މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެންޝަން ސާވިސްގެ 18 މުވައްޒަފެއްގެ އެކައުންޓަަށް 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން ރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ މާފުށީ ޖަލުން ފޯނާއި މަސްތުވާތަކެތި ފެންނަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށެވެ.
"މީގެ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ކުރިން ފުލުހުންގެ އިންޓެލިޖެންސްއިން ވަނީ އަޅުގަނޑާ ހިސާބަށް ގެނެސްފައި ޖަލުގެ އޮފިސަރުން ބައިވެރިވެގެން ގޮޅިތަކަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމުގައި ކަންތައްތައް ހިންގަމުން ގެންދާ ކަމަށް ޝައްކު ކުރެވޭ ކަމަށް،" އިހުސާން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުން މިހާރު ފަށައިފައިވާ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން އެސިސްޓެންސް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިހާތަނަށް ހޯދި ހޯދުންތަކުން ކަރެޝްޝަންސްގެ 18 މުވައްޒަފެއްގެ މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ 18 އޮފިސަރުންގެ އެކައުންޓަަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެގޮތުން އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަންގެ އަދަދުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލިބެލުމުން އަޅުގަނޑުމެނަށް ފާހަގަކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓަށް އެބަހުރި ގާތްގަނޑަކަށް 73 މިލިއަން ހަ ލައްކަ ރުފިޔާ (ޖަމާވެފައި)" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ފައިސާ ޖަމާވެފައި ހުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ކަމަށެވެ.
"މި ފައިސާ މި އެކައުންޓްތަކަށް ޖަމާވެފައި ހުރީ ޖަލުގައި ހައްޔަރުގައި ތިބި މީހުންގެ އެކައުންޓުންނާއި މާލޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެކައުންޓުތަކުން،" ޝަރީފް ވިދާޅުވި އެވެ.
ފުލުހުންނަށް މި މައުލޫމާތު ލިބުމާ އެކު މާފުށީ ޖަލުގައި ރޭ ފެށި އޮޕަރޭޝަންގެ ދަށުން ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަަަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ 73.6 މިލިއަން ރުފިޔާ އަކީ މި 18 މުވައްޒަފުންގެ އެކައުންޓަށް 2023 ވަނަ އަހަރު ޖަމާވެފައި ހުރި ކަމަށް މިހާތަނަށް ފާހަގަކުރެވޭ އަދަދު ކަމަށެވެ. އަދި މި ފައިސާ ޖަމާކުރި ފަރާތްތަކުން ކުރި ކަމަކީ ކުށެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
"ރިޝްވަތު ހުށަހެޅުމަކީ އެއީ ކުށެެއް. ރިޝްވަތު ހިފުމަކީ ވެސް ކުށެއް. އެހެންވީމަ އަޅުގަނޑުމެން މި ރިޝްވަތު ހުށަހެޅި މީހުންނާއި ރިޝްވަތު ހިފި މީހުންނާ މެދު ވެސް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނަން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި 18 މީހުންގެ ތެރެއިން ހަ މުވައްޒަފަކު މިހާރު ކަރެކްޝަންގެ ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެމީހުން އެކަން ކޮށްފައިވަނީ ކަރެކްޝަންގެ މުވައްޒަފުންގެ ގޮތުގައި ތިބެ ކަމުގައިވާތީ އެ ފަރާތްތަކާ މެދު ވެސް ފިޔަވަޅުއަޅާނެ ކަމަށެވެ.
"މި ފަރާތްތަކަކީ މިހާތަނަށް ބެލިބެލުމުގައި ވިޔަފާރިއެއްގައި ރަސްމީ ގޮތުން ބައިވެރިވާ ފަރާތްތަކެއް ނޫން. އަދި އިތުރު ވަޒީފާއެއް އޭގެ ޒާތުގައި އަދާކުރެެވޭ ފަރާތްތަކެއް ނޫން. އެހެންވީމާ މީހާ ބައިވަރު ފައިސާ އެކައުންޓްގައި ހުރުމަކީ އެބަޔަކު އަދުގެ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން އެއަށް ޒިންމާވެ އެ ފައިސާ ލިބުނު ގޮތް ދައުލަތަށް އަދި ތަހުގީގު ކުރާ މުއައްސަސާތަކަށް ވެސް ސާބިތުކޮށްދޭންޖެެހޭ އެއްޗެއް،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ ދައުލަތުގެ ޔުނިފޯމް އެޅި މުއައްސަސާއަކުން އެފަދަ އަމަލްތައް ފެނުމުން އެކަމާ ދެރަވެ ކަނބޮޑުވާ ކަމަށާއި އެކަން އެއްވެސް ވަރަކަށް ޓޮލަރޭޓް ނުކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަަލަންޖެހޭ އެންމެ ފުންމިނަކަށް ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ ދެއްވި އެވެ.



advertisment