...

Support Us

އިސްރާއީލު ސިފައިން ޣައްޒާއިން ފޭބީކީ ނޫން، އޮޕަރޭޝަންތައް ވަރުގަދަކުރަން ވަރުބަލިކަން ފިލުވާލަނީ

އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއިން ފޭބީކީ ނޫން ކަމަށާއި ބޭނުމަކީ ހަތް މަސް ދުވަހުގެ ވަރުބަލިކަން ފިލުވާލައި، ޚާން ޔޫނިސް އާއި ރަފާހްގެ އޮޕަރޭޝަންތައް އަލުން މާ ވަރުގަދައަށް ކުރިއަށް ގެންދިއުމަށް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ގައުމީ ސަލާމަތުގެ މުވާސަލާތާ ބެހޭ މުޝީރު ޖޯން ކާބީ ވިދާޅުވީ އެމެރިކާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާއިން ބާލަނީ ނޫން ކަމަށެވެ.

"އަހަރެމެންނަށް ހަބަރު ލިބިފައިވާ ގޮތުގައި އިސްރާއީލު ސިފައިން ބޭނުންވަނީ ހަމާސް އާ ދެކޮޅަށް ކުރިއަށް ގެންދާ ހަމަލަތަކުގެ މި ވޭތުވެގެންދިޔަ ހަތް މަސް ދުވަހުގެ ވަރުބަލިކަން ފިލުވާލުން،" ކާބީ ވިދާޅުވިއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގެލެންޓް ވެސް ވިދާޅުވީ އިސްރާއީލުން އެ ގައުމުގެ ސިފައިން ޣައްޒާއިން ބާލަނީ ނޫން ކަމަށެވެ.

"އަހަރެމެން ވަގުތީ ގޮތުން ފަހަތަށް މި ޖެހިލަނީ ރަފާހް ކަހަލަ ސަރަހައްދުތަކުގައި ހިންގަމުންދާ އޮޕަރޭޝަންތައް މިހާރަށް ވުރެ ރަނގަޅަށް ރާވާލަން،" ޔޯވް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ 1،139 މީހުން މަރާލައި، 250 އަށްވުރެ ގިނަ ޔަހޫދީން ރަހީނު ކުރުމުން، އިސްރާއީލުގެ އަސްކަރިއްޔާ އިސްރާއީލު ޑިފެންސް ފޯސަސް (އައި.ޑީ.އެފް)އިން ހަމާސް އާ ދެކޮޅަށް ޣައްޒާގައި ފެށި ހަމަލަތަކުގައި އިއްޔެއާ ހަމައަށް ވަނީ 33،175 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަދި 75،886 މީހުން ޒަހަމް ކޮށްލައިފައެވެ.

އައި.ޑީ.އެފް.އިން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނާއި އިސްރާއީލުގެ އިން ގުޅޭ ސަރަހައްދުތަކުގައި އީރާނުގެ ހަނގުރާމަވެރި ހިޒްބުﷲ ޖަމާއަތަށް ދޭ ހަމަލަތައް ވަރުގަދަ ކުރަން ބޭނުން ކަމަށާއި މިހާރު ބޭނުންވަނީ ހަމައެކަނި ދިފާއުވުން ނޫން ކަމަށާއި ނަމަވެސް ހިޒްބުﷲ އަށް ހަމަލަ ދިނުން ކަމަށެވެ.

މެދުއިރުމަތި އިތުރަށް ހަލަބޮލިވެފައި ވަނިކޮށް އދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)އިން ބުނީ ޣައްޒާގެ 1.1 މިލިއަން ފަލަސްތީނު ރައްޔިތުންނަށް ތިން މަސް ދުވަހަށް ވާ ވަރަށް އެހީ އިސްރާއީލަށް ފޮނުވާފައިވާ ކަމަށާއި އިރެޒް ސަރަހައްދު ހުރަސްކޮށް މި އެހީ ފޯރުކޮށްދޭން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށެވެ.

"އިސްރާއީލުން އިރެޒުން ދޮރު ހުޅުވާލުމަށް އެއްބަސްވުމަކީ މުހިންމު ކަމެއް،" ޑަބްލިޔު.އެފް.ޕީގެ އެގްޒެކަޓިވް ޑައިރެކްޓަރު ސިންޑީ މެކްކެއިން ވިދާޅުވިއެވެ.

އިސްރާއީލުން ބޭނުން ވަނީ ހަމާސް އަށް ހަމަލަ ދިނުމަށް ކަމަށް ބުނި ނަމަވެސް އައި.ޑީ.އެފް ކަންތައްތައް ކުރަނީ ބުނާ ބަހާ މުޅިން އިދިކޮޅަށެވެ. އެ ގޮތުން ޣައްޒާގެ ރައްޔިތުން ޚާން ޔޫނިސްއިން ހިމާޔަތް ހޯދުން މުހިންމު ކަމަށް ބުނެފައި ޑިސެމްބަރު މަހުން ފެށިގެން ވަނީ އެ ސަރަހައްދަށް ވަރުގަދަ ހަމަލަތަކެއް ދޭން ފަށައިފައެވެ. އައި.ޑީ.އެފުން ދެއްކި އުޒުރަކީ ޚާން ޔޫނިސް އަކީ ހަމާސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށާއި އާއްމު އިމާރާތްތަކުގެ ދަށުން ބިންގަރާސް ހޮހަޅަތައް ހަދައިގެން އިސްރާއީލަށް ހަމަލަ ދޭ ކަމަށެވެ. އަދި އޮކްޓޫބަރު ހަތެއްގައި އިސްރާއީލަށް ހަމަލަ ދިނީ ވެސް މި ފަދަ ހޮހަޅަތައް ބޭނުން ކޮށްގެން ކަމަށް ތުހުމަތު ކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.