Support Us

ފުރިހަމަ އިރުކޭތައިގެ ސަބަބުން އިންސާނުންނަށް ޖިސްމާނީ އުނދަގޫތަކެއް ކުރިމަތިވި

އިއްޔެ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ފެނުނު ފުރިހަމަ އިރުކޭތައިގެ ސަބަބުން ޖިސްމާނީ އުނދަގޫތަކެއް ކުރިމަތިވި ކަމަށް ކޭތަ ފެނުނު ސަރަހައްދުތަކުގައި އުޅޭ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފިއެވެ.

ކޭތަ ހިފުމުގެ ކުރިން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފައިވަނީ އައްޔާއި އަނދިރިކަމާ ގުޅިފައިވާ ބަޔޮލޮޖިކަލް "ގަޑިއެއް" ހުރި ޖަނަވާރުންނަށް ރޭގަނޑާއި ދުވާލު އޮޅޭ ގޮތް ވިޔަސް، ކޭތައިގެ ސަބަބުން އިންސާނުންނަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ކޭތަ ހިފި ސަރަހައްދުތަކުގައި އުޅޭ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިއާ ތަފާތު ވާހަކަތަކެކެވެ. 

އެ ގޮތުން ބުނަން ނޭނގޭ ޖަޒުބާތުތަކާއި ބޮލުގައި ރިހުމާއި ނިދި ނައުން ފަދަ މައްސަލަތައް ކުރިމަތިވި ކަމަށް ކޭތަ ދިމާވި ސަރަހައްދުތަކުގައި އުޅޭ ބައެއް މީހުން ބުނެފައިވެއެވެ. 

"ޖިސްމާނީ ގޮތުން ވެސް ހަށިގަނޑު ބަލިވި ކަމުގެ އިހުސާސެއް ކުރެވުނު،" ސޯޝަލް މީޑިއާގައި އެކަކު ލިޔެފައިވެއެވެ.

ބައެއް މީހުން މި ކަމަށް ދީފައިވާ ނަމަކީ "އެކްލިޕްސް ސިކްނެސް" ނުވަތަ "ކޭތައިގެ ބަލިމަޑުކަން" އެވެ.

މަދު މިނެޓް ކޮޅަކަށް އިއްޔެ އިރުކޭތަ ފުރިހަމަވެފައި ހުއްޓަސް، ބައެއް މީހުން ބުނެފައިވަނީ "ބުނަން ނޭނގޭ އިހުސާސް"ތަކެއް ކުރެވުނު ކަމަށެވެ.

ސޯޝަލް މީޑިއާގައި އެކަކު ބުނެފައިވަނީ އޭނާގެ މުޅި ހަށިގަނޑު "އެއްކޮށް ވަރުބަލިވެފައިވާ ކަހަލަ" ޖިސްމާނީ ކަމެއް އިހުސާސް ކުރެވުނު ކަމަށެވެ.

އެއް އަންހެނަކު ބުނެފައިވާ ގޮތުގައި އޭނާގެ މައްސަރު ކަންތަކަށް ބުރޫ އެރިއެވެ. 

އެހެން މީހަކު ބުނެފައިވަނީ ނިދި ނައުމާއި ކާހިތް ކެނޑުމާއި އަދި އިތުރަށް ވެސް ބުނަން ނޭނގޭ އުނދަގޫތަކެއް އޭނާގެ ހަށިގަނޑަށް އިހުސާސް ކުރެވުނު ކަމަށެވެ.

"އަހަރެންގެ ގާތުގައި މީހަކު ބުނި މިއީ ކޭތައިގެ ކަމަކަށް ވެދާނޭ ނަމަވެސް ކިހިނެތް ކީއްވެ ކަމެއް ނޭނގޭ،" އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން 2017 ގައި އެމެރިކާ އަށް ފެނުނު ފުރިހަމަ އިރުކޭތައިގެ ކުރިން ނާސާއިން ވަނީ ކޭތަ އާއި އިންސާނާގެ ހަށިގަނޑާ ގުޅުމެއް ނުވާ ކަމަށް ބުނެފައެވެ.

"އިންސާނާގެ ސިއްހަތާއި ފުރިހަމަ އިރުކޭތައަކާ ޖިސްމާނީ ގޮތުން އެއްވެސް ގުޅުމެއް ނުވޭ. އެއީ ހަމަ އިންސާނާގެ ސިއްހަތާއި ހުޅެވި ހަނދާ ޖިސްމާނީ ގުޅުމެއް ނުވާ ފަދައިން،" ނާސާއިން ބުނެފައިވެއެވެ.

"ބައެއް މީހުންނާ މި ކަހަލަ ހާދިސާތަކާ ގުޅުމެއްވާ ކަމަށް މަދުން ނަމަވެސް ދެއްކިއަސް ގިނަ މީހުންނަށް މި ކަހަލަ ކަންތަކާ ކުރިމަތިލާން ޖެހޭ ކަމަކަށް ނުދައްކާ،" ނާސާއިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *