Support Us

މިވެސް އާދަޔާޚިލާފު މީހެއްގެ ވާހަކަ- ފުރިހަމަ ފަރުވާއެއް ނެތް

ބަންގްލަދޭޝަށް އުފަން އަބުލް ބަޖަންދަރަކީ އާދަޔާ ހިލާފު ކުރަތަކެއް ހަށިގަނޑުގައި ލާފައިވާ މީހެކެވެ. އުމުރުން މިހާރު 33 އަހަރު ވެފައިވާ އަބުލް އަށް ކުރިމަތިވެފައިވަނީ "ޓްރީ މޭން" ނުވަތަ "ގަސް މީހާ"ގެ ބައްޔެވެ. މިއީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާ، އިންސާނާގެ ޖީންތަކުގެ މައްސަލައަކުން ދިމާވާ ގޮތެކެވެ. މިހެން ދިމާވުމުން މީހާ ފެންނާނީ ގޮފި ފަޅާފައިވާ ގަހެއްގެ ބައެއްހެންނެވެ.

އެތައް އަހަރެއް ވަންދެން ފަރުވާ ދިނުމަށް ފަހު އަބުލް އެ ފަރުވާ ހުއްޓާލިޔަސް މިދިޔަ އަހަރު އޭނާ ވަނީ އަލުން ހޮސްޕިޓަލުން ފަރުވާ ހޯދަން ފަށައިފައެވެ. ވެރިރަށް ދާކާގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން އަބުލް ފުރަތަމަ ފަރުވާ ހޯދީ 2016 އިން 2018 އަށެވެ. އެ ފަހަރު 24 ސާޖަރީ ހަދައިގެން އޭނާގެ ހަށިގަނޑުގައިވާ ކުރަތައް ވަނީ ނަގައިފައެވެ.

އަބުލްގެ ޑޮކްޓަރުން ވިދާޅުވީ އޭނާއަށް ޖެހިފައިވަނީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށާއި ނަމަވެސް ފުރިހަމަ ފަރުވާއެއް ނެތް ބައްޔެއް ކަމަށެވެ. ސާޖަރީ ހެދުމަކީ އޭނާގެ ހަށިގަނޑުގައި އަޅާ ވޭންތަކަށް ދެވޭ ހަމައެކަނި ވަގުތީ ފަރުވާއެއް ކަމަށެވެ.

އަބުލް ވަނީ 2018 ގައި އޭނާގެ ވިލެޖަށް އަނބުރާ ގޮސްފައެވެ. އޭނާގެ އާއިލާ އާއެކު ވަގުތު ހޭދަކުރުމަށެވެ. ނަމަވެސް ޖެހިގެން އައި އަހަރު ކުޑަ ދުވަސްކޮޅަކަށް އަނެއްކާވެސް ހޮސްޕިޓަލަށް ދިޔައެވެ. ސަބަބަކަށްވީ އޭނާ ދެކޭ ހުވަފެނެއް ކަމަށްވާ އާދައިގެ ދިރިއުޅުމަކުން މަހްރޫމްވުމެވެ. އަބުލް ބޭނުންވީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއެކު ވަގުތު ހޭދަކޮށް، ޓެކްސީ ޑްރައިވަރެއްގެ ވަޒީފާގައި އުޅުމަށެވެ. ނަމަވެސް އެ ކަމަށް ހުރަސް އެޅި އޭނާގެ ހަށިގަނޑުގައި ކުރަތައް އަލުން ފަޅަން ފެށިއެވެ.

"އަހަރެންގެ ހާލަތު އިތުރަށް ގޯސްވި ވިލެޖަށް އަނބުރާ ދިޔަ ފަހުން. އަހަރެންނަށް ވަޒީފާއަކު ނޫޅެވުނު. ޖެހުނީ ސަލާންޖަހައިގެން ދިރިއުޅެން،" އަބުލް ބުންޏެވެ.

އޭނާ ބުނީ ކުރިން ފަހަރު ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އެނބުރި ވިލެޖަށް ދިޔައީ ހޮސްޕިޓަލުގައި ގިނަ ދުވަހު މަޑު ކުރުމުން އަތުން ދާ ހަރަދު ދެއްކެން ނެތުމުން ކަމަށެވެ.

"އަހަރެން އެނބުރި އައިސް ޑޮކްޓަރަށް ދެއްކުމުން ވަގުތުން ހޮސްޕިޓަލުގައި އަނެއްކާ އެޑްމިޓް ކުރި،" އަބުލް ބުންޏެވެ.

ހަށިގަނޑު ފިހުމާއި ޕްލާސްޓިކް ސާޖަރީ ހެދުމާ ގުޅޭ ބަންގްލަދޭޝްގެ ގައުމީ މުއައްސަސާގެ ވިލަރެސްކުރުންތެރިޔާ ސަމަންތާ ލާލް ސެން ވިދާޅުވީ ކުރިން ފަހަރަކު އަބުލް އަށް ފަރުވާ ދިން ކަމަށާއި ނަމަވެސް އަލުން އައުމަށް ތަކުރާރުކޮށް ބުނުމުން ވެސް އަބުލް އެ ކަމާ ދެކޮޅު ހެދި ކަމަށެވެ.

"މިހާރު އޭނާ އައި އިރު ހާލަތު ވަރަށް ގޯސް. އަހަރެމެންނަށް ޖެހުނީ އޭނާގެ ސާޖަރީތައް އަލުން ސުމަކުން ފަށަން،" ސަމަންތާ ވިދާޅުވިއެވެ.

އަބުލް އަކީ ބަންގްލަދޭޝްގައި ހުރި ހަމައެކަނި "ގަސް މީހާ"އެއް ނޫނެވެ. އުމުރުން 10 އަހަރުގެ އަންހެން ކުއްޖެއްގެ ވެސް މި ކަހަލަ ކުރަތަކެއް ލާފައިވާކަން 2017 ގައި ވަނީ ރެކޯޑު ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *