Support Us

އަންހެނުން ކޮމިޓީތަކަށް މުސާރައެއް ލިބޭ ގޮތް ހެދުމަށް ގާނޫނަށް ބަދަލު ގެނެސްދޭނަން: ރައީސް

ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ނުވަތަ ޑަބްލިއުޑީސީގެ މެމްބަރުންނަށް ދެމުން އަންނަ އެލަވަންސް، ދާއިމީ މުސާރައެއްގެ ގޮތުގައި ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއި ޑަބްލިއުޑީސީގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވާ އިރު އެންމެ ގިނައިން ލިބެމުން އަންނަ އެއް ޝަކުވާ އަކީ ޑަބްލިއުޑީސީގެ މެމްބަރުންނަށް ލިބޭ އުޖޫރައިގެ ޝަކުވާތައް ކަމަށެވެ.

"ހުރިހާ ޑަބްލިއުޑީސީގެ ވެސް އޮތީ އެއް ޝަކުވާއެއް. ތިމަންނަމެންނަށް ލިބެނީ އެލަވަންސެކޭ، އެލަވަންސެއްގެ ގޮތުގައި ވަރަށް ގިނަ ދަތިތައް އެބަދިމާވޭ. އެހެން (މުސާރަ ލިބޭ) މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް ނޯވެއޭ. ޗުއްޓީ، ވިހެވުމުގެ ޗުއްޓީ ރޯދަ މަހުގެ އެލަވެންސް ބޭންކަކުން ލޯނެއް ނަގަން ޖެހުނަސް މުސާރައެއްގެ ގޮތުގައި ނުބެލެވޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އެ ޝަކުވާއާ ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން އެކަންކަން ރަނގަޅުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވި ޑަބްލިއުޑީސީތަކަށް އެ އޮންނަ ސްޓޭޓަސް ބަދަލުކޮށްދޭނަމޭ. އެގޮތުން ކުރު ގޮތަކަށް ދަންނަވަންޏާ މުވައްޒަފުންގެ ސްޓޭޓަސް ލިބޭ އިނާޔަތަކީ މުސާރައެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅާނަމޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މުވައްޒަފުންގެ އެލަވަންސް މުސާރައެއްގެ ގޮތުގައި ބަދަލުވެގެން ދިޔައީމާ މެމްބަރުން މަހުރޫމްވެފައިވާ ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

"ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސްދޭނަން. ގެނައިމާ އެންމެ ބޮޑު ކަންބޮޑުވުން ހައްލުވާނެ. އޭރުން (މުސާރައިގެ ގޮތުގައި) އެ ލިބޭ ކޮންމެ އެއްޗެއް އެ ލިބިގެންދަނީ މިދެންނެވި ހުރިހާ ކަމަކަށް ހައްލު އަންނަ ގޮތަށް. ބޭންކަކުން ލޯނެއް ނަގަން ވިޔަސް މުސާރައިގެ ގޮތުގައި ދެއްކެން އޮންނާނެ އެ ލިބޭ އެއްޗެއް. އޭރުން މިކަހަލަ ހުރިހާ ކަންބޮޑުވުމެއް ހައްލުވެގެންދާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޑަބްލިއުޑީސީގެ ރައީސާ ޝިމާޒާ ވިދާޅުވީ ސިޓީ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެމްބަރުންގެ އަދަދު ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ރަށްރަށުގެ ޑަބްލިއުޑީސީން ފާހަގަކޮށްފައިވާ ކަމަށާއި އެހެން ކަމުން އެ އަންނަ ބަދަލަކީ ރަނގަޅު ބަދަލަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށެވެ.

"މާލެ ސިޓީ ވީމަ 5،000ރ.ގެ އުޖޫރައެއް އަޅުގަނޑުމެންނަށް ލިބެނީ. އެ އުޖޫރައާ އެކީގައި މަސައްކަތް ކުރަން ވަރަށް ދަތި… އެހެންވީމަ އަޅުގަނޑުމެން ވެސް ބޭނުންވަނީ އެ އަންނަ ބަދަލުތައް ގެނެސްގެން، އެ އިނާޔަތްތަކާއި މުސާރަ އަށް ވެސް އުޖޫރައެއް ލިބި، އެހެން ވަޒީފާތަކަށް ބަރޯސާ ނުވެ މިކަމަށް ހުސްވެފައި ތިބޭނެ ބަޔަކަށްވުން. އެއީ އެންމެ ބޮޑު ކަންބޮޑުވުމަކީ،" ޝަމީޒާ ވިދާޅުވި އެވެ.

މި ބައްދަލުވުުމުގައި ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ އޮނިގަނޑަށް ގެންނަ ބަދަލާ ބެހޭގޮތުން މެމްބަރުން ފާޅުކުރި ކަންބުޑުވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތުގެ އޮނިގަނޑަށް ގެންނާނެ ބަދަލު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ކަންކަން ދިރާސާ ކުރުމަށް ޔުނިވާސިޓީ އާއި ސިޓީތަކުގެ މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމާނީ އެ ދިރާސާއަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ކައުންސިލްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ތެރެއިން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އަހަރަކު ދެ ފަހަރު ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ވަރަށް ކައުންސިލްތަކަށް ވަޑައިގެން އެކައުންސިލްތަކާއި ޑަަބްލިއުޑީސީގެ މެމްބަރުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *