ޖަޕާނުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވޮލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާާއްޖެއަށް 161 މިލިއަން ޖަޕަނީސް ޔެން (15 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ދީފި އެވެ.
ދިވެހިރާއްޖެއިން 2020 ވަަނަ އަހަރު ޖަޕާނު ސަރުކާރާ އެކު ސޮއިކޮށްފައިވާ ޖޭޑީއެސްގެ ދަށުން މި އަހަރު ހަ ސްކޮލާޝިޕްގެ ފުރުސަތު ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ޖަޕާނުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗި މިދޮރި އެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ މި ސްކޮލަރޝިޕް ފުރުސަތުގައި އެ ގައުމުގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި މާސްޓާޒްއަށް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. މަރިޔަމް މާރިއާ އާއި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ސިވިލް ސާވިސް ކޮމިޝަންގެ އިސްބޭފުޅުންގެ އިތުރުން ޖަޕާން އެބަސީ އާއިި ޖޭއައިސީއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.



advertisment