Support Us

ދުނިޔެއިން ވެސް އާމްދަނީގެ އެންމެ ފަރަގު ބޮޑީ ރާއްޖޭގައި: ދިރާސާ

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އާމްދަނީ އެންމެ ފަރަގު ބޮޑީ ރާއްޖޭގައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ވޯލްޑް އިންއީކުއަލިޓީ ޑޭޓާބޭސްއިން އެއްކުރި މައުލޫމާތުގައި ބަލައިފައިވަނީ ކޮންމެ ގައުމެއްގެ ވެސް އެ ގައުމެއްގެ އެންމެ މުއްސަނދި އެއް ޕަސެންޓް މީހުންނަށް ލިބެނީ މުޅި ގައުމުގެ އާމްދަނީން ލިބޭ މިންވަރުގެ ކިތައް ޕަސެންޓްތޯއެވެ. މި މޭރުމުން ބެލިއިރު ލިސްޓްގެ އެއްވަނައަށް ރާއްޖެ އަންނަނީ ރާއްޖޭގެ މުއްސަނދިކަމުގެ 35.61 ޕަސެންޓް އާމްދަނީ ރާއްޖޭގެ އެންމެ މުއްސަނދި އެއް ޕަސެންޓް މީހުންނަށް ލިބޭތީއެވެ.

ތިރީގައި މި ވަނީ ލިސްޓްގެ 10 ވަނައިގައިވާ ގައުމުތަކާއި އެ ގައުމުތަކުގެ އެންމެ މުއްސަނދި އެއް ޕަސެންޓް މީހުންނަށް އެ ގައުމުތަކުގެ މުއްސަނދިކަމުން ލިބެނީ ކިތައް ޕަސެންޓްކަމެވެ.

  1. ދިވެހި ރާއްޖެ: 35.61 ޕަސެންޓް
  2. މޮޒަމްބީކް: 31.11 ޕަސެންޓް
  3. ސެންޓްރަލް އެފްރިކަން ރިޕަބްލިކް: 31.00 ޕަސެންޓް
  4. މެކްސިކޯ: 26.81 ޕަސެންޓް
  5. ކެމްބޯޑިއާ: 26.81 ޕަސެންޓް
  6. މިޔަންމާ: 26.49 ޕަސެންޓް
  7. އެންގޯލާ: 25.98 ޕަސެންޓް
  8. ޕެރޫ: 25.18 ޕަސެންޓް
  9. ބަހްރައިން: 24.34 ޕަސެންޓް
  10. ޔަމަން: 24.20 ޕަސެންޓް

"މުއްސަނދިން އިތުރަށް މުއްސަނދިވެ، ފަގީރުން އިތުރަށް ފަގީރުވަމުންދިޔުމަކީ ސީރިއަސް މައްސަލައެއް،" ވޯލްޑް އިންއީކުއަލިޓީ ޑޭޓާބޭސްއިން ބުންޏެވެ.

އެ ތަނުން ބުނީ ދުނިޔޭގެ އާމްދަނީގެ 75 ޕަސެންޓް ލިބެނީ އެންމެ މުއްސަނދި 10 ޕަސެންޓް މީހުންނަށް ކަމަށެވެ.

މީގެ ކުރިން 1995 ގައި ދުނިޔޭގެ އެންމެ މުއްސަނދި އެއް ޕަސެންޓް މީހުންނަށް ލިބުނީ އަށް ޕަސެންޓް މުއްސަނދިކަމެވެ. މިހާރު އެ ނިސްބަތްވަނީ 12 ޕަސެންޓަށް އިތުރުވެފައެވެ. މީގެ އިތުރުން 2008 އާއި 2022 އާ ދޭތެރޭގައި އެންމެ މުއްސަނދި އެއް ޕަސެންޓް މީހުންނާއި އެންމެ ފަގީރު 50 ޕަސެންޓް މީހުންގެ ދެމެދުގެ ފަރަގު މިހާރު 50 ޕަސެންޓުން ވަނީ އިތުރުވެފައެވެ.