މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން ފަސް މާއްދާއިން "އޭ ސްޓާރ" ހޯދި 19 ދަރިވަރަކު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް އަދި އޭ ފާސް ނުވަތަ އެއަށްވުރެ މަތި ހޯދި 117 ދަރިވަރަކު ހައިއެޗީވާސްގެ ސްކޮލަޝިޕް ހާސިލްކޮށްފި އެވެ.
ރާއްޖޭގެ 45 ސްކޫލަކުން މިދިޔަ އަހަރު 1406 ދަރިވަރުން އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާއިރު އޭގެތެރެއިން 136 ދަރިވަރުން ވަނީ އޭފާސް ހޯދައިފަ އެވެ.
އޭލެެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެއްވާ ހާއްސަ ސްކޮލަޝިޕް ހަވާލުކޮށް ދެއްވީ ހައިއެޗީވާސް އެވޯޑް ދިނުމަށް ހުރަވީ ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ހައިއެޗީވާސް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ހިތްވަރު ދެއްވައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި، ދިރިއުޅުމުގައި ކުރިއަށްދާއިރު އަބަދަކު އުފާވެރި ކަންކަން ދިމާނުވާނެ ކަމަށާއި އެކި ކަހަލަ ގޮންޖެހުންތަކާ ވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހަށިފޮޅާލައި ތެދުވެ ކުރިއަށްދާންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުށްކުރެވޭނީ ވެސް ކަންކަން ކުރަން އުޅޭ މީހުންގެ އަތުން. ކަމެއް ނުކޮށް ގޭގައި އޮންނަ މީހެއްގެ ކިބައިން ދައްކާނެ އެއްވެސް އުނި ސިފައެއް ނޯންނާނެ. ކަންކަން ކުރުމުގައި އުޅޭ މީހުންގެ ކިބައިން ފެންނާނީ ވެސް ކަންކަން. ކަންކަން ކުރުމުގައި، ކަމެއް ކުރުމުގައި ނަތީޖާއެއް ނެރެދިނުމުގައި އަޒުމެއް ކަނޑައަޅައިގެން މަސައްކަތުގެ މައިދާނުގައި އުޅޭ މީހެއްގެ ކިބައިން ފެންނާނީވެސް އުނި ސިފަތައް. އެހެނެއްނޫން އެއްވެސް ކަމެއް ނުކޮށް މައިދާނުން ދުރުގައި އުޅޭ މީހެއްގެ ކިބައިން ނުފެންނާނެ އެއްވެސް ކަހަލަ މައްސަލައެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެހެންވީމާ އަޒުމް ކަނޑައަޅަންވީ ކަންކަން ކުރާ މީހަކަށް ވުމުގެ އަޒުމް ކަމަށާއި ކަންކަން ކުރަން ނިކުތުމުން ކާމިޔާބުވާ ފަހަރާއި ކާމިޔާބުނުވާ ފަހަރުތައް ވެސް އަންނާނެ ކަމަށެވެ. އަދި ކާމިޔާބީ ނުލިބޭ ފަހަރުތަކަކީ އިތުރަށް އަޒުމް ވަރުގަދަކޮށް އަނެއްކާ ވެސް ކުރިއަށްދާން އަޒުމް ކަނޑައަޅަން ޖެހޭ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ދެން ހުރި މީހާ ތިމަންނައަށް މި ކުރެވުނު ކަމާ މެދު މަލާމަތްކޮށް ނޫނީ ކްރިޓިސައިޒްކޮށްގެން ހިތް މަރުވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކަށް މަލާމަތް ކުރަން ފުރުސަތު ލިބުނީ އެކަމުގައި އުޅުނީމައި ކަމަށާއި ދޮގު ހަދަން ފުރުސަތު ލިބުނީވެސް އެމީހާ ކަަމެއް ބަދަލުކޮށް، ކަމެއް ރަނގަޅުކޮށް އަދި އިސްލާހެއް ގެނެސް ކަމެއް ބަދަލު ކުރަން އުޅުނީމަ ކަމަށެވެ.
އަމިއްލަ ހަޔާތުގައި ކަމެއް ނުކޮށް ގޭގައި މަޑުކޮށްގެން ހުންނަ މީހަކާ ދިމާލަށް ކްރިޓިސައިޒް ކުރަން ބުނާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި ކޮންމެ މީހަކު ވެސް އަޒުމް ކަނޑައަޅަންވީ މައިދާނަށް ނިކުމެ ކަންކަން ރަނގަޅުކުރުމަށާއި އާއިލާ އާއި މުޖުތަމައު އަދި ގައުމު ތަރައްގީ ކުރުމުގައި ކުރިއަށްދާ މީހަކަށް ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިރޭ ލިބިގެން ދިޔަ ކާމިޔާބީ އަކީ އެ ކަންކަން ކުރަން ލިބިގެން ދިޔަ ފުރަތަމަ ފިޔަވަޅު ކަމަށް ރައީސް ވިދާޅުވި އެވެ.

ހައިއެޗީވާސް އެވޯޑް ހޯދި ދަރިވަރުންނަކީ މި ގައުމުގެ މުސްތަގުބަލް ކަމަށާއި މި ގައުމު އުފާވެރި މަންޒިލްތަކަށް ގެންގޮސްދިނުމަށް އަމަލީ މައިދާނުގައި ނިކުމެ ފަހުރުވެރިކަމާ އެކު ކުރިއަށްދާނެ ކުދިންތަކަކަށްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް ލިބިފައިވަނީ މާލޭގެ ހަތަރު ސްކޫލެއްގެ ދަރިވަރުންނަށެވެ. އެއީ ވިލާ އިންޓަނޭޝަނަލް ސްކޫލްގެ ހަ ދަރިވަރަކަށާއި ސެންޓަރ ފޯރ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަ ދަރިވަރަކާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާގެ ސްކޫލްގެ ތިން ދަރިވަރަކަށެވެ.



advertisment