އެހެންކަމުން ތިބާއަށް ލިބިފައި މި ވާ ހަމައެކަނި ހަޔާތް، ކުރެވޭނެ އެންމެ ބާއްޖަވެރިއެއް ކުރާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *